ސިންބޮލިކް ރެކޯޑްސްގެ ރެޕް އާޓިސްޓު، އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޑްރަގް ޓެރެފިކިންގެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދި އޮޕަރޭޝަނެއްގައި ޕެސްޓާއި އޭނާގެ އެކުވެރިން ހައްޔަރު ކުރީ ފެބްރުއަރީ 13، 2021ގަ އެވެ. އެ މައްސަލައިގައި، ސާބިތުވެއްޖެ ނަމަ ޕެސްޓު އުމުރު ދުވަހު ޖަލުގައި ހުންނަން ޖެހޭ ވަރު ދައުވާތަކެއް ދައުލަތުން އުފުލި އެވެ.
މި ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ، ޕެސްޓާއި ދެން އެ މައްސަލައިގައި ދައުވާ ކުރި، އެންމެންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ދެ ގެއެއް ބަލައިފާސްކުރި ނަމަވެސް، ޓްރެފިކިންގެ މިންގަނޑަށް ފެތޭ ވަރަށް ޑްރަގް ފެނުނީ ފުލުހުން ދެވަނައަށް ބަލައިފާސްކުރި ގެއިންނެވެ. އޭގެ އިތުރުން، ނޯތު ހާބަރުގައި އޮތް ބޯޓަކަށް އެރުވި ކަމަށް ބުނާ ސްޓޭންޑް ފަންކާއަކުން ވެސް ޓްރެފިކިންގެ މިންގަނޑަށް ފެތޭ ވަރަށް ޑްރަގް ފެނިފައިވެ އެވެ.
މި މައްސަލައިގައި ބަލައިފާސްކުރި ގެތަކުން ފެނުނު ޑްރަގްއާ ޕެސްޓާ ގުޅުވާލެވެން އޮތީ ހަމައެކަނި އެ ގޭގެ ސިޓިން ރޫމުގައި ބަހައްޓާފައި ހުރި ފޮށިގަނޑަކުން ފެނުނު އޭނާގެ ފިންގާޕްރިންޓަކުންނެވެ. ފިންގަޕްރިންޓް ފެނުނު ފޮށިގަނޑުން ޑްރަގް ނުފެނުނަސް، ދައުލަތުން ޑްރަގްއާ ޕެސްޓާ ގުޅުވީ، އެ ގޭގައި ހުރި އަލަމާރިތަކެއްގެ ތެރޭގައި ޑްރަގް ފޮރުވާފައި ހުރުމުންނެވެ.

އެއްވެސް ޑްރަގެއް ނުފެންނަ އެ ފޮށިގަނޑުން ފެނުނު ފިންގަޕްރިންޓް ޕެސްޓާ ދިމާވި ނަމަވެސް، އޭނާގެ ފަރާތުން ކޯޓުގައި ފާހަގަކުރީ، އެ ގޭގައި އެހެން މީހުން ވެސް އުޅޭ އިރު، ޕެސްޓުގެ ފިންގަޕްރިންޓް ފިޔަވައި އެ ފޮށިން އިތުރު އެއްވެސް ފިންގަޕްރިންޓެއް ފުލުހުން ނުނަގާ ކަމެވެ. އަދި ފޮށިން ފިންގަޕްރިންޓް ނެގީ ވެސް ފުލުހުންގެ ޑޭޓާބޭސްއިން ޕެސްޓްގެ ޕްރިންޓް ވަކިން ބަލާފައި ކަމެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ހާމައަށް ބަހައްޓާފައި ހުރި ފޮށިގަނޑަކުން ފިންގާޕްރިންޓު ފެނުނަސް، އެހެން މީހުން ވެސް ވަދެ ނުކުމެ އުޅޭ ތަނެއްގައި ފޮރުވާފައި ހުރި ޑްރަގްގެ ޒިންމާ އޭނާ އުފުލަން ނުޖެހޭނެ ކަމަށެވެ
ސުއައިދާއި ޕެސްޓް ޑްރަގް ފެނުނު ގެއަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖު ހުއްޓަސް، އެ ގެއިން އެ މީހުންނާ ޑްރަގްއާ ގުޅުވާލެވޭ އިތުރު ހެއްކެއް ނެތްކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި ޑްރަގް ފެނުނު ކޮޓަރިއާ އެ ދެ މީހުންނާ ހުރި ގުޅުމެއް ޝަރީއަތަށް ސާފުކޮށްނުދެވޭ ކަމަށް ވެސް ވެ އެވެ.
ނޯތު ހާބަރުގައި އޮތް ބޯޓަށް އެރުވި ޑްރަގް ފެނުނު ފަންކާ ގަތީ ސުއައިދާއި ހުސާމް ފިހާރައަކަށް ގޮސް ކަމަށް ދައުލަތުން ބުނެ އެވެ. އަދި ބޯޓަށް އެރުވީ، އެ ފަންކާ ގަނެގެން ފުލުހުން ފުރަތަމަ ބަލައިފާސްކުރި ގެއަށް އެއާއެކު ވަނުމަށްފަހު، ފަންކާ ޕިކަޕަކަށް އަރުވައިގެން ގެންގޮސް ކަމަށް ބުނެފައިވެ އެވެ. އަދި އެ ގެއަށް ފަންކާ ވެއްދި އިރު ޕެސްޓް ވެސް ސީސީޓީވީ ވީޑީއޯއިން ފެންނަ ކަމަށް ބުނެ ފުލުހުން ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓުތައް ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ

ހުކުމުގައި ފާހަގަކުރީ، ފަންކާ ބޯޓަށް އެރުވި ވަގުތާއި ފުލުހުން އޭތި ބަލައިފާސްކުރި ވަގުތާ ދެމެދު 24 ގަޑިއިރަށް ވުރެ ގިނަ އިރުވި ކަމެވެ. އަދި އެ ފަންކާ ބަހައްޓާފައި ހުރީ ވެސް އެހެން މީހުންނަށް ވެސް މުދާ އަރުވާ ދިމާލެއްގައި ކަމާއި އެތަނުގައި އިތުރު މީހުން ވެސް އުޅުނުކަން ފާހަގަކުރި އެވެ.
ފަންކާ ބަލައިފާސްކުރުމުގެ ކުރިން ހޭދަވި ވަގުތުގެ ތެރޭގައި ވެސް އޭގެ ތެރެއަށް އެހެން މީހަކު އެއްޗެއް ލުމުގެ އިހްތިމާލު އޮތްކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ހުކުމުގައި އޮތީ އެ ފަންކާއިން ފެނުނު ޑްރަގް ދައުވާ ލިބުނު މީހުންނާ ގުޅުވޭނެ ގޮތެއް ނެތް ކަމަށެވެ.
މި މައްސަލައިގައި ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމުގެ ދައުވާ ކުރި ނަމަވެސް، އެ މީހުން އަތުން ފެނުނު ފައިސާއަކީ ޑްރަގް ޓްރެފިކިންއިން ހޯދި ފައިސާކަން ސާބިތުނުވާތީ ކްރިމިނަލް ކޯޓުން ނިންމީ އެ ދައުވާތައް ވެސް ސާބިތު ނުވާ ކަމަށެވެ.
ފުލުހުން ދެ ގެއެއް ބަލައިފާސްކުރީ ކޯޓު އަމުރުތަކެއްގެ ދަށުން ކަމަށް ވިޔަސް ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތްތައް ފުރިހަމަނުކޮށް ގެ ބަލައިފާސްކޮށްފައިވާތީ، އެކަން ވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައި ފާހަގަކުރި އެވެ. އަދި ބައެއް ސީސީޓީވީ ފޫޓޭޖު ހޯދީ އާންމު ފަރާތްތަކެއްގެ އަތުން ކަމަށްވާއިރު އޭގެ ވެރިފަރާތްތަކުގެ ހުއްދަ ހޯދައިގެން ކަމެއް އެނގޭނެ އެއްވެސް ލިޔުމެއް ވެސް ހުށަހަޅާފައި ނެތްކަން ވެސް ފާހަގަކުރި އެވެ.
މި މައްސަލައިގައި ކުރި ދައުވާތައް:
- އިސްމާއިލް އިފްހާމް (ޕެސްޓް): ކެނަބިސް ޓްރެފިކް ކުރުމުގެ ދެ ދައުވާ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދެ ދައުވާ، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދެ ދައުވާ އަދި ކުށްކޮށްގެން ހޯދާ ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމުގެ ދައުވާ
- މުހައްމަދު ސުއައިދު: ކެނަބިސް ޓްރެފިކް ކުރުމުގެ ދެ ދައުވާ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދެ ދައުވާ، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދެ ދައުވާ އަދި ކުށްކޮށްގެން ހޯދާ ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމުގެ ދައުވާ
- އަހުމަދު ޝަމްއޫން: ކުށްކޮށްގެން ހޯދާ ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމުގެ ދައުވާ
- އަހުމަދު ހުސާމް: ކެނަބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާ













