ރިޕޯޓުއިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަކީ ދިވެހި ބަހަށް ވެވޭ އިހުމާލެއްތަ؟

އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަކީ ދިވެހި ބަހަށް ވެވޭ އިހުމާލެއްތަ؟

ދިވެހިންގެ މާދަރީ ބަހުން ކިޔަވައިދޭ މާއްދާއެއް އިނގިރޭސި ބަހުން ކިޔެވުމުގެ ފުރުސަތަކީ ދިވެހި ބަހަށް އޮތް ނުރައްކަލެއް ކަމުގައި ބައެއް މީހުން ދެކެ އެވެ. އަދި އިސްލާމް މާއްދާ އިނގިރޭސިން ކިޔެވުމަކީ ބާކީ ވެފައި ތިބި ދަރިވަރުންނަށް ލިބޭ ފުރުސަތެއް ގޮތުގައި ބަލާ މީހުން ވެސް ގިނަ އެވެ.

އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު
އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު

ހަނދާން ހުންނަން ފެށީއްސުރެ އެއް ކުލާހެއްގައި އިންނަ އިންޑިއާގެ މުސްލިމް ކުއްޖެކެވެ. މައިންބަފައިންނާއިއެކު ރާއްޖެ އައިސް ވަޒަންވެރިވެގެން އުޅޭ ދަރިވަރެކެވެ. ކޮންމެ ދުވަހަކު ވެސް ދިވެހި، އިސްލާމް އަދި ގުރުއާން މާއްދާ ކިޔަވާ ގަޑިޖެހުމުން އެކުއްޖާ ދާނީ ލައިބްރަރީއަށެވެ. ނޫނީ ކުލާހުގެ އެއްކަނެއްގައި ފޫހިވެފައި އިނދެ އެވެ.

އޭނާ އެ މާއްދާތައް ކިޔަވާހިތް ނުވާތީއެއް ނޫނެވެ. އިސްލާމް އަދި ގުރުއާން އޭނާ ވެސް ކިޔަވަން ބޭނުންވާ ވަހާކަ ބުނެ އެވެ. ދީނާއި ބެހޭގޮތުން އިތުރަށް އުނގެނެން ބޭނުމެވެ. ނަމަވެސް، އެ މާއްދާތައް ދިވެހި ބަހުން ކިޔަވައިދޭތީ އޭނާއަށް ގަޑިތަކުގައި ބައިވެރިނުވެވެނީ އެވެ. އޭނާގެެ މާދަރީ ބަސް ނޫންވީމަ އެވެ. އަދި އޭނާ ދަސްކޮށްފައިވާ ބަހަކަށް ވެސް ނުވުމުންނެވެ.

މިއީ މިއަދު ރާއްޖޭގައި ކިޔަވަމުން އަންނަ ބިދޭސީ ކުދިންނަށް އުނގެނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. މުސްލިމް އަދި މުސްލިމް ނޫން ބިދޭސީ ދަރިވަރުންނަށް ވެސް ލިބެންޖެހޭ ފުރުސަތެކެވެ. އިސްލާމް މާއްދާ އެމީހުންނަށް އެނގޭ އަދި ދަންނަ ބަހަކުން ކިޔެވުމުގެ ފުރުސަތު ލިބުމެވެ.

މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އިސްލާމް މާއްދާ ރާއްޖޭގައި އިނގެރޭސިން ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދިނުމަކީ މި ރިޔާސީ އިންތިހާބު 2023ގެ ކެމްޕެއިނުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އަދި އިނގިރޭސިން އިސްލާމް ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހޯދައިދިނުން ވަނީ އެމްޑީޕީގެ އައު މެނިފެސްޓޯގައި "ރިވެތި އިސްލާމީ ދިރިއުޅުން" ގެ ދަށުން ހިމަނާފަ އެވެ.

އެކަމަކު މި މައްސަލައިގައި އެކި މީހުންގެ ހިޔާލު ތަފާތެވެ.

ދިވެހިންގެ މާދަރީ ބަހުން ކިޔަވައިދޭ މާއްދާއެއް އިނގެރޭސި ބަހުން ކިޔެވުމުގެ ފުރުސަތަކީ ދިވެހި ބަހަށް އޮތް ނުރައްކަލެއް ކަމުގައި ބައެއް މީހުން ދެކެ އެވެ. އަދި އިސްލާމް މާއްދާ އިނގެރޭސިން ކިޔެވުމަކީ ބާކީ ވެފައި ތިބި ދަރިވަރުންނަށް ލިބޭ ފުރުސަތެއް ގޮތުގައި ބަލާ މީހުން ވެސް ގިނަ އެވެ.

ދިވެހި ބަހަށް ވެވޭ އިހުމާލެއް؟

އަދުގެ ކުދިން ދިވެހި ބަހާއި ދުރުވަމުން އަންނަ ވާހަކައަކީ މިއަދު ބަހުގެ މާހިރުން ކަންބޮޑުވާ އެއްކަމެވެ. އަމިއްލަ މާދަރީ ބަސް ދޫކޮށް އިނގިރޭސި ބަހަށް ކުދިން ބަދަލުވަމުން އަންނަނީ އެތައް ސަބަބަކާ ހެދި އެވެ. އުޅެ ބޮޑުވާ މާހައުލާއި، އަޑު އިވޭ އަދި ފެންނަ މަންޒަރުތަކުގައި ދިވެހި ބަހުގެ ޝާމިލުވުން ކުޑައީ އެވެ. މިއީ މައިންބަފައިންގެ އިހުމާލޭ ވެސް ބުނެވިދާނެ އެވެ. ނުވަތަ އެކުދިން ބަހަށް އަހުލުވެރިކުރުވުމުގައި ހިއްސާވާނެ ދިވެހި އުފެއްދުންތައް މަދީ އޭ ވެސް ބުނެވިދާނެ އެވެ.

މި ރިޕޯޓަށް މައުލޫމާތު ދެއްވި ބައެެއް ބޭފުޅުން ވެސް ފާހަގަކުރީ އެ ނުކުތާ އެވެ. ދިވެހި ބަހަށް ދަރިވަރުން ކޮށި ޒަމާނެއްގައި އެ ބަހުން ކިޔަވަމުން އަންނަ މާއްދާއެއް އިނގިރޭސި ބަހުން ކިޔެވުމުގެ ފުރުސަތަކީ އެ ކުދިން ބަހާއި ދުރުވުމަށް އަޅައިދެވޭ ފާލަމެއް ކަމުގައި ވެދާނެ ކަމެވެ. އެއީ ދިވެހި ބަހަށް ވެވޭ އިހުމާލަކަށް ވެދާނެ ކަމެވެ.

"ކުދިން ވަރަށް ނުކިޔަވަން އުޅޭ މާއްދާއެއް ދިވެއްސަކީ. އެކުދިން ދިވެހި ކިޔަވަން އިންނަ ބާރެއް އަސްލު އިސްލާމް މާއްދާ ދިވެހިން އޮތުމަކީ. އެ ނޫނީ މި ޖީލުގެ ކުދިން އާންމު ދިރިއުޅުމުގަ ވެސް ދިވެހި ބަހުން ވާހަކަވެސް ނުދައްކާ. އިސްލާމް މާއްދާ އޮޕްޝަނަލް ކޮށް ވެސް އިނގިރޭސި ބަހަށް ބަދަލުކޮށްފިއްޔާ އެކުދިން އެއްކޮށް ދިވެހި ބަސް ދޫކޮށްލާނެ،" އިސްލާމް މާއްދާ އިނގިރޭސިން ކިޔަވައިދިނުމާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުން މި ނޫހާއި ވާހަކަދެއްކި ބެލެނެވެރިއަކު ބުންޏެވެ.

"ދިވެހި ބަހަށް ކުދިން އަހުލުވެރި ނުވެގެން މިއުޅެނީ. އެހެންވީމަ އޮޕްޝަނެއް ގޮތަށް ހެދިޔަސް މި ވާނީ ވަރަށް ބޮޑު އިހުމާލަކަށް. އެހެން ބޮޑެތި ގައުމުތަކުގަ ވެސް ލެންގުއޭޖް ނޫން އެހެން ހުރިހާ މާއްދާއެއް ކިޔަވައިދެނީ އެމީހުންގެ މާދަރީ ބަހުން،" ހިރިޔާ ސުކޫލުގެ އިސްލާމް މުދަރިސް ވަރުދާ އަބްދުﷲ މި ނޫހަށް ވިދާޅުވި އެވެ.

އެ ބައެއްގެ މާދަރީ ބަހުން ކުދިންނަށް ކިޔަވައިދީ ކިޔެވުމުގެ ބިންގާ މާދަރީ ބަހުން އެޅުމުގެ މުހިންމުކަން ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް، އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އިން މިއަހަރު ކޮށްފައިވާ ދިރާސާއަކުން ވެސް ހާމަ ވެ އެވެ. މިގޮތުން މާދަރީ ބަހުން ކިޔަވައިދިނުމަކީ އެ ކުދިންގެ ނަތީޖާ ރަނގަޅުވެ އުނގެނެން ފަސޭހަވާކަމެއް ކަމުގައި ޔުނެސްކޯގެ ދިރާސާއިން ދައްކަ އެވެ. އަދި އަމިއްލަ މާދަރީ ބަހުން ތައުލީމު ހާސިލް ކުރުމަކީ މުޖުތަމައުގައި އެކުދިންގެ ބައިވެރިވުން އިތުރުކޮށްދޭ ކަމެއް ކަމަށް ޔުނެސްކޯއިން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އަދި ތައުލީމީ ދާއިރާގެ ތަޖުރިބާކާރު އާދަމް ޝަރީފް ވެސް ފާޅުކުރެއްވީ އެ ކަންބޮޑުވުމެވެ. އޭނާ ވިދާޅުވީ މާދަރީ ބަހުން ސުކޫލުގެ މާއްދާތައް ކިޔަވައިދިނުމަކީ ދަރިވަރުންގެ ފެންވަރު އަދި ހުނަރު އިތުރަށް ކުރިއަރުވައުދޭ ކަމެއް ކަމަށެވެ. އަދި އިނގެރޭސި ބަހުން އިސްލާމް ފަދަ މާއްދާއެއް ކިޔައިވިނުމަކީ ދަރިވަރުންގެ ކުރިއެރުމަށް އެޅޭ ހުރަހެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"އޭގެ ސަބަބުން[އިސްލާމް މާއްދާ އިނގެރޭސިން ކިޔަވައިދިނުމުގެ ސަބަބުން] ފުރަތަމަ ކަމަކަށް ދިމާވާނެ ކަމަކީ ކުދިންގެ ބަސްކޮށާރު ވެސް އިތުރަށް ތަރައްގީވުމަށް ހުރަސް އެޅުން. އަދި އެކުދިން ދިވެހި ބަހުން ކަންކަމަށް ވިސްނާ ގޮތް ވެސް ހަނިވެގެން ދާނެ. އަދި ހަމަ އެ މާއްދާ އުނގެނޭ މިންވަރު ވެސް ކުޑަވެގެން ދާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ބޭރު ދަރިވަރުންނަށް ލިބޭ ފުރުސަތެއް

ޔުނެސްކޯއިން މިއަހަރު ކޮށްފައިވާ ދިރާސާއަކުން ހާމަވާ ގޮތުގައި ދުނިޔޭގެ އާބާދީގެ 40 އިންސައްތަ މީހުންނަކީ އެމީހުންނަށް ލިޔަން ކިޔަން އެނގޭ ބަހަކުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ނުލިބޭ މީހުންނެވެ. އެކި ސަބަބުތަކާއި ހުރެ އެވެ.

ރާއްޖޭގެ އެކި ސުކޫލުތަކުގައި ވެސް ބިދޭސީ ދަރިވަރުންގެ އަދަދު ގިނަ އެވެ. އިސްލާމް މާއްދާ އިނގިރޭސިން ކިޔަވައިދޭން ފެށުމަކީ މިފަދަ ކުދިންނަށް އުނގެނުމުގައި ލިބޭ އިތުރު ފުރުސަތަކަށް ވާނެ އެވެ.

"ދިވެހި ނޭނގޭ ދަރިވަރުން، މިސާލަކަށް ބޭރުގެ ދަރިވަރުންނަށް މީ ރަނގަޅު ކަމެއް. އެކުދިންނަށް ލިބޭ ފުރުސަތެއް،" ހިރިޔާ ސުކޫލުގެ އިސްލާމް މުދަރިސް ކިޔަވައިދޭ ވަރުދާ އަބްދުﷲ ފާހަގަކުރެއްވި އެވެ. އަދި މި މޭރުމުން ބަލާނަމަ އޮޕްޝަނަލްކޮށް އެހެން ގައުމުތަކުގެ ކުދިންނަށް އިނގިރޭސިން އިސްލާމް ކިޔަވައިދިނުމަކީ ރަނގަޅު ނިންމުމެއް ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން އިސްލާމް މާއްދާއަކީ ވަކި ބަހަކާއި ގުޅިފައި އޮންނަ މާއްދާއެއް ނޫންކަމަށާއި ކޮންމެ ބަހަކުން ވެސް އިސްލާމީ ތަރުބިއްޔަތު ދެވިދާނެ ކަމުގައި މި ނޫހަށް ވާހަކަދެއްކި ސްކޫލުތަކުގެ ޕްރިންސިޕަލުން ފާހަގަކުރެއްވި އެވެ.

"އިސްލާމަކީ ވަކި ލެންގުއޭޖަކާ ގުޅިފަ އޮންނަ މާއްދާއެއް ނޫން. އެހެންވީމަ އޭގެ މަފްހޫމް ނޯޅޭ ގޮތަށް އިނގެރޭސިން ކިޔަވައިދިނުމަކީ ވެސް ރަނގަޅު ކަމެއް،" މާލޭ ސުކޫލެއްގެ ޕްރިންސިޕަލަކު ނަން ނުޖެހުމަށް އެދި މި ނޫހަށް ވިދާޅުވި އެވެ.

އިސްލާމް ދީނާ ގުޅޭ ގޮތުން، ދިވެހި ބަހުން ހުރި ފޮތްތަކަށްވުރެ، ގިނައީ އިނގިރޭސި ބަހުގެ ފޮތްތަކެވެ. ދީނާ ގުޅޭ ގިނަ ފޮތްތައް ތަރުޖަމާކުރެވެނީ ވެސް އިނގިރޭސި ބަހަށެވެ. އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔެވުމުގެ އިހުތިޔާރާއެކު، ދީނުގެ މަފްހޫމުތައް ދަރިވަރުންނަށް ވިސްނެން ފަސޭހަވެދާނޭކަމަށްވެސް މި ރިޕޯޓަށް ވާހަކަ ދެއްކެވި ބޭފުޅުން ހިޔާލުފާޅުކުރެއްވި އެވެ.

ނަމަވެސް، މި ވިސްނުމާއި ދެކޮޅު ބޭފުޅުން ގަބޫލުކުރައްވަނީ މީގެ އިދިކޮޅެވެ. އިސްލާމް ދީނާއި ދިވެހި ބަހަކީ ގައުމިއްޔަތާއި ގުޅިފައިވާ ކަންކަން ކަމުގައި ކެމްޕެއިނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.

"ގައުމުގެ މިނިވަންކަމާ ގުޅިފައި ވަނީ އިސްލާމް ދީން. އިސްލާމް ދީނާއި, ދިވެހި ބަހާ ހިމާޔަތްކޮށްގެން ގައުމުގެ މުސްތަގުބަލު ސަލާމަތްކުރެވޭނީ, އަމާން ކުރެވޭނީ, އުޖާލާ ކުރެވޭނީ" މުއިއްޒު ވިދާޅުވި އެވެ.

އިސްލާމް މާއްދާ މި ގައުމުގައި ހަމައެކަނި ދިވެހި ބަހުން ކިޔަވައިދިނުމަކީ ބައެއް ކުދިން ބާކީވާ އަދި އެ ކުދިންގެ އުނގެނުމުގެ ހައްގު ނިގުޅައިގަނެވޭ ކަމަކަށް ވަނީ ނަމަ، އެކުދިންނަށް މި މާއްދާ އިނގެރޭސި ބަހުން ކިޔަވައިިދިނުމަކީ ފައިދާކުރަނިވި ގޮތެއް ކަމުގައި ވާނެ އެވެ. ދިވެހި ދަރިވަރުންނަށް އެ ކުދިންގެ މާދަރީ ބަހުން ދީން އުނގަންނައިދިނުމަކީ ރަނގަޅު ގޮތެއް ކަމުގައި ގަބޫލުކުރެވޭއިރު، އިނގިރޭސި ބަހުން ކިޔެވުމުގެ އިހުތިޔާރު އޮތުމަކީ ދީނާ ގުޅޭ ދިރާސާތައް ކުރުމަށް ދަރިވަރުންނަށް ފަސޭހަވެގެން ދާނޭ ކަމެކެވެ.

މަރިޔަމް އަފާ ނިޒާމް

ޖާނަލިސްޓު

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox