މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަންނަ އޮކްޓޯބަރު 27، ގައި ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ.
ދިރާގު ރޯޑް ރޭސް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 27، ގެ ފަތިހު ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުންނެވެ. މިއީ ދިރާގު ރޯޑް ރޭހުގެ 14 ވަނަ އެޑިޝަނެވެ.
ދިރާގު ރޯޑް ރޭސް އިއުލާނުކުރުމުގެ ގޮތުން ދިރާގު ހެޑް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނިން ބުނީ މިފަހަރު ވެސް ދުވުމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"މި އިވެންޓަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބޭ އަދި ގިނަ މީހުން މިކަމަށް އިންތިޒާރު ކުރާ އިވެންޓެއް. 2007 ވަނަ އަހަރު ޑީއެމްއާރްއާރް ވަނީ ދިވެހިރާއްޖޭގައި މާސް ޕާޓިސިޕޭޝަން ރޭސްތައް ފަށައި، ރާއްޖޭގައި ދުވުމުގެ ސަގާފަތް ގާއިމުކޮށްފައި،" ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.
އޭގެ އިތުރުން، މިއަހަރު ފުރަތަމަ ފަހަރަށް ދިރާގު ރޯޑް ރޭހުގައި ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހުޅުވާލާފަ އެވެ. އަދި ބޮޑެތި ފައިސާގެ އިނާމުތަކާއި ތަފާތު ކުލަގަދަ ހަރަކާތްތަކަކާއެކު މިއަހަރުގެ ދުވުން އިތުރަށް ފޯރިގަދަ ވާނެ ކަމުގައި ދިރާގުން ބުނެ އެވެ.

ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާރކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން -- ފޮޓޯ: އިޔާން/އަދަދު
ހާފް މެރަތަންގެ އިތުރުން މި ރޭހުގައި ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަރުގެ ދުވުމުގައި ވެސް ބައިވެރިވެވޭނެ އެވެ.
މިއަހަރުގެ ދުވުން ހާއްސަކޮށްފައިވަނީ ވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމުގައިވާ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ. އެގޮތުން މިއަހަރުގެ ދުވުމުގެ ޝިއާރަކީ "ކުޑަކުދިން ރައްކާތެރިކުރުން އަދި ހިމާޔަތްކުރުން" މެވެ.
އެ އިވެންޓުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން ދިރާގުން އެންޑޯސްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް އެ ފަރާތްތަކުން ރާވާފައިވާ ހަރަކާތްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ފައިސާގެ އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވާކަމުގައި ދިރާގުން ބުނެ އެވެ.
މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށްވެސް ދިރާގުން ވަނީ ނިންމާފައެވެ.
މާދަމައިން ފެށިގެން ޑީއެމްއާރްއާރްގެ ރަޖިސްޓްރޭޝަން ހުޅުވާލާނެއެވެ. އަދި ދުވަން ބޭނުންވާ ފަރާތްތަކަށް އޮގަސްޓް 30، ގެ 23:59 އަށް ނުވަތަ 4،000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މި އިވެންޓްގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރެވޭނެ އެވެ.
ޑީއެމްއާރްއާރް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމައުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީޗދުވުމެވެ. މީގެ އިތުރުން މިއީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަށް ރަޖިސްޓާ ކުރުމަށާއި މި އިވެންޓާއި ބެހޭ އިތުރު މައުލޫމާތު މި ވެބްސައިޓުން ލިބޭނެ އެވެ.










