ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖާ ގުޅިގެން ކުރިއަށްގެންދާ "ޑިސްކަވާ ހޮސްޕިޓާލިޓީ" ޕްރޮގުރާމްގެ ފަސްވަނަ ބެޗުގެ ދަރިވަރުންނަށް އިންޓާންޝިޕް ދީ އެކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.
މިއީ ރާއްޖޭގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި ދިވެހިން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމުގެ މަގުސަދުގައި ޔުނިވާސަލް ފައުންޑޭޝަނުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މެންހަޓަން ބިޒްނަސް ހޮޓެލްގައި މިއަދު ކުރިއަށްގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގަ މި އިންޓާންޝިޕް ޕްރޮގުރާމުގެ ފަސްވަނަ ބެޗަށް ހޮވުނު 30 ދަރިވަރުންނަށް އިންޓާންޝިޕް ލިޔުން ވަނީ ހަވާލުކޮށްފަ އެވެ. މި ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ކިޔަވަދޭނީ ވިލާ ކޮލެޖުންނެވެ. އަދި ޕްރެކްޓިކަލް ތަމްރީނުތަކަށް ފޮނުވާނީ ޔުނިވާސަލްގެ ދަށުން ހިންގާ ރިސޯޓު ތަކަށެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު އާއި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރުގެ އިތުރުން ވައިސް ރެކްޓާ ޑރ. އަލީ ނަޖީބުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
we ރަސްމިއްޔާތުގައި ޔުނިވާސަލް ފައުންޑޭޝަނުން ވަނީ މިދިޔަ އަހަރު ފެށި މި ޕްރޮގްރާމުގެ ހަތަރުވަނަ ބެޗުގެ 22 ދަރިވަރަކަށް ގްރެޑުއޭޝަން ސެޓްފިކެޓުވެސް ހަވާލުކޮށްފަ އެވެ. އެ ދަރިވަރުންނަށް ގްރެޑުއޭޝަން ސެޓްފިކެޓް ދެއްވީ މިނިސްޓަރު މައުސޫމް އެވެ.

ޔުނިވާސަލް ފައުންޑޭޝަން އާއި ވިލާ ކޮލެޖު ގުޅިގެން ކުރިއަށްގެންދާ ޑިސްކަވާ ހޮސްޕިޓަލިޓީގެ ފަސްވަނަ ބެޗުގެ ދަރިވަރުން، މިފަހަރު 30 ދަރިވަރުން މި އިންޓާންޝިޕަށް ހޮވިފައިވޭ---ފޮޓޯ:ވިލާ ކޮލެޖު

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުގެ މާހައުލަކީ ރައްކާތެރި މާހައުލެއް ކަމަށާއި އެ މާހައުލަށް ދަރިވަރުން ދޫކޮށްލުމަށް ބެލެނިވެރިން ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. އަދި އިންޑަސްޓްރީތަކަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިންސާނީ ވަސީލަތް މަދުވުން ކަމަށާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ބާރަށް ކުރިއަރަމުން އަންނައިރު އެ ދާއިރާގެ ވަޒީފާތަކަށް ބޭނުންވާ ވަރަށްވެސް ދިވެހިން ތަމްރީނުވެފައި ނެތް ކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ ތިބި ދިވެހިން ވަޒީފާތަކަށް ތަމްރީނުކުުރުން ކަމަށާއި އެހެންވެ ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު 51 އަހަރު ފުރުމާ ގުޅުވައިގެން މިނިސްޓްރީން އިސްނަގައިގެން ރާއްޖޭގެ 51 ސްކޫލެއްގައި ޓޫރިޒަމް ދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި މި ޕްރޮގުރާމުގައި 1،200 ދަރިވަރުން ބައިވެރިކުރަން ރާވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެ މާހައުލަށް ކުދިން ދޫކޮށްލުމަށް ބެލެނިވެރިން ކަންބޮޑުވެ ޖެހިލުންވާނެ ކަމެއް ނެތް. އެ ވަރަށް ރަނގަޅު މާހައުލެއް. ރާއްޖޭގެ މެދު ސައިޒެއްގެ ރަށެއްގެ މާހައުލަކަށްވުރެވެސް މާ ރަނގަޅުވާނެ. ބޮޑު ސިޓީއަކަށްވުރެ އެތައްގުނަ ރަނގަޅުވާނެ" މައުސޫމް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ ޔުނިވާސަލް ފައުންޑޭޝަނާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި އެއް އަހަރުން އަނެއް އަހަރަށް ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންގެ އަދަދުތަކުންވެސް އެކަން ހާމަވާ ކަމަށެވެ. އަދި ޕްރޮގުރާމު ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓު ދަރިވަރުން ހޮސްޕިޓަލިޓީ ދާއިރާގެ ވަޒީފާއަދާކުރަމުން އަންނަ ކަމަށްވެސް ނަޖީބު ވިދާޅުވި އެެވެ.













