ތެލާއި ކާޑާއި ކަރަންޓުގެ އަގު ހެޔޮކުރަން ދޭ ސަބްސިޑީ އާއި ސިއްހީ އިންޝުއަރެންސުގެ ނިޒާމު، އާސަންދައަށް ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް މިހާތަނަށް ބައި ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސުން މިދިޔަ ހަފުތާގައި އާންމުކުރި ދައުލަތުގެ އާމްދަނީ އާއި ހަރަދު އަންގައިދޭ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުން ދައްކާ ގޮތުގައި އާސަންދައަށް ބަޖެޓު ކުރި ވަރަށް 301.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާއިރު ސަބްސިޑީއަށް އިތުރަށް 237.3 މިލިއަން ހަރަދު ކޮށްފި އެވެ.
އާސަންދަ އާއި ސަބްސިޑީގެ އިތުރުން ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދު ކުރީ:
- އިންވެސްޓްމަންޓު ހޭދަ (އިންވެސްޓްމަންޓް އައުޓްލޭސް) - ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް 228.4 މިލިއަން ރުފިޔާ ހަރަދު ކޮށްފި
- ސަރުކާރު ކުންފުނިތަކަށް ދޫކުރި ލޯނު (ޑޮމެސްޓިކް ލެންޑިން) - ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް 209.7 މިލިއަން ރުފިޔާ ހަރަދު ކޮށްފި
ބަޖެޓު ކުރި ވަރަށް ވުރެ އާސަންދަ އާއި ސަބްސިޑީ ހަރަދު ބޮޑުވީ މައިގަނޑު ސަބަބަކީ މިކަންކަމަށް ކުރާ ހަރަދު ކުޑަ ކުރަން ސަރުކާރުން އަޅަން ބުނި ފިޔަވަޅުތައް ތަންފީޒު ނުކުރުމެވެ. އެގޮތުން ފިނޭންސުން ބަޖެޓުގައި ހިމެނި ކަންކަމުގެ ތެރޭގައި ތެލަށްދެވޭ ސަބްސިޑީ ޓާގެޓެޑް ސަބްސިޑީއަކަށް ބަދަލުކުރުމާއި، އާސަންދަ އާއި ބޭސް ގަތުމަށް ކުރާ ހަރަދުކުޑަކުރުން ހިމެނެ އެވެ.
ފިނޭންސުން އޭރު އަންދާޒާ ކުރީ ތެލުގެ ސަބްސިޑީ ބަދަލުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ، އާސަންދައަށް ގެންނަ ބަދަލުން 460 މިލިއަން ރުފިޔާ، ކަރަންޓު ސަބްސިޑީ ހޭދައިން 150 މިލިއަން ރުފިޔާ މެޑިކަލް ކޮންސިއުމަބަލްސްއަށް ކުރާ ހަރަދުން 166 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.













