މާލެ ސަރަހައްދު އަދި ހާއްސަކޮށް ހުޅުމާލޭ ކައިރީގެ ފަރުތައް ހުރީ ކިސަޑު އެޅިގެން ހަލާކުވެފަ އެވެ. ފަރުތަކުގެ ގުދުރަތީ ރީތިކަން މަރުވެ، ގާތައް ހުރީ ހުދުވެފަ އެވެ. މިއީ މާލެ ސަރަހައްދުން ފެށިގެން ލ. އަތޮޅުގެ ފަރުތަކުގައި ފީނައި, ފަރުތަކުގެ ރީތިކަން ބަލާފައިވާ މަސްވެރިއަކު ހިއްސާކުރި އޭނާގެ ތަޖުރިބާ އެވެ.
"އަޅުގަނޑަށް ފާހަގަކުރެވުނީ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާ ސަރަހައްދުތަކުގެ ފަރުތައް ހަޑިކަން، ކިސަޑު އެޅި ގާތައް ވެސް ހުދުވެފަ ހުންނަނީ، މާލެ ސަހަރައްދާ ހުޅުމާލޭ ކައިރީގެ ފަރުތައް ހުރީ އެހެން، އޭރު މ. މުލި ވެސް ދިޔަ ހިއްކަމުން، އެ ސަރަހައްދުގެ ފަރު ވެސް އޮތީ ހަޑިވެފަ،" މަސްވެރިޔާ އޭނާއަށް ފެނުނު މަންޒަރު ހިއްސާ ކުރަމުން ބުންޏެވެ.
އެއާ ހިލާފަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާ ހިސާބުތައް އާދަޔާ ހިލާފަށް ރީތި ކަމަށް އޭނާ ބުންޏެވެ. އެގޮތުން ލ. އަތޮޅު އަދި ވ. އަތޮޅުގެ ފަރުތައް އޭނާ ފާހަގަކުރީ ރީތި އަދި މުއްސަނދި ފަރުތަކެއްގެ ގޮތުގަ އެވެ.
މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެތައް ސަރަހައްދެއްގައި މިހާރު ވެސް ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް އެބަދެ އެވެ. އެއާޕޯޓު އެޅުމަށް ބިން ހިއްކުމާއި، ފަތުރުވެރިކަމުގެ މަޝްރޫއުތަކަށް ފަރުތައް ހިއްކުމުގެ އިތުރުން، ބޯހިޔާވަހިކަމަށް ބިން ހިއްކާ މަޝްރޫއުތަކެވެ. ބިން އޮތް ރަށްރަށް، އަދި މާ ކުރިން ބިން ހިއްކާފައި އޮތް ރަށްރަށަށް ވެސް އިތުރަށް ބިން ހިއްކަން ކެންޑިޑޭޓުން އެބަ ވައުދުވެ އެވެ.
މިއީ އިގްތިސޯދީ އަދި ތިމާވެށި ދާއިރާގެ ގިނަ މާހިރުން ވެސް ކަންބޮޑުވުން ފާޅުކުރާ މައްސަލަ އެކެވެ.
ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް
ބިން ހިއްކަން ޑްރެޖްކުރުމުގެ ސަބަބުން ފަރަށް ވެލި އެޅި ކިސަޑުވެ، ފަރުތަކާއި އޭގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއްވެ އެވެ. އެގޮތަށް ކިސަޑުވާ ފަރުތަކުގައި ހުންނަ މުރަކަތަކަށް ވެލީގެ އަސަރު ކުރުމުގެ ސަބަބުން ފަހެއް ނުވަތަ ހަ ހަފުތާގެ ތެރޭގައި މަރުވާ ކަމަށް ސައިންސް ޑައިރެކްޓްއިން ކޮށްފައިވާ ދިރާސާއަކުން ދައްކަ އެވެ.
އޭގެ އިތުރުން ވެސް ބިން ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް އެތައް ގެއްލުންތަކެއް ވަމުން އަންނަކަން ތިމާވެށީގެ ދާއިރާގެ މާހިރުން ފާހަގަކުރެ އެވެ. އެންވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމްގެ ވެސް ކަންބޮޑުވުން ގުޅިފައި ވަނީ އެ ކަމާ އެވެ.
"ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގަ ނޫނީ ކޮށްގެން ވާނެ ކަމެއް ނޫން މި ބިން ހިއްކުމަކީ، ބިން ހިއްކަން ވެލި އަޅާ ތަނުގެ އިތުރުން އެ ވެލި ނަގާ ތަނުގެ ދިރުންތައް އެބަ މަރުވޭ. އަދި އުދަ އެރުމުގެ ފުރުސަތު ބޮޑުވޭ މާ ބޮޑަށް ފުއްޓަރު ފަރާތުން އުރަފަށާ ހަމައަށް ހިއްކީމަ،" ނައީމް ވިދާޅުވި އެވެ.
މާލެ ސަރަހައްދުން މިސާލު ނަންގަވައި ނައީމް ވިދާޅުވީ ގިރާވަރުފަޅު ހިއްކާނަމަ އޭގެ އަސަރުތަކެއް އެ ފަޅާ ކައިރީގައި އޮންނަ ރިސޯޓަށް ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ފަޅު ހިއްކުމުގެ ކުރިއަށް އެ ކަންކަމަށް ރަނގަޅު ދިރާސާއެއް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެއާއި އަތޮޅުތެރޭގެ ރަށްރަށަށް އުދަ އެރުމުން، ލިބޭ ގެއްލުންތައް އަންނަނީ ދުވަހަކަށް ފަހު ދުވަހެއް ބޮޑުވަމުންނެވެ. އުދައެރުމުން ލިބޭ ގެއްލުން ބޮޑުވާ އެއް ސަބަބަކީ ވެސް ގުދުރަތީ ނިޒާމަށް ހުރަސް އެޅޭ ގޮތަށް ތަންތަން ހިއްކައި، އަތޮޅު އަތޮޅުގައި ހުރި މުހިންމު ކެނޑުންތައް ބަންދުކުރުމެވެ.
އުދަ އެރުމަކީ ރާއްޖޭގައި އަބަދުވެސް ހިނގާ ކަމެކެވެ. އެކަމަކު މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު، އުދަ އެރުމަކީ އެއްވެސް ރަށެއްގެ ބަޔަކު މާ ހާސްވާނެ ކަމެއް ނޫނެވެ. އެއީ ހަމަ އަހަރުގެ ކޮންމެވެސް ދުވަސްވަރެއްގައި ހިނގާނެކަން ޔަގީންވާ، ދިވެހިން އެކަމަށް ހޭނިފައި އޮތް ކަމެކެވެ.
"ކުރީގައި ގުދުރަތީ ގޮތަށް އޮތް އިރު އެ ތަންތަނުން [މިހާރު ހިއްކާފައިވާ ފަޅުތައް، ބިމެއް ނެތި ފަޅެއް ގޮތަށް] ކެނޑިފައި ހުންނާތީ [ލޮނުގަނޑަށް] ރީއްޗަށް ދެވޭ، ދެން އެހެން ނަމަވެސް އޭރު ވެސް އަރާ،" ނައީމް ވިދާޅުވި އެވެ.
ބިން ހިއްކުމުގެ އިތުރަށް ގުދުރަތީ ބިން ބޭނުން ކުރުމުގެ ޕްލޭނުގައި ވެސް ރަށްރަށުގައި އުދަ އަރޭ ސަރަހައްދާ ކައިރިން ގޯތިގެދޮރު ނޭޅުން މުހިންމެވެ. ބިމުގެ ސިޔާސަތު ކަނޑައެޅުމުގައި، ބިމުގެ ދަތިކަން ކުރިމަތިވި ނަމަވެސް މޫސުމީ ބަދަލުތަކަށް ހޭނުމަށް ބާރު ދިނުމަށް ވެސް ބަލަން ޖެހެ އެވެ.
ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުގެ ތާރީހު
ހުޅުމާލެ ފުރަތަމަ އަދި ދެ ވަނަ ފިޔަވަހި
ވެރިކަން ކުރާ މާލެ އާއި ގާތްގަނޑަކަށް ފަސް ކިލޯ މީޓަރު ދުރުގައި އޮންނަ ހުޅުމާލެއަކީ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުގައި ވާގޮތުން 65،724 މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ތަރައްގީގެ ކުލަތައް ހުރިހާ ދިމާއަކުން ފެންނަ މި ރަށް އޮކްޓޯބަރު 16، 1997 އާއި ހަމައަށް އޮތީ ބޮޑު ފަޅެއްގެ ސިފައިގަ އެވެ. ހުޅުމާލޭ ފަޅުގެ ބިން ހިއްކައި އެ ރަށުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މެއި 12، 2004 ގަ އެވެ.
"އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިފަދައިން ހުޅުމާލޭ މަޝްރޫއަކީ ވަރަށް ބިޔަ، ވަރަށް ބޮޑު އަދި ވަރަށް އާދަޔާ ހިލާފު މަޝްރޫއެއް. މިއީ މާލޭ ކަނޑުތޮށްޓާއި އެއްގަމުތޮށި ލުމަށްފަހު، ސަރުކާރުން މިހާތަނަށް ހިންގި އެންމެ ހަރަދު ބޮޑު މަޝްރޫއު،" ހުޅުމާލޭގައި މީހުން އުޅެން ފެށުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މައުމޫން ވިދާޅުވި އެވެ.
އަދި އޭރު އެކަނި ވެސް ހުޅުމާލެ ހިއްކުމަށްޓަކައި 62 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރި ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

1997 ވަނަ އަހަރު ހުޅުމާލެ ފަޅު -- ފޮޓޯ: ޑްރީމްން އޮފް މޯލްޑިވްސް
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފެށީ 2015 ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ.

2018 ވަނަ އަހަރު ހުޅުމާލެ -- ފޮޓޯ: ޑްރީމިން އޮފް މޯލްޑިވްސް
ގުޅީފަޅު
އިނގިރޭސި ވިލާތުގެ ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ލިމިޓެޑަށް 35 އަހަރަށް ކުއްޔަށްދީ މަސައްކަތް ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސެޕްޓެމްބަރު، 2010 ގައެވެ. އެ ފަހަރު ހިއްކީ 10 ހެކްޓަރެވެ. އޭގެފަހުން 2013 ވަނަ އަހަރު އިތުރު 20 ހެކްޓަރު ހިއްކާފައިވެ އެވެ.
މިހާރު ކުރިއަށްދާ ޕްރޮޖެކްޓުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފަޅުން ގާތްގަނޑަކަށް 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމައިފަ އެވެ.
ގިރާވަރުފަޅު
ގިރާވަރުފަޅުން 169 ހެކްޓަރުގެ ބިން ހިއްކަން ފެށީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެ ބިމުން 73 ހެކްޓަރު ކަނޑައަޅާފައިވަނީ މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން 5،433 ގޯތި ދިނުމަށެވެ.
މާލެ ސަރަހައްދުގައި މީހުން އާބާދުކުރުމަށް މި ތިން ތަނުގެ އިތުރުން ފުށިދިއްގަރުފަޅު ހިއްކުމަކީ ވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ބައެއް ކެނޑިޑޭޓުންގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމަކެވެ.
ހުސްކޮށް އެތައް ބިމެއް، ޕްލޭނެއް ނެތް
ވެރިރަށް މާލެ ހިމެނޭ އަތޮޅުގައި ވެސް މީހުން ދިރިއުޅޭ، ބިން ހުރި ރަށްރަށް އެބަ ހުއްޓެވެ. ކ. މާފުށި، ކ. ގުރައިދޫ ފަޅުން ހިއްކި ބިން ވެސް ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
މީގެ ދެ އަހަރު ކުރިން މާފުށީ ފަޅުން 25 ހެކްޓަރުގެ ބިން އަދި ގުރައިދޫ ފަޅުން 15 ހެކްޓަރުގެ ބިން ހިއްކި އެވެ. މި ދެ ބިން ވެސް އަދި އޮތީ އެއްވެސް ބޭނުމެއް ނުކޮށެވެ. މާފުށީ ފަޅުން ހިއްކި ބިމުގައި، އެ ރަށު ރައްޔިތުންނަށް ގޯތި ދިނުމަށް އިއުލާންކުރީ މި މަހު 15، ގަ އެވެ.
މާލެ އަތޮޅުގެ މި ރަށްރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ރަނގަޅު ޕްލޭނެއް ދެއްކުމުގެ ބަދަލުގައި އެ ފަޅުތައް ވެސް އިތުރަށް ހިއްކުމަށް ބައެއް ރިޔާސީ ކެންޑިޑޭޓުން ވައުދު އެބަ ވެ އެވެ.
"އާބަން ސެންޓާއެއް" ގޮތުގައި މުޅި ރާއްޖޭގައި އަދި ފެންނަނީ މާލެ ސަރަހައްދެވެ. މާލެ ސަރަހައްދުން ގެދޮރުގެ ޒަރޫރަތު އިތުރުވެގެން އުޅޭ ސަބަބަކީ އެއީ އެވެ. އޭގެ ހައްލެއްގެ ގޮތުގައި، އަމަލީ ގޮތުން ދައުލަތުން ގެންގުޅޭ ސިޔާސަތަކީ މާލެ ކައިރީ ފަޅުތައް، ބޮޑު ހަރަދުގައި ހިއްކުމެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި މާސްޓަ ޕްލޭނުގައި، މިހާރު އޮތް ސަރުކާރުގެ ޕްލޭނާ އެއްގޮތަށް މާލޭން ފެށިގެން ވިލިމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅު ބްރިޖަކުން ގުޅުވާލުން ހިމެނެ އެވެ. އަދި އިތުރަށް ފުށިިދިއްގަރުފަޅު ހިއްކައި، މާލެ ސަރަހައްދާ ފެރީ ނިޒާމަކުން ގުޅާލާނެ އެވެ.
މާލެ ސަރަހައްދުން ބިމުގެ ޑިމާންޑު އޮތް ވަރާއި، ހަރަދުކޮށްގެން އުފައްދާ ބިމަށް ވާތީ، އެ ބިމުގެ އަގު އުޅޭނީ އިންތިހާއަށް ކަމަށް އިގުތިސޯދީ މާހިރުން ދެކެ އެވެ. އޭގެ ބަދަލުގައި، ރާއްޖޭގައި އެ ކަން ކުރެވޭނެ އެހެން ސަރަހައްދުތައް ތަރައްގީކޮށްފި ނަމަ އެ ސަރަހައްދުތަކަށް ވެސް މީހުން ހިޖުރަކުރާނެ އެވެ.
"މި ވަގުތު ތިލަމާލެ ބުރިޖަށް ވެސް 500 މިލިއަން ޑޮލަރު ހޭދަކުރުމުގެ ބަދަލުގަ، ސަރަހައްދީ ތަރައްގީއަށް ބޭނުން ކުރުން މާ މުހިންމު، އުތުރާ ދެކުނު ވެސް މާލެއާއި އެއް ފެންވަރަށް ތަރައްގީ ކުރަން ޖެހޭ، އެ ތަންތަން ވެސް އާބާދުކޮށްގެން ތަރައްގީވާނީ،" އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވި އެވެ.
ލ. ގަން-ފޮނަދޫ ސަރަހައްދަކީ ގުދުރަތީ ބިން އެންމެ ބޮޑު ސަރަހައްދެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގަމުން މާލެ އާއި އެހެން ރަށްރަށުގެ މީހުނަށް ގޯތި ދޫކުރީ ވެސް އެ ސަރަހައްދު އާބާދުކުރުމުގެ ވިސްނުމުގަ އެވެ. ނަމަވެސް މީހުން އާބާދުކުރުމަށް، ގޯތި ނޫނީ ގެދޮރު ދިނުމުގެ އިތުރަށް، އަސާސީ ހިދުމަތްތަކާއި އިގުތިސޯދީ ހަރަކާތްތަކެއް ބޭނުންވާނެ އެވެ.
"އަގު ބޮޑު އެއާޕޯޓުތަކާ ޓާޝަރީ ހޮސްޕިޓަލުތައް ދެއްތޯ މި އަޅަނީ ރަށްރަށުގައި، އެތަންތާނގަ ވެސް ބިން އެބަ އޮތް، އެ ތަންތަނުގައި އިތުރަށް އިގުތިސޯދީ މަސައްކަތްތަކެއް ގެނެސް، ގެދޮރު ދިނީމަ، މީހުން އިތުރަށް އާބާދުވާނީ، ނޫނީ މިހާރު އެ ކުރަނީ ބޭކާރު ހަރަދުތަކެއް،" އިގުތިސޯދީ މާއްދާތަކަށް ތަގުރީރުކުރައްވާ ލެކްޗަރާއަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، ކިޔައިދެއްވި އެވެ.
ގަން-ފޮނަދޫގެ އިތުރުން ދެން އެންމެ ވަރުގަދަ ތަނބަކަށް އޮތީ އައްޑޫ ސިޓީ އެވެ. މާލެ ސަރަހައްދަށް ފަހު އެންމެ ބޮޑު އާބާދީ އެވެ. ރަޖިސްޓްރީގައި 35،000 އެއްހާ މީހުންގެ ނަން އޮތް އިރު، އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އެ އަތޮޅުގައި 20،000 އެއްހާ މީހުން ދިރިއުޅެ އެވެ.
"ސްޓެރެޓެޖީކަލީ ރާއްޖޭގެ އެއް ކޮޅު، ފްލައިޓް ޕާތު، ޝިޕިން ރޫޓުތައް ވެސް އަރާ ލޮކޭޝަނެއް، މާލޭގެ އިންފްލުއެންސްއިން އެ ބިމުގެ އަގު އެރި ގޮތް، އެ އެޑްވާންޓޭޖް މާ ބޮޑު [އައްޑުއަށް]، ރަށްރަށުގެ ބިން އެތުރިފަ އޮތް ގޮތަށް ބަލާއިރު،" އާބަން ޕްލޭނިންގެ ތަޖުރިބާކާރު މުހައްމަދު އިޝާން ސައީދު ވިދާޅުވި އެވެ.
އިނގިރޭސީން އައްޑޫގައި ގާއިމުވެ ތިބި ދުވަސްވަރު ހިތަދު އާއި އެ ސަރަހައްދުގައި މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ގުޅުވާފައިވެ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގުޅިފައިވާ ރަށްރަށް ގުޅުވައިދޭނެ ލިންކް ރޯޑެއް ހެދި އެވެ. ދަތުރުފަތުރާއި މުދާ އުފުލުމުގެ ފަސޭހަކަމަށް ބޭނުންވާ އުމްރާނީ ތަރައްގީ ހަމަޖައްސަން މާ ބޮޑަށް ފަސޭހަ އަތޮޅެކެވެ.
"ރީޖަނައިޒޭޝަން ޕްލޭނުގައި އެބަ އޮވޭ އައްޑޫ އާބަން ހަބަކަށް ހަދަން [މީގެ ކުރީގައި] ލިޔެފައި، އަބަދުވެސް އައިޑެންޓިފައި ކުރެވިފައި އޮތް ލޮކޭޝަނެއް އައްޑުއަކީ،" ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ މާސްޓަ ޕްލޭން ތައްޔާރު ކުރުމުގައި ވެސް އުޅުއްވި އިޝާން ވިދާޅުވި އެވެ.
އައްޑު އާއި ލާމު އަތޮޅުގެ އިތުރުން، ބޮޑެތި ބިންތަކެއް އޮތް ބޮޑުތިލަދުންމަތީގެ ރަށްރަަށަށް ފައިދާތަކެއް އޮތް އިރު، އިންޓަނޭޝަނަލް ޓްރާންޝިޕްމަންޓް ބަނދަރެއް ރާއްޖޭގައި ހިންގުމަށް އެންމެ އެކަށޭނަ ތަނަކީ އިހަވަންދިއްޕޮޅު ކަމަށް ސަރުކާރުތަކުން ވެސް ދެކިފައިވެ އެވެ. ނަމަވެސް އެ މަސައްކަތުގެ މާ ބޮޑު އަމަލީ ސިފައެއް އަދި ގެނެވިފައެއް ނުވެ އެވެ.
ކުރީގެ އިކޮނޮމިކްސް މިނިސްޓަރު މަހްމޫދު ރާޒީ ވިދާޅުވީ އިގުތިސޯދީ ވިސްނުމާއި ޕްލޭންތައް އެއް ފަރާތްކޮށް، ބޭނުން ނުކުރެވި އަދި ލިބެން ޖެހޭ ފައިދާ ނުލިބި ބިންތައް ހުރުމަކީ ކަންބޮޑުވުން ހުރި ކަމެއް ކަމަށެވެ.
"ކޮންމެ ތަނެއް ހިއްކިއަސް އެތަނެއްގަ ކުރާނެ ކަންތައްތަކެއް ޕްލޭން ކުރަން ޖެހޭ، ބިން ހުރެ، ބޭނުން ނުކޮށް ބެހެއްޓީމަ އެއިން ލިބެން ޖެހޭ ފައިދާ ވެސް ގައުމަކަށް ނުލިބޭ، މިއީ ވަރަށް ދެރަ ކެމެއް،" މަހްމޫދު ރާޒީ ވިދާޅުވި އެވެ.
މީގެ އިތުރުން ގިނަ ސިޔާސީ ބޭފުޅުން އެކި ރަށްތަކަށް ގޮސް ބިން ހިއްކުމުގެ ވައުދުތައް ވަނީ ވޯޓު ހޯދުމުގެ މަގުސަދުގައި ކަމަށާއި، ވައުދުވުމުގެ ކުރިން ނުވަތަ މަޝްރޫއުއެއް ފެށުމުގެ ކުރިން "ނީޑް އެސެސްމެންޓް" ޕްލޭނެއް ނަހަދާކަން މި ނޫހާއި ވާހަކަ ދެއްކި އިގްތިސާދީ ދާއިރާގެ މާހިރުން ވެސް ފާހަގަކުރެއްވި އެވެ.
އާބާދީ އެއްފަސްކުރުމުގެ ސިޔާސަތެއް ނެތް
އެކިއެކި ސަބަބުތަކާހުރެ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކުރެވިފައި، އަދި ބަދަލުވެފައި ހުރިކަން ތާރީހުން ހާމަވެ އެވެ. އެގޮތުން ސުނާމީ، ރަށްގިރުން، ސިހުރު އަދި ބަލިތައް ފެތުރުމުގެ ސަބަބުން ވެސް މީހުން އެއް ރަށުން އަނެއް ރަށަސް ދިރުއުޅުން ބަދަލުކޮށްފައި އެބަ ހުއްޓެވެ.
ނަމަވެސް، މިފަދަ ކާރިސާއަކާއި ނުލައި އިގްތިސާދީ ވިސްނުމެއްގައި މީހުން އެއް ރަށުން އަނެއް ރަށަށް ބަދަލުކުރުމުގެ ވާހަކައަކީ މިހާރު ނުދައްކާ ވާހަކައެކެވެ.
އާބާދީ ކިތަންމެ ކުޑަ ނަމަވެސް، ކަރަންޓާއި، ނަރުދަމާ އާއި، ސާފު ބޯފެން ފޯރުކޮށްދިނުމަކީ މީހުން ދިރިއުޅޭ ރަށެއް ނަމަ ކުރަންޖެހޭ ހަރަދެކެވެ. މީގެ އިތުރުން ބަނދަރު ހެދުމާއި، މަގު ހެދުމާއި، ޕާކުތަކާއި، ކުޅިވަރު ދަނޑުތައް ހެދުމަށް ކުރަން ޖެހޭ ހޭދަ އަދި ތައުލީމަށާއި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ވެސް މަޝްރޫއު ހިންގަން ޖެހެ އެވެ.
ނަމަވެސް މިދިޔަ 10 އަހަރު ރަށްރަށުގައި އަސާސީ ހިދުމަތްތައް ދިނުމުގެ މަޝްރޫއުތަކުގެ އިތުރަށް، އިގުތިސޯދީ ހަރަކާތްތައް ފުޅާކުރުމުގެ ވިސްނުމެއްގައި "މެގަ ޕްރޮޖެކްޓްތައް" ހިންގިފައެއް ނެތެވެ. ސަބަބަކީ ކޮންމެ ރަށެއްގައި އަސާސީ ކަންކަން ހަމަޖެއްސުން އިގުތިސޯދަށް ބުރަވުން ކަމަށް ކުރިން މި ލުމުގައި ވާހަކަ ދެއްކި ކުރީގެ މިނިސްޓަރު ރާޒީ ފާހަގަ ކުރެއްވި އެވެ.
"އާބާދީ މަދު ނަމަ އެހެން ރަށަކަށް ބަދަލުކޮށް އެއްފަސްކުރުމަކީ ކުރެވިދާނެ ކަމެއް. އެއްފަސް ނުކުރެވިއްޖިއްޔާ އެބަޖެހޭ ދެއްތޯ ހިދުމަތްތައް ގާއިމްކޮށްދީ ކަންކަން ކޮށްދޭން. މަދު މީސްކޮޅެއް އުޅޭ ރަށެއްގަ މިކަން ކަން ކުރަންވީމަ އިގްތިސާދަށް ބުރަ ބޮޑު،" ރާޒީ ވިދާޅުވި އެވެ.
ރާއްޖޭގެ ދަރަނި ކުޑަކޮށް އިގްތިސާދު ކުރިއަރުވަން ބޭނުން ނަމަ، އެއްފަސް ކުރުމުގެ ރަނގަޅު ސިޔާސަތެއް ގެންގުޅުން މުހިންމެވެ. އަދި ބިން ހިއްކުން ފަދަ ތިމާވެއްޓާއި ގުޅިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ކުރިން ރަނގަޅަށް ޕްލޭން ކުރަން ޖެހޭކަން ކުރިން ވާހަކަ ދެއްކެވި ލެކްޗަރާ ވިދާޅުވި އެވެ.
"ބޮޑެތި މަޝްރޫއުތައް ހިންގިދާނެ ދެއްތޯ. އެކަމް ޕްލޭން ކުރަން އެބަ ޖެހޭ ކަމެއް ފެށުމުގެ ކުރިން. މިހާރު މި ފެންނަނީ ކުދި ރަށްތަކަށް، އޭގެ ވަށައިގެން ހުރި ކަންކަން ނުބަލާ، ބޮޑެތި ހަރަދު ކުރާ ތަން. އެއްފަސް ކޮށްގެން މި ގައުމުގެ އިގްތިސާދު ކޮޅަށް ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު، ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށުގެ ތެރޭގައި، އާބާދީ 1،000 އަށްވުރެ ދަށް 112 ރަށް އެބައޮތެވެ. އޭގެ ތެރެއިން 40 ރަށުގެ އާބާދީ 500 އަށް ވެސް ނާރަ އެވެ.
ރާއްޖޭގައި ރަނގަޅު އިންވެސްޓް ކުރެވޭނެ ސަރަހައްދުތައް އެބަ ހުއްޓެވެ. ބިމާއި ފަޅު ބޮޑު ތަންތަން އެބަ ހުއްޓެވެ. ކައިރިކައިރީ ގިނަ ފަޅުރަށްތައް ހިމެނޭ ފަޅުފަޅު ވެސް އެބަ ހުއްޓެވެ. އެއިން ކޮންމެ ސަރަހައްދަކުން ވެސް ފައިދާތަކެއް ހޯދެން އެބަ އޮތެވެ. މި ގޮތަށް ހުރި ސަރަހައްދުތައް ފާހަގަކޮށް، އެއިން ކޮންމެ ސަރަހައްދަކަށް މީހުން އާބާދުކުރަންވީ ގޮތްތަކެއް ހޯދަން ޖެހެ އެވެ. އެ ސަރަހައްދުތައް އާބާދުކުރުމުން ވިޔަފާރިތައް އުފެދި، މާލެ ސަރަހައްދުން މި ފެންނަ ފަދަ ހަރަކާތްތެރި އިގުތިސޯދެއް ގާއިމުވާނެ އެވެ.












