ރިޕޯޓުރިޔާސީ ބަހުސް ޕްރިވިއު: ތާރީހު އަދި އެނގެން މުހިންމު ކަންކަން

ރިޔާސީ ބަހުސް ޕްރިވިއު: ތާރީހު އަދި އެނގެން މުހިންމު ކަންކަން

ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ވޯޓުލާ އާބާދީގައި ހިމެނޭ 282،672 މީހުންގެ ތެރެއިން 58 ޕަސެންޓުނ މީހުން ވޯޓުލާނެ ކެންޑިޑޭޓަކު އަދިވެސް ނުނިންމަ އެވެ. އެހެންކަމުން، އަންނަ ހުކުރު ދުވަހު ބާއްވާ ރިޔާސީ ބަހުސަކީ ވޯޓު ދޭނީ ކޮން ބޭފުޅަކަށްތޯ ހިޔާރު ކުރަން ލިބޭ ފުރުސަތެއް.

ރިޔާސީ ބަހުސް ޕްރިވިއު: ތާރީހު އަދި އެނގެން މުހިންމު ކަންކަން

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުން ދެ ދުވަހެއް ފަހުން ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން، އެބޭފުޅުންގެ ސިޔާސަތުތައް ހާމަކޮށް، އެއަށް ކުރިމަތިވާ ފާޑުކިޔުންތައް ދިފާއު ކުރައްވާނެ އެވެ.

މިއީ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރައްވާ ފަހަރު ކަމަށްވާއިރު، އެބޭފުޅެއްގެ އަމާޒު އޮޅުންފިލުވައިދެއްވައި، މާޒީ ދިފާއު ކުރެއްވުމަށް ހުރިހާ ބޭފުޅުންނަށް ވެސް ހަމަހަމަ ފުރުސަތެއް ލިބިވަޑައިގަންނަވާނެ އެވެ.

ޓެލެވިޒަން މޯލްޑިވްސް އަދި ސަންގު ޓީވީ ގުޅިގެން ބާއްވާ އެ ބަހުސް ލައިވްކޮށް ރައްޔިތުންނަށް ފެންނާނެ އެވެ. އަދި ބަހުސް ކުރާ މާލަމަށް ވަޑައިގެން، ހަމަ ލޮލުން ވެސް ބަހުސް ބެލުމުގެ ފުރުސަތު އާންމުނަށް ލިބޭނެ އެވެ.

ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބު ބާއްވަން އެންމެ 10 ދުވަހަށް ވެފައިވާއިރު، ބާނި ސެންޓަރުން ނެގި ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ވޯޓުލާ އާބާދީގައި ހިމެނޭ 282،672 މީހުންގެ ތެރެއިން 58 ޕަސެންޓުނ މީހުން ވޯޓުލާނެ ކެންޑިޑޭޓަކު އަދިވެސް ނުނިންމަ އެވެ.

އެހެންކަމުން، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ ބަހުސަކީ ވޯޓު ދޭނީ ކޮން ބޭފުޅަކަށްތޯ ހިޔާރު ކުރަން އާންމުނަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ކެންޑިޑޭޓުންނާ އެއްވަރަށް އެ ބަހުސަށް އާންމުން ވެސް ތައްޔާރުވާން އެބަ ޖެހެ އެވެ.

ރިޔާސީ ބަހުސްގެ ފެށުމާއި ތާރީހު

ކެންޑިޑޭޓުންގެ މެދުގައި ރިޔާސީ ބަހުސް އެންމެ ފޯރިއާއެކު ކުރިއަށްގެންދާ ގައުމަކީ އެމެރިކާ އެވެ. ރިޔާސީ ބަހުސްތަކެއްގެ މެދުގައި އެ ގައުމު މިހާރު ވެސް އުޅޭއިރު، ކެންޑިޑޭޓުން ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ބަހުސް ކުރަން ފެށީ ވެސް އެމެރިކާގަ އެވެ.

އެކަން އެންމެ ފުރަތަމަ ފެށުނު ގޮތަކީ 1858 ގައި ސެނެޓަށް ވާދަ ކުރެއްވި އަބްރަހަމް ލިންކަން އާއި ސްޓީފެން ޑަގްލަސް ބަހުސް ކުރެއްވުމަށް އެއްބަސްވެ، އަވަށް އަވަށަށް ވަޑައިގެން އެ މަސައްކަތް ކުރެއްވުމުންނެވެ.

އެފަހަރު ބަހުސް ކުރެއްވުމަށް އެ ދެ ބޭފުޅުން ވެސް ވަރަށް ބޮޑު ބުރައެއް އުފުއްލެވި އެވެ. އެކި އަވަށްތަކުގައި ޖުމްލަ އަށް ބަހުސް ބޭއްވިއިރު ކޮންމެ ބަހުސެއް ތިން ގަޑިއިރަށް ދިގުދެމިގެންދިޔަ އެވެ. ބަހުސް ކުރިއަށްގެންދާނެ ފޯމެޓު އޮތީ ކުރިން ކަނޑައަޅައިފަ އެވެ.

އޭގެ ފަހުން ސިޔާސީ މަމާގުތަކަށް އިންތިހާބުވާ ބޭފުޅުންގެ މެދުގައި ބަހުސް ބާއްވަމުން ގޮސް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ މެދުގައި އެމެރިކާގައި ބަހުސެއް ބޭއްވީ 1960 ވަނަ އަހަރު އެވެ. އެ ބަހުސްގައި ބައިވެރިވެވަޑައިގަތީ ޑިމޮކްރެޓްސްގެ ޕާޓީގެ ޖޯން އެފް. ކެނެޑީ އާއި އޭރު އެ ގައުމުގެ ނައިބު ރައީސް ރިޗަޑް ނިކްސަން އެވެ. އެއީ ޓީވީ މެދުވެރިކޮށް އެންމެ ފުރަތަމަ ލައިވް ކުރި ބަހުސެވެ.

ކެނެޑީ އާއި ނިކްސަންގެ ޑިބޭޓް: ކެނެޑީ ބަލިވީ ބަހުސްގައި ދެރަވުމުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރޭ -- ފޮޓޯ: ޑިބޭޓް ކޮމިޝަން
ކެނެޑީ އާއި ނިކްސަންގެ ޑިބޭޓް: ކެނެޑީ ބަލިވީ ބަހުސްގައި ދެރަވުމުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރޭ -- ފޮޓޯ: ޑިބޭޓް ކޮމިޝަން

ކެނެޑީ އާއި ނިކްސަންގެ ޑިބޭޓް: ކެނެޑީ ބަލިވީ ބަހުސްގައި ދެރަވުމުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރޭ -- ފޮޓޯ: ޑިބޭޓް ކޮމިޝަން

ކެނެޑީ އާއި ނިކްސަންގެ ބަހުސްގެ ހަތަރު ބުރެއް ބޭއްވި އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ބޭއްވި ބަހުސް 66.4 މިލިއަން މީހުން ބެލި އެވެ.

އޭގެ ފަހުން އެމެރިކާގައި ރައީސަކު ހޮވުމުގެ ކުރިން ކެންޑިޑޭޓުން ކޮންމެ ފަހަރަކު ވެސް ބަހުސަކަށް ނުކުމެވަޑައިގަންނަވަ އެވެ.

ބަހުސެއްގައި ކުރި ލިބޭނީ ކިހިނެއް؟ ކުރަންވީ ކީއް؟

ބަހުސް ކުރުމަކީ ހުނަރެކެވެ. ކެމެރާތައް ކުރިމައްޗަށް ނުކުމެ، އެތައް ހާސް ރައްޔިތުންނަކަށް ތިމާ ބޭނުންވާ މެސެޖު ފޯރުކޮށްދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް، ތިބާގެ ކޮންމެ ބަހަކަށް ފާރަވެރިވެ، ފާޑުކިޔާނެ ވާދަވެރިއަކު ކައިރީގައި ހުންނަ ނަމަ އެ ގޮންޖެހުން ދެގުނަ ވެ އެވެ.

ސިޔާސީ ބަހުސަކަށް ނުކުންނަން އެމެރިކާގައި ކެންޑިޑޭޓުން އެތައް ދުވަހެއް ކުރިން ތައްޔާރުވެ، އެކަމަށް އެތައް ހާސް ފައިސާއެއް ހަރަދު ކުރެ އެވެ. ސަބަބަކީ ބަހުސުން މޮޅުވެއްޖެ ނަމަ އިންތިހާބު ވެސް މޮޅުވުން ގާތްވުމެވެ.

ސިޔާސީ ބަހުސަކަށް ތައްޔާރުވުމަށް ވިސްނަންޖެހޭ ބައެއް ކަންތައްތައް

  • ތިމާ އަދި ވާދަވެރިންގެ ސިޔާސަތުތައް ދެނެގަތުން.
  • ވާހަކަ ދައްކަން ބޭނުންވާ ނުކުތާތައް ކުރިން ނިންމައި ދައްކާ ވާހަކަތަކުން ހަދާނެ ހެޑްލައިނަކަށް ވިސްނުން.
  • ވާދަވެރިޔާއަށް ފާޑުކިޔާ ނަމަ ރުޅީގެ ބަދަލުގައި ދެރަވުމުގެ އިހުސާސް ދެއްކުން.
  • ވާހަކައަކުން ބަދަލުވެދާނެ ވޯޓުތަކަށް ކުރިން ވިސްނުން.
  • ވާހަކަ ދައްކާއިރު މިސާލާއެކު ވާހަކަ ދެއްކުން.
  • ތިމާގެ ބަހަކުން ވާދަވެރިޔާ ދެރަކޮށްލުމުގެ ބަދަލުގައި އަމިއްލައަށް އެފަދަ ބަހެއް ބުނާނެ ހާލަތަށް ގެންދިޔުން.
  • ބަހުސްގެ ކުރިން އެކަނި ވަގުތުކޮޅެއް ހޭދަކޮށްލުން.

އެ ހުރިހާ ކަމަކަށް ތައްޔާރުވުމަށްފަހު ވެސް ވިސްނަންޖެހޭ ބައެއް ކަންކަން ހުރެ އެވެ. ބަހުސް ކުރަނީ ޓީވީގެ ކުރިމައްޗަށް އަރައިގެން ކަމަށްވާތީ ތިމާގެ ސިފަ އާއި މީހާ ދައްކުވައިދޭ ގޮތަށް ވިސްނަންޖެހެ އެވެ.

އެމެރިކާގެ ނިކްސަން އަދި ކެނެޑީ ބަހުސް ކުރިއިރު، ރޭޑިއޯއިން އަޑުއެހި މީހުން ދެކުނީ ދެމީހުން ވެސް އެއްވަރު ކަމަށެވެ. އެކަމަކު، ޓީވީ ބެލި މީހުން ވަރަށް ސާފުކޮށް ބުނީ މޮޅުވީ ކެނެޑީ ކަމަށެވެ. ސަބަބަކީ، ނިކްސަން އެ ވަގުތު ބަލިވެ ހުންނެވުމާއި ޓީވީއިން ފެނުނުއިރު ސިއްހަތު ބަލިކޮށް ފެނުމެވެ. އެއާ ހިލާފަށް ކެނެޑީ ފެނުނީ ސިއްހަތު ރަނގަޅުކޮށް، ވަރުގަދަ ބޭފުޅެއްގެ ގޮތުގަ އެވެ.

ނަމަވެސް، ފެންނަ މަންޒަރަކީ ވެސް ހުރިހާ އެއްޗެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ރާއްޖޭގައި ބޭއްވި ބަހުސަކަށް އެރި ބޭފުޅަކު ގުޑުގުޑު އަޅައި، އެންމެފަހުން "ބޯއަނބުރައިގަނެ"، ސްޓޭޖަށް ވެސް ވެއްޓުނެވެ. އެކަމަކު އިންތިހާބުގެ ނަތީޖާ ގުނިއިރު ގޮނޑިއަށް ހޮވުނީ އެ ކެންޑިޑޭޓެވެ.

ރާއްޖޭގެ ރިޔާސީ ބަހުސްގެ ތާރީހު

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވަޑައިގަންނަވަން ބޭނުންވާ ބޭފުޅުންގެ މެދުގައި ރާއްޖޭގައި ބަހުސެއް އެންމެ ފުރަތަމަ ބޭއްވީ ސެޕްޓެމްބަރު، 2008 ގަ އެވެ. އެ ބަހުސްގައި ހުރިހާ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގަތެވެ.

އެއީ އެއިރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިންތިހާބު ކާމިޔާބު ކުރެއްވި މުހައްމަދު ނަޝީދާއި އިތުރަށް ވާދަ ކުރެއްވި ގާސިމް އިބްރާހިމާއި ހަސަން ސައީދާއި އުމަރު ނަސީރާއި އިބްރާހިމް އިސްމާއިލް (އިބްރާ) އެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ ބަހުސް: އެ ބަހުސްގައި ހުރިހާ ކެންޑިޑޭޓުން ވެސް ބައިވެރިވި -- ފޮޓޯ: މިނިސްޓްރީ އޮފް ލީގަލް ރިފޯމް
ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ ބަހުސް: އެ ބަހުސްގައި ހުރިހާ ކެންޑިޑޭޓުން ވެސް ބައިވެރިވި -- ފޮޓޯ: މިނިސްޓްރީ އޮފް ލީގަލް ރިފޯމް

ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ ބަހުސް: އެ ބަހުސްގައި ހުރިހާ ކެންޑިޑޭޓުން ވެސް ބައިވެރިވި -- ފޮޓޯ: މިނިސްޓްރީ އޮފް ލީގަލް ރިފޯމް

އެ ބަހުސް އިންތިޒާމް ކުރީ މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސްގެ ފަރާތުންނެވެ. ބަހުސް ބޭއްވީ އެ މިނިސްޓްރީން ކުރިއަށްގެންދިޔަ "ތިންކް ނޭޝަން" ޕްރޮގްރާމުގެ ދަށުންނެވެ. ބަހުސް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހުންނެވީ ކޭތީ ޓޮލީޑޯ އެވެ.

އެ ބަހުސްގައި ކެންޑިޑޭޓުން ދެއްކެވި ވާހަކަތައް މި ލިޔުމުގައި އިނގިރޭސިބަހުން ފެންނަން އެބަހުއްޓެވެ.

އޭފަ ފަހުން 2013 ވަނަ ރިޔާސީ އިންތިހާބަށް ވެސް ކެންޑިޑޭޓުންގެ މެދުގައި ބަހުސެއް ބޭއްވި އެވެ. ސެޕްޓެމްބަރު މަހު ބޭއްވި އެ ބަހުސްގައި އެ ވަގުތު ކުރިމަތިލެއްވި ހުރިހާ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެއީ ގާސިމް އިބްރާހިމާއި އެއިރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސުން އަބްދުﷲ ޔާމީނާއި މުހައްމަދު ނަޝީދެވެ.

އެ އަހަރުގެ ރިޔާސީ ބަހުސް ހުށަހެޅުއްވީ މިހާރު ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދެވެ.

އެ ފަހަރުގެ ރިޔާސީ ބަހުސެއްގެ އިތުރުން ރަނިން މޭޓުންގެ ބަހުސެއް ވެސް ބޭއްވި އެވެ. އެ ބަހުސްގައި ބައިވެރިވެވަޑައިގަތީ ޑރ. ހަސަން ސައީދާއި ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އަހުމަދު ތަސްމީން އަލީ އާއި ޑރ. މުސްތަފާ ލުތުފީ އެވެ.

އެންމެފަހުން، 2018 ގައި ބޭއްވި ރިޔާސީ ބަހުސްގައި ހުރިހާ ކެންޑިޑޭޓުން ބައިވެރިވެވަޑައެއްނުގަންނަވަ އެވެ. އެއިރުގެ ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ނަމަވެސް އިދިކޮޅުގައި ހުންނެވި ހަމައެކަނި ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައެއްނުގަންނަވަ އެވެ.

އެގޮތަށް އެމަނިކުފާނު ނިންމެވީ، ރާއްޖެ ޓީވީން އިންތިޒާމުކޮށްގެން ބާއްވަން ބޭނުންވި ބަހުސަށް ޔާމީން ވަޑައިނުގަންނަވާނެ ކަމަށް އިއުލާނު ކުރެއްވުމުންނެވެ. އެފަހަރުގެ ބަހުސް ހުށަހަޅުއްވައިދެއްވީ މިހާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

ސެޕްޓެމްބަރު 2، ގެ ބަހުސް

މިފަހަރުގެ ރިޔާސީ ބަހުސްގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ޖުމްލަ އަށް ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވަ އެވެ. އެއީ އެމަނިކުފާނުގެ އިތުރުން ގާސިމް އިބްރާހިމާއި އިލްޔާސް ލަބީބާއި މުހައްމަދު ނާޒިމާއި ޑރ. މުހައްމަދު މުއިއްޒާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ އުމަރު ނަސީރާއި ފާރިސް މައުމޫނާއި ހަސަން ޒަމީލެވެ.

އޭގެ ތެރެެއިން ހަސަން ޒަމީލް ފިޔަވައި ހުރިހާ ބޭފުޅުންނަކީ ވެސް ރައްޔިތުންނަށް ދެކެފަރިތަ މޫނުތަކެކެވެ. ބަހުސްގެ ފޯމެޓު މިހާތަނަށް ސަންގު ޓީވީން ހާމަކޮށްފައެއްނުވެ އެވެ. އަދި މޮޑެރޭޓު ކުރައްވާ ބޭފުޅެއް ވެސް ހާމައެއް ނުކުރެ އެވެ.

އުމަރު ނަސީރު، 1 (އަމިއްލަ ގޮތުން)

މިއީ އުމަރު ނަސީރު ރިޔާސީ އިންތިހާބެއްގައި ވާދަ ކުރައްވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ.

އުމަރުގެ ވާހަކަ ދެއްކުންތެރިކަމަށް ބަލާއިރު، އޭނާއަކީ އަޑު ހަރުކޮށް، ޔަގީންކަމާއެކު ވާހަކަ ދައްކާ ބޭފުޅެއްކަން ފާހަގަ ކުރެވެ އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބަށް ވެސް އުމަރު ހުށަހެޅުއްވީ އެހެން ހުރިހާ ކެންޑިޑޭޓުންނާ ތަފާތު މެނިފެސްޓޯއެކެވެ. އޭގެ ތެރޭގައި މަރުގެ އަދަބު ތަންފީޒު ކުރުމާއި މަސްތުވާތަކެތި އެތެރެ ކުރާ ބޯޓުތައް ކަނޑުފެއްތުން ހިމެނެ އެވެ.

އުމަރުގެ މާޒީއަށް ބަލާއިރު އޭނާ ސިފައިންގެ ވަޒީފާގައި އުޅުނު އިރު ކުރެއްވި ކަމަށް ބުނާ ޖިނާއި ކުށެއްގެ ތުހުމަތު އޮވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި ކަމަށް ބުނި މައްސަލަ ތަހުގީގު ކުރިއިރު، ހޯމް މިނިސްޓަރަކަށް ވެސް ހުންނެވީ އުމަރެވެ.

ހަސަން ޒަމީލް، 2 (އަމިއްލަ ގޮތުން)

ރިޔާސީ އިންތިހާބެއްގެ އިތުރުން، މިއީ ޒަމީލް އިންތިހާބެއްގައި ވެސް ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ. ޒަމީލްއަކީ އާންމުން ދަންނަ މޫނެއް ނޫނެވެ. އިންތިހާބަށް ކުރިމަތިލައްވާކަން ގިނަ މީހުންނަށް އެނގުނީ ފޯމު ހުށަހެޅުއްވުމުންނެވެ.

ފެންނަން ހުރި ވީޑިއޯތަކަށް ބަލާއިރު ޒަމީލް ވާހަކަ ދައްކަވަނީ މަޑުމައިތިރިކޮށް ލަސްލަހުންނެވެ.

ޒަމީލްގެ ސިޔާސަތުތައް މިހާރު އާންމުކޮށްފައިވާއިރު އޭގައި މާ ބޮޑެތި ތަފުސީލުތަކެއް ނެތެވެ. އެކަމަކު އޭނާގެ މައިގަނޑު ސިޔާސަތަކީ ކޯލިޝަން ޕާޓީތަކަކާ ވެރިކަން ހަވާލު ނުކުރުމެވެ.

ފެންނަ ގޮތުގައި ޒަމީލަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާނީ ރަނިން މޭޓަކަށް އަނބިކަނބަލުން ހަމަޖައްސަވާފައިވާތީ އެވެ. ކެބިނެޓަށް ވެސް އާއިލާގެ މެމްބަރުން ގެންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހު، 3 (އެމްޑީޕީ)

މިހާރުގެ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބެއްގައި މިއީ ވާދަ ކުރައްވާ ދެ ވަނަ ފަހަރެވެ. މިފަހަރުގެ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރައްވައިފި ނަމަ ވެވަޑައިގަންނަވާނީ ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވި ފުރަތަމަ ބޭފުޅާއަށެވެ.

ރައީސް ސޯލިހުގެ ވާހަކަ ދައްކަވަނީ ލަސްލަހުން، މަޑުމައިތިރިކޮށެވެ. ނަމަވެސް މިފަހުން އެމަނިކުފާނުގެ އާދަޔާ ހިލާފަށް، އަޑުހަރުކޮށް ބައެއް ފަހަރު ވާހަކަ ދައްކާފައިވެ އެވެ.

ސިޔާސަތުތަކަށް ބަލާއިރު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާނީ ރައީސް ސޯލިހަށް ކަމަށް ބެލެވެ އެވެ. އެއީ މިހާރު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވީ އެމަނިކުފާނު ކަމަށްވެފައި، ހުރިހާ ކެންޑިޑޭޓުން ސީދާ ވާދަކުރައްވާނޭ ބޭފުޅަކީވެސް އެއީ ކަމަށްވާތީ އެވެ. ފާޑު ކިޔުން އަމާޒުވެދާނޭ ބައެއް ކަންކަމުގެ ތެރޭގައިި އެމަނިކުފާނު ގެންގުޅުއްވާ "ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރުން" ސިޔާސަތާއި ކަނޑު ބެހި މައްސަލައިގައި ސަރުކާރުން ނެގި ސްޓޭންޑާއި، ބައެއް ޕްރޮޖެކްޓްތައް ނުނިމި ހުރުން ހިމެނޭނެ އެވެ.

މާޒީއަށް ބަލާއިރު ރައީސް ސޯލިހުގެ އިސްތަށިފުޅުގައި މާ ބޮޑެތި ތުހުމަތުތަކެއް އެޅިފައެއް ނެތެވެ. ނަމަވެސް މިހާރު ހިނގަމުންދާ ސަރުކާރުގެ ވެރިޔަކީ އެމަނިކުފާނު ކަމަށްވާތީ، ސަރުކާރަށް އަމާޒުވާ ހުރިހާ ފާޑުކިޔުންތައް ރައީސް ސޯލިހަށް ވާދަވެރިން އަމާޒު ކުރައްވާނެ އެވެ.

ޑރ. މުހައްމަދު މުއިއްޒު، 4 (ޕީއެންސީ)

މިއީ މުއިއްޒުގެ ދެ ވަނަ ސިޔާސީ ކެމްޕެއިނެވެ. އެންމެ ފުރަތަމަ މުއިއްޒު ކެމްޕެއިނެއް ކުރެއްވީ މާލޭގެ މޭޔަރު ކަމަށް ވަޑައިގަތުމަށް މީގެ ދެ އަހަރެއްހައި ދުވަސް ކުރިންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އޭނާ ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ.

ވާހަކަ ދެއްކުންތެރިކަމަށް ބަލާއިރު ޑރ. މުއިއްޒަކީ ޔަގީންކަމާއެކު، ހަރުކޮށް ވާހަކަ ދައްކަވާ ބޭފުޅެއްކަން ފާހަގަ ކުރެވެ އެވެ.

މުއިއްޒުގެ ސިޔާސަތުތައް މިހާރު އާންމުކުރަމުން އަންނައިރު، އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، މި ސަރުކާރުގެ ސިޔާސަތާ ހިލާފަށް، ތަރައްގީ ކުރުމުގައި އާބާދީއަށް ބައްލަވާނޭ ކަމަށް ވިދާޅުވެފައިވާ ސިޔާސަތެވެ.

ޑރ. މުއިއްޒުގެ މާޒީއަށް ބަލާއިރު، އެންމެ ބޮޑު ފާޑުކިޔުންތައް އަމާޒުވަނީ އޭނާ ކުރިއަށްގެންދާ ޕްރޮޖެކްޓުތަކަށެވެ. އެގޮތުން މާލޭގެ ދެކުނު ފަރާތުން އޭނާ ހެދި ނެރުގެ މައްސަލައާއި، ހައުސިން މިނިސްޓްރީއަށް ކައުންސިލްތަކުގެ ބާރުތައް ނެންގެވުމާއި، އެކަށީގެންނުވާ ބޮޑެތި އަގުތަކުގައި ޕްރޮޖެކްޓް ހިންގުން ފާހަގަކޮށްލެވެ އެވެ. އޭގެ އިތުރުން، އޭނާގެ ހައުސިންގ މިނިސްޓަރުކަމުގައި މާލެއަށް ގެނެސްފައިވާ ބައެއް ބޮޑެތި ބަދަލުތަކާއި، މޭޔަރުކަމުގައި ހުންނަވައި މާލޭގެ މަގުތަކުން ކާރު ޕާކިންގ ވިއްކުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ކުރާ ތުހުމަތުގެ އަޑުވެސް އިވޭނެ އެވެ.

ގާސިމް އިބްރާހިމް، 5 (ޖުމްހޫރީ ޕާޓީ)

މިއީ ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ތިން ވަނަ ފަހަރެވެ. ގިނަ ސިޔާސީ ޕާޓީ ހިމެނޭ އިންތިހާބު ބާއްވަން ފެށި ފަހުން، ގާސިމްއަށް ވާދަ ނުކުރެއްވުނީ 2018 ގައި ބޭއްވި އިންތިހާބުގައި އެކަންްޏެވެ. އެއީ އޭރު އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުކޮށް އެ ފުރުސަތު ގެއްލުވާލާފައި އޮތުމުންނެވެ.

ގާސިމްގެ ވާހަކަ ދެއްކުންތެރިކަމަށް ބަލާއިރު، އޭނާއަކީ ގިނަ ވަގުތު ވާހަކަ ދައްކާ ބޭފުޅެއްކަން ފާހަގަ ކުރެވެ އެވެ. އަދި ވާހަކަފުޅުގެ ތެރެއިން ވަރަށް ގިނަ ފަހަރު މައުލޫ އޮޅި، އެހެން މައުލޫތަކަށް ދަތުރުކުރާކަން ވެސް ފާހަގަ ކުރެވެ އެވެ.

އޭނާގެ ސިޔާސަތުތަކަށް ބަލާއިރު، ދަރިވަރުންނަށް ދޫކޮށްފައި ހުރި ލޯނުތަކާއި އެސްއެމްއީ ލޯނުތައް މައާފު ކުރުން ހިމެނެ އެވެ. އަދި ބޯހިޔާވަހިކަން ހޯދައިދިނުމަށް މާލެ ސަރަަހައްދުން ފުށިދިއްގަރުފަޅު ތަރައްގީ ކުރުން ހިމެނެ އެވެ.

ގާސިމްގެ މާޒީއަށް ބަލާއިރު އޭނާއަކީ ވިޔަފާރިވެރިއެއް ކަމުން ވިޔަފާރީގެ މުއާމަލާތްތަކަށް ކުރިން ފެށިގެން ވެސް ފާޑުކިޔުން އަމާޒުވެ އެވެ. އަދި އޭނާއަކީ ގިނަ އަދަދެއްގެ މުވައްޒަފުން ގެންގުޅޭ ބޭފުޅެއްކަމުން، މުވައްޒަފުންގެ މުސާރައާ ގުޅޭ ކަންކަމާ ގުޅިގެން ވެސް ފާޑުކިޔުން އަމާޒުވެ އެވެ.

ފާރިސް މައުމޫން، 6 (އަމިއްލަ ގޮތުން)

މިއީ ފާރިސް މައުމޫން ރިޔާސީ އިންތިހާބެއްގައި ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަ ކުރައްވައި ކާމިޔާބުވެފައިވެ އެވެ. ދެވަނަ ފަހަރަށް ވާދަކުރެއްވި ފަހަރު ނާކާމިޔާބުވީ އެވެ.

ފާރިސްގެ ވާހަކަ ދެއްކުންތެރިކަމަށް ބަލާއިރު، އޭނާ ވާހަކަ ބޮޑަށް ވައްތަރީ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވާހަކައާ އެވެ. ވާހަކަ ދައްކަވަނީ ވަރަށް ލަސްލަހުން، މަޑުމައިތިރިކޮށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނެވިއިރު، ފާރިސްގެ މާ ބޮޑެތި ސިޔާސަތުތަކެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް ވިދާޅުވީ، ގައުމީ ތަރައްގީގެ އެކްޝަން ޕްލޭނެއް އެކުލަވާލައި، ސަރުކާރާއެކު ސިޔާސަތުތައް ބަދަލުނުވާނެ ގޮތެއް ހައްދަވާނެ ކަމަށެވެ.

ފާރިސްގެ މާޒީއަށް ބަލާއިރު އެންމެ ބޮޑު ފާޑުކިޔުމެއް މިހާރު ވެސް އަމާޒުވަމުންދަނީ ބައްޕާފުޅާ ގުޅުވައިގެންނެވެ. އަދި އެމްއާރުއެމް ހިންގެވުމުގައި ފާރިސްގެ ގާބިލުކަން ނުފެނުނުކަމަށް ބުނެ ޕާޓީތެރެއިން އަމާޒުވި ފާޑުކިޔުންތަކާއެކު، ޕާޓީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންތަކެއް ޕާޓީން ވަކިވުމަކީވެސް ފާރިސްއަށް ފާޑުކިޔުން ކުރިމަތިވާ ކަމެކެވެ.

އިލްޔާސް ލަބީބް، 7 (ދަ ޑިމޮކްރެޓްސް)

ކެންޑިޑޭޓް އިލްޔާސް ލަބީބަކީ ރައްޔިތުންގެ މަޖިލީހުގެ އެކި ކެމްޕެއިންތަކުގައި ވާދަ ކުރެއްވި އެވެ. މިހާތަނަށް މަޖިލީހުގެ ތިން އިންތިހާބެއްގައި ވާދަ ކުރައްވައި، އޭގެ ތެރެއިން ދެ އިންތިހާބު ކާމިޔާބު ކުރައްވާފައިވެ އެވެ.

އޭނާގެ ވީޑިއޯތަކަށް ބަލާއިރު، އިލްޔާސް ވާހަކަ ދައްކަވަނީ އަޑުހަރުކޮށް، ޔަގީންކަމާއެކުކަން ފާހަގަ ކުރެވެ އެވެ.

އޭނާގެ ސިޔާސަތުތަކަށް ބަލާއިރު އެންމެ ފާހަގަ ކުރެވެނީި ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ސިޔާސަތެވެ. އޭގެ އިތުރުން މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުނުވެ ހިފެހެއްޓޭނެ ގޮތަށް ހެދުމަކީ ވެސް އޭނާގެ ސިޔާސަތެކެވެ.

އިލްޔާސްގެ މާޒީއަށް ބަލާއިރު ސިޔާސީ ގޮތުން މާ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެއް ނުވެ އެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިހާބުގައި އިލްޔާސް ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއްގެ ގޮތުގައި ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެ އެވެ.

މުހައްމަދު ނާޒިމް، 8 (އެމްއެންޕީ)

މުހައްމަދު ނާޒިމް މީގެ ކުރިން ވާދަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެކަންޏެވެ. އެހެންކަމުން މިއީ އޭނާގެ ވެސް ދެ ވަނަ ކެމްޕެއިނެވެ.

ނާޒިމްގެ ވާހަކަތަކަށް ބަލާއިރު އޭނާއަކީ އާދައިގެ ހަލުވި މިނެއްގައި ސާފުކޮށް ވާހަކަ ދައްކަވާ ބޭފުޅެއްކަން ފާހަގަ ކުރެވެ އެވެ.

ނާޒިމްގެ ސިޔާސަތުތަކަށް ބަލާއިރު، ބޭސް ފަރުވާ ހޯދުމަށް ކާޑެއް ތައާރަފު ކުރުމާއި ގެސްޓް ހައުސް ލޯނު ދޫކުރުމާއި ރޯދަ ހިފާ ކޮންމެ މީހަކަށް އެލަވަންސެއް ދިނުން ހިމެނެ އެވެ.

ނާޒިމްގެ މާޒީއަށް ބަލާއިރު އެންމެ ފާހަގަ ކުރެވެނީ ފެބްރުއަރީ، 2012، ފުލުހުންނާއި ސިފައިން ހިންގި މިއުޓިނީއެއްގެ ތެރެއިން އެއިރުގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވި ކަންތައްގަނޑުގައި އިސް ރޯލެއް އަދާ ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ.

ރިޔާސީ ބަހުސް ބަލާ ވަރަށް ގިނަ ރައްޔިތުން އެ ބަހުސް ބަލާނީ ޝައުގުވެރި ޕްރޮގްރާމެއް ބަލާލުމުގައި ނިޔަތުގައި އެކަންޏެއް ނޫނެވެ. އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް އަމާޒުކޮށް ދޫކޮށްލާ ޖެއްސުމުގެ ވިހަގަދަ ހަމަލާތަކުން މަޖާ ނަގާކަށްވެސް ނޫނެވެ. ގިނަ ރައްޔިތުންގެ އުއްމީދަކަށް ވާނީ ކެންޑިޑޭޓުންގެ ސިޔާސަތުތަކުގެ ހަރުދަނާކަމާއި، އެ ސިޔާސަތުތައް ތަންފީޒުވެގެން ދާނޭ ގޮތުގެ ފުރިހަމަ ތަސައްވުރެއް ދެނެގަތުމެވެ. ކެންޑިޑޭޓުން ބަހުސްކުރުމުގައި މިކަމަށް ސަމާލުވާންޖެހޭނެ އެވެ.

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox