ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިނަމަ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޕާސްޕޯޓު ހިފަހައްޓައި އެމަނިކުފާނު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) އިއްޔެ ވިދާޅުވި އެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ރިޔާސީ ރޭހަށް ކުރީގެ ރައީސް އަބްދުالله ޔާމީނަށް ނުކުމެވަޑައިގެންނެވޭނެ ގޮތް ނުވުމުން އިދިކޮޅުން ނެރުނީ ޑރ. މުއިއްޒު އެވެ. އޭނާގެ ކެމްޕޭން ފަށައި އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން މުއިއްޒުގެ އުފަން ރަށް ހއ. ވަށަފަރުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ ރައީސް ސޯލިހު ހިފައި ހައްޔަރުކުރުމަށް ގޮވާލައިފަ އެވެ.
"ޑރ. މުއިއްޒުއަށް އަޅުގަނޑު ދަންނަވާލަން ބޭނުން އިންތިހާބުވެވަޑައިގަތުމާ އެކު [ރައީސް ސޯލިހުގެ] ޕާސްޕޯޓު ހިފަހައްޓަން ވާނޭ. އޭނާ މި ގައުމުން ބޭރުުވިޔަ ދީގެން ނުވާނެ. ރައީސް ޔާމީނަށް 1002 ވަނަ ދުވަހޭ ތި ވިދާޅުވަނީ. އަޅުގަނޑުމެންގެ ދައުރު ނިމެންދެން އިބްރާހިމް މުހައްމަދު ސޯލިހު އޮންނަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ޖަލުގައި. އޭނަގެ އެންމެ ފަހުގެ މަންޒިލަކަށް ވެސް ވާން ޖެހޭނީ ޖަލު," ވަރަށް ޖޯޝުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވަނީ ރައީސް ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އެކަންކަމާ ގުޅިގެން އެމަނިކުފާނަށް ހައްގު އަދަބު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
"ތި ހުރިހާ ބޭފުޅުން ކަޅުއޮއްފުންމިއެއްގައި ނުކުމެވަޑައިގަންނަވަންވީ އިބްރާހިމް މުހައްމަދު ސޯލިހު ހިފައި ހައްޔަރު ކުރަން. ވެރިކަން ނިމިގެން ފުރައިގެން ދިޔަ ދީގެން ނުވާނެ. އޭނާ މި ގައުމަށް ގައްދާރުވެފައި ހުރީމަ ހައްގު އަދަބު ދޭންޖެހޭ. ހިޔާނާތްތެރިޔަކަށް ދޭން ޖެހޭ އަަދަބު ދޭން ޖެހޭ. އަނިޔާވެރިއަކަށް ދޭން ޖެހޭ އަދަބު ދޭން ޖެހޭ," އޭނާ ވިދާޅުވި އެވެ.

އޭނާ ވަނީ ރައީސް ސޯލިހު އަކީ އަނިޔާވެރިއެއް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ރާއްޖޭގެ ފިލައިގެން ނުދެވޭނެ ކަމަށް ވިދާޅުވި ވާހަކަ ތަކުރާރުކުރައްވާފަ އެވެ. ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި އަބްދުއްރަހީމް އަކީ މިވަގުތު އިދިކޮޅު ލީޑާޝިޕުގައި ހުންނެވި އެންމެ ސީނިއާ ލީޑަރެވެ.
"އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު ދަންނަވާލާނަން. އަނިޔާވެރިއަކީ އިބްރާހިމް މުހައްމަދު ސޯލިހޭ. އަޅުގަނޑުމެން މި ނުކުންނަނީ އަނިޔާވެރިޔާ ހިފާ ހައްޔަރުކުރާށޭ. ފިލައިގެން ރައްކަލެއް ނުވެވޭނެ. އަޅުގަނޑުމެންގެ ވެރިކަމަށް އަންނަ ގޮތަށް ޕާސްޕޯޓު ހިފަހައްޓާނަން. ސުވާލެއް ނޯންނާނެ," އަބްދުއްރަހީމް ވިދާޅުވި އެވެ.
އިދިކޮޅު ލީޑަރު ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް މެދުވެރިކުރުވީ ރައީސް ސޯލިހުގެ ސަރުކާރު އަޑީގައި އޮވެގެން ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ. އެކަމާ ގުޅިގެން އެންމެ ބޮޑަށް އިދިކޮޅުގެ ނުރުހުން އަމާޒުވަނީ ރައީސް ސޯލިހަށެވެ. އެގޮތުން, އިދިކޮޅުގެ ވެރިކަމެއް އުފެދޭ ހާލަތެއްގައި ރައީސް ސޯލިހު ޖަލަށް ދާން ޖެހޭނެ ކަމަށް އެ ޕާޓީތަކުގެ ލީޑާޝިޕްގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
މިފަހަރުގެ އިންތިހާބަށް ކޯލިޝަނެއް ހެދުމުގެ ފުރުސަތު ލިބުނީ ހަމަ އެކަނި އެމްޑީޕީއަށް ކަމަށާއި އެެހެން ބޭފުޅުން އެކަމަށް ކިތަންމެ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް ކާމިޔާބު ނުކުރެއްވުނު ކަމަށް ރައީސް ސޯލިހު ނ. މާފަރުގައި ވިދާޅުވި އެވެ. ކޯލިޝަނެއް ހަދަން ވާދަވެރިން ކުރި މަސައްކަތްތަކަށް އެމަނިކުފާނު ހަޖޫވެސް ޖެއްސެވި އެވެ.
ރެއާ ދުވާލު، އެއްރަށުން އަނެއް ރަށަށް [ވަޑައިގެން] މަޝްވަރާކޮށް، ފޮޓޯތައް ފެނޭ އަަޅުގަނޑަށް. ޕްރެސް ކޮންފަރެންސްތައް ވެސް ބޭއްވި، ދެޕާޓީ ތިން ޕާޓީ އެެއްވެގެން. މާދަމާ ސޮއިކުރާނެއޭ ވެސް ހީވި. ނަމަވެސް [ނުކުތީ] ކޮންމެ މީހަކު ވަކިވަކިން. ބައިވެރިވާނެ އެކަކު ވެސް ނުވި،"
ދުވަހުގެ ފޮޓޯ

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ މުހައްމަދު މުއިއްޒުގެ ރަނިންމޭޓު ހުސައިން އަބްދުއްލަތީފު އިއްޔެ ގޭގެއަށް ޒިޔާރަތް ކުރެއްވިއިރު، އުމުރުން ދުވަސްވީ މީހަކާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު











