މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާއަށް އެ ޕާޓީގެ ކައުންސިލް މެމްބަރަކު ހަމަލާ ދިން ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި ރަފިއްޔާއަށް ހަމަލާދިން ކަމުގެ ތުހުމަތު ކުރަނީ އެމްޑީއޭގެ ކައުންސިލް މެމްބަރެއް ކަމަށްވާ މުހައްމަދު އައްބާސް އަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ރަފިއްޔާއަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް އެ ހިދުމަތަށް މިއަދު ސިޓީއަކުން ހުށަހަޅާފައިވާ ކަމަށެވެ. އޮފިޝަލު ވިދާޅުވީ، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އަރިސް އެ ދެ ބޭފުޅުންގެ މެދުގައި މައްސަލަ ޖެހުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭކަން އެނގިފައިވެ އެވެ.
އައްބާސް އަދި ރަފިއްޔާއަކީ ވެސް އެމްޑީއޭ އުފެއްދުނީއްސުރެ އެ ޕާޓީއަށް ހިދުމަތްކުރަމުން އަންނަ ދެ ބޭފުޅުންނެވެ.

އެމްޑީއޭއިން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވަނީ ސަރުކާރު ހިންގާ އެމްޑީޕީއާއި އަދާލަތު ޕާޓީއާއެކު ކޯލިޝަން ހަދައިފަ އެވެ. އެ ޕާޓީގެ ލީޑަރު ސިޔާމްގެ އިތުރުން ލީޑާޝިޕްގެ ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ދަތުރުފުޅުތަކުގައި ބައިވެރިވެ ބައެއް ޖަލްސާތަކުގައި ވާހަކަ ދައްކަވަ އެވެ.












