މިދިޔަ މަހު ރާއްޖެއަށް މުދާ އިމްޕޯޓު ކުރި މިންވަރާއި އެކްސްޕޯޓު ކުރި މިންވަރު އަދި ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސް އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ކަސްޓަމަށް 361 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާ އިރު 15 ޕަަސެންޓް އިތުރުވުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަމަހު ރާއްޖެއިން 138 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ޖުލައިމަހަށްވުރެ 70 ޕަސެންޓް އިތުރު އަދަދެކެވެ.
ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ މަހު އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓް ކޮށްފައިވަނީ ކަނޑުމަހުގެ ބާވަތްތަކެވެ. އެގޮތުން ފިނި ކުރި މަހާއި ތައްޔާރުކުރި މަހުުގެ ބާވަތްތައް ހިމެނޭހެން ޖުމްލަ 111 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓްކުރީ ތައިލޭންޑަށާއި ޔޫކޭ އަދި ޖަރުމަނަށެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ އަގުވެސް މިދިޔަ އަހަރުގެ ޖުލައި މަހަށްވުރެ 12 ޕަސެންޓު ވަނީ އިތުރުވެފަ އެވެ.
މިދިޔަ މަހު އިމްޕޯޓުކުރި މުދަލުގެ އަގު ޖުމްލަ 4.7 ބިލިއަން ރުފިޔާއަށް އަރާއިރު އޭގެތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ތެލުގެ ބާވަތްތަކެވެ. އެގޮތުން 913 މިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް ހިމެނޭއިރު އިލެކްޓްރިކް ސާމާނާއި މެޝިނަރީސް ގޮތުގައި 878 މިލިއަން ރުފިޔާގެ މުދާ އަދި ކާބޯތަކެތީގެ ގޮތުގައި 842 މިިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މުދާ އިމްޕޯޓްކޮށްފައިވަނީ އިންޑިއާ، އޮމާން އަދި ޗައިނާ އިންނެވެ.
މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި 10 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މުދާ ހިފައިގެން ރާއްޖެއަށް 111 ކާގޯ އުޅަނދެއް އައި އިރު 132 އުޅަނދު ރާއްޖެއިން މުދާ ހިފައިގެން ފުރި އެވެ.










