އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ނަރުސް މޭރީ ގްރޭސް ޕިނޭޑާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައި ފަހުން އޭނާ މަރުވީ ގެނބިގެން ކަމަށް ބުނުމަށްފަހު، މަރުވީ ދަންޖެހިގެން ކަމަށް މޭރީގެ ފިރިމީހާ މާވިން ވާގަސް ފަހުން ބުނި ކަމަށް އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގެ ނަރުހެއް މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ.
މޭރީ މަރުވެގެން ހޮސްޕިޓަލަށް ގެންދިޔުމަށްފަހު އޭނާ މަރުވީ ދަންޖެހިގެން ކަމަށް މާވިން ބުނި ނަމަވެސް، އޭނާ މަރުވީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލުމުން ކަމަށް މޭރީގެ އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ. ދެކޮޅު ނުޖެހޭ ވާހަކަތައް ހުރުމުން ފުލުހުން ވަނީ މާވިންގެ މައްޗަށް ތަހުގީގެއް ހިންގައި، އެ މައްސަލައިގައި މޭރީ މަރާލުމުގެ ދައުވާ އޭނާގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އަދި އެކަމުގައި ބައިވެރިވި ކަމުގެ ދައުވާ، މާވިންގެ ސިއްރު ލޯބިވެރިޔާ ކަމަށް ބުނާ ހަލީމަތު ލަމްހާގެ މައްޗަށް ވަނީ އުފުލައިފަ އެވެ.
މޭރީގެ މަރުގެ މައްސަލައިގެ ޝަރީއަތުގައި މިއަދު އޮތީ ތިން ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ. އެ ދެ މީހުންނަކީ ވެސް މޭރީ އާއި، މާވިން އަދި ލަމްހާއާއެކު އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ނަރުހުންނެވެ. އެކަމަކު، މިއަދު ވަކީލަކު އެހެން ކޯޓަކަށް ދާން ޖެހުމުން ނެގުނީ ދެ ހެކިވެރިއެއްގެ ހެކިބަހެވެ.
އައިޖީއެމްއެޗް އިމަޖެންސީގައި މަސައްކަތް ކުރާ ނަރުހެއް މިއަދު ހެކިބަަސް ދެމުން ބުނީ، މޭރީ މަރުވެގެން ގެނައި ވަގުތު އޭނާ ހުރީ ވެސް އިމަޖެންސީގައި ޑިއުޓީގައި ކަމަށެވެ.
މޭރީގެ ހަށިގަނޑު އެމްބިއުލާންސްގައި ގެނައި އިރު އެއްވެސް މީހަކު ކައިރީގައި ހުރިތޯ ދައުލަތުން ސުވާލު ކުރުމުން އެ ހެކިވެރިޔާ ބުނީ، އޭނާއަށް ފެނުނީ ހަމައެކަނި އެމްބިއުލާންސްގެ މުވައްޒަފުން ކަމަށެވެ.

ހޮސްޕިޓަލަށް ގެނައި އިރު މޭރީގެ ހާލަކީ ކޮބާތޯ ދައުލަތުގެ ވަކީލު އެހުމުން އެ ހެކިވެރިޔާ ބުނީ ވިންދެއް ނެތް ކަމަށާއި ވަގުތުން އިމަޖެންސީގައި ސީޕީއާރް ދޭން ފެށި ކަމަށެވެ. އޭނާ ކިޔައިދިން ގޮތުގައި މޭރީގެ މޫނުމައްޗާއި އަތްތިލައިގެ ތަންތަންގަނޑު ނޫކުލަ އަރާފައި ކަޅުވެފައި ހުއްޓެވެ.
މާވިންއާއެކު ވެސް ވަރަށް ގިނައިން ޑިއުޓީގައި މަސައްކަތް ކުރި، އެ ހެކިވެރިޔާ ކިޔައިދިން ގޮތުގައި، މޭރީ މަރުވީ ގެނބިގެން ކަމަށް މާވިން އެންމެ ފުރަތަމަ ހޮސްޕިޓަލުގައި ބުނި ކަމަށެވެ. އަދި މޭރީ ވެސް މާވިން ވެސް ހުރީ ތެމިފައިކަން އޭނާ ފާހަގަކުރި އެވެ. އެކަމަކު، ފަހުން އޭނާގެ ސްޓޭޓްމަންޓް އޮތީ ދަންޖެހިގެން މަރުވި ކަމަށް ބަދަލުކޮށްފައި ކަމަށް އޭނާ ކިޔައިދިނެވެ.
ހެކިވެރިޔާ ބުނީ، އެގޮތަށް މާވިންގެ ސްޓޭޓްމަންޓް ބަދަލުކުރުމުން އެކަން އޭނާ ފާހަގަކުރުމުން، ދަންޖެހުނު ކަމުގެ ނިޝާން މޭރީގެ ކަރުން ދެއްކުމަށް ވެސް މާވިން މަސައްކަތް ކުރި ކަމަށެވެ. މޭރީގެ ކަރުން ދަންޖެހުނު "ލައިން" ދައްކަން މާވިން މަސައްކަތް ކުރި ނަމަވެސް، ހެކިވެރިޔާ ބުނީ، މޭރީއަކީ ވަރަށް ދޮން މީހެއް ކަމަށާއި އޭނާގެ ކަރުގައި ދަންޖެހުނު ކަމުގެ ނިޝާނެއް ހުރި ނަމަ ވަރަށް ފަސޭހައިން އެނގޭނެ ކަމަށެވެ.
ހެކިވެރިޔާ ބުނީ އޭނާއަށް އެކަން އެނގެނީ، އޭނާ އަކީ އިމަޖެންސީގައި މަސައްކަތް ކުރާ މީހަކަށް ވާތީ ދަންޖެހިފައި ހުރި މީހުން ފެނިފައި ހުރުމުން ކަމަށެވެ.
ގެނބުނު ކަމަށް ފުރަތަމަ ބުނި ނަމަވެސް، ފަހުން އެ ހާދިސާއާ ގުޅޭ ގޮތުން "ވީ ހެޑް އަ ފައިޓް" ނުވަތަ ދެ މީހުން ޒުވާބު ކުރި ކަމަށް މާވިން ބުނި ކަމަށް ވެސް އެ ނަރުސް ކިޔައިދިނެވެ. އަދި ދަންޖެހިފައި އޮއްވާ ފެނުނީ ޒުވާބަށް ފަހު އޭނާގެ ދަރިފުޅު ގޮވައިގެން ބޭރަށް ގޮސްފައި އައި ފަހުން ކަމަށް ވެސް ބުންޏެވެ.
މާވިންގެ ރުޅި ފަޅައިގެން ދިޔަ ދުވަހެއްގެ ވާހަކަ
އެ ނަރުސް ގާތުގައި އެއްވެސް އިރަކު މާވިންގެ ކިބައިން ވަޒީފާގެ މާހައުލުގައި ނޭދެވޭ ކަމެއް ފެނުނުތޯ ސުވާލު ކުރުމުން އޭނާ ބުނީ، އެއް ދުވަހަކު ހޮސްޕިޓަލަށް ގެނައި، ނަފްސާނީ ބަލިކަމެއް ހުރި 16-14 އަހަރުގެ ކުއްޖަކު މައިތިރި ކުރަން އިންޖެކްޝަން ޖަހަން އުޅުމުގެ ތެރޭގައި އެ ކުއްޖާ ރުޅިގަދަވެ، ނަރުހުންނާއި ޑޮކްޓަރުންނަށް ހަމަލާދީ ހަޑިއެއްޗެހި ކިޔުމުން މާވިން އެ ކުއްޖާގެ ކަރުގައި ދެ ފަހަރެއްގެ މަތިން "ހިފައި ޖެހި" ކަމަށެވެ. އެ ނަރުސް ބުނި ގޮތުގައި އެއީ އޭނާ ވަރަށް ހައިރާންވި ދުވަހެއް ކަމަށެވެ.
އެ ވާހަކަ ހެކިވެރިޔާ ކިޔައިދިނުމުން އެކަން ރިޕޯޓު ކުރިތޯ ދިފާއީ ވަކީލުން ސުވާލު އުފެއްދި އެވެ. އަދި ބަލި މީހާގެ އަމަލުތައް ހުރި ގޮތާ ބެހޭގޮތުން ސުވާލު ކުރި އެވެ. ހެކިވެރިޔާ ބުނީ، އެ ކުއްޖާ އަތުން ފައިން ތަޅައި ހަޑިއެއްޗެހި ކިޔަސް، އެއީ "އަޅުގަނޑުމެން އެ ހިސާބަށް" ދާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އެކަން ރިޕޯޓު ނުކުރީ ކީއްވެގެން ތޯ ދިފާއީ ވަކީލުން ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ އެކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ނުދައްކާ ކަމަށެވެ. އަދި ރިޕޯޓު ކުރަން ނޫޅޭ ކަމަށެވެ. ތަކުރާރުކޮށް އެ ސުވާލު ކުރި ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު ނިންމެވީ އެކަމަށް ހެކިވެރިޔާ ޖަވާބު ދީފައިވާ ކަމަށެވެ.
"މޭރީގެ އަމަލުތައް އެ ދުވަހު ހުރީ އާދައިގެ މަތިން"
މޭރީއާއެކު ކުރިން އައިޖީއެމްއެޗްގައި މަސައްކަތް ކުރި ބިދޭސީ ނަރުހެއް ވެސް މިއަދު ހެކިބަސް ދިނެވެ. މިހާރު ޅ. ހިންނަވަރު ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެ ނަރުސް އޮންލައިންކޮށް ހެކިބަސް ދެމުން ބުނީ، މޭރީ މަރުވި ދުވަހު އޭނާއާއެކު އެއް ޑިއުޓީއެއްގައި ފަސް ނަރުހުން މަސައްކަތް ކުރަމުންދިޔަ ކަމަށެވެ.
އެ ދުވަހު މޭރީގެ އަމަލުތައް ހުރި ގޮތާއީ މޫނު މަތިން ފެނުނު ކަންކަން ދައުލަތުގެ ވަކީލު އެހުމުން ހެކިވެރިޔާ ބުނީ، އެ ދުވަހު އޭނާގެ ކިބައިން ވަކި ތަފާތެއް ފާހަގަ ނުކުރެވޭ ކަމަށެވެ. އަދި ވާހަކައާއި އަމަލުތައް ހުރީ އާދައިގެ މަތިން ކަމަށާއި މޭރީ ހުރީ "ހެޕީ" މޫޑެއްގައި ކަމަށް ބުންޏެވެ.
ސީދާ މޭރީއާ އެއްވެސް ވާހަކައެއް ދެކެވުނު ހަނދާންވޭތޯ އެހުމުން ބުނީ އެ ދެ މީހުން އެހާ ގާތް ނޫން ކަމަށާއި މަސައްކަތުގެ ބޭރުން ވާހަކަ ދައްކައި ނުހަދާ ކަމަށެވެ. ދެ މީހުން އާދައިގެ މަތިން ވާހަކަ ދައްކައި ހަދާތޯ ނުވަތަ އެއީ ބޭރުފުށުން ފެނުނު ކަންކަމުގެ މައްޗަށް ބުނި އެއްޗެއްތޯ ލަމްހާގެ ވަކީލުން ސުވާލު ކުރުމުން ވެސް އެ ނަރުސް ބުނީ، މޭރީއާ ދައްކަނީ މަަަސައްކަތުގެ ވާހަކަ އެކަނި ކަމަށެވެ.
އެ ދުވަހު މޭރީ ބްރޭކަށް ދިޔުމަށްފަހު ގަޑިއަށް އަނބުރާ ނައުމުން ނަރުހުންގެ ޝިފްޓް އިންޗާޖު އެކަމާ ސުވާލު ކުރި ކަމަށް އެ ހެކިވެރިޔާ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި، މޭރީ ބްރޭކަށް ދިޔައީ 12:00 ހާއިރު އެވެ. 30 މިނެޓު ފަހުން އަނެއްކާ ވެސް މަސައްކަތަށް ނުކުންނަން ޖެހޭއިރު، އޭނާ ހޯދީ އޭނާ ނައިސްގެން އެހެން ނަރުހުންނަށް ބްރޭކަށް ނުދެވުމުންނެވެ. އޭރު އޭނާ ނައި ސަބަބެއް ނޭނގޭ ކަމަށާއި އޭނާ ބަލިވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމުގެ މައުލުމާތު ލިބުނީ 1:00 ހާއިރު ކަމަށް އެނާ ކިޔައިދިނެވެ. އަދި މަރުވި ކަމުގެ ހަބަރު ލިބުނީ 2:00 ހާއިރު ކަމަށް ބުންޏެވެ.
ހެކިވެރިޔާ ބުނި ގޮތުގައި އޭނާއަށް ފެނުނީ މޭރީގެ މޫނު އެކަންޏެެވެ. އޭރު ވެސް މޫނުގައި ނޫ އަރާފައި ހުރި ތަންތަންގަނޑު ހުރި ކަމަށް ބުންޏެވެ.
މައްސަލައިގެ ފަސްފަހަތް:
މޭރީ އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓުގައި މަސައްކަތް ކުރި ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރި ނަރުހުންނެވެ.
ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.
އޮކްޓޯބަރު 19, 2021 ގައި މޭރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ޝައްކު އުފެދޭ ކަންކަން ހުރުމުން ފުލުހުން ޖިނާއީ ތަހުގީގެއް ފެށި އެވެ. މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.
މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.













