އެއްލައްކަ ރުފިޔާގެ އިނާމު ޕޫލަކާއެކު ބޭއްވުމަށް ހަމަޖެހިފައިވާ "ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް"ގެ ގްރޭންޑް ފައިނަލް މާދަމާ ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ.
މި އިވެންޓެ ކުރިއަށް ދާނީ ފައިނަލް ބުރަށް ދާ ޓީމުތަކުގެ އާއިލާތަކާއި އަދި އެކުވެރިންނަށް ވެސް ލައިވްކޮށް މެޗުތައް ބެލޭނެހެން ދިރާގު ހެޑް އޮފީހުގަ އެވެ.
ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓަކީ 100،000ރ. ގެ ޕްރައިޒް ޕޫލަކާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީ-ސްޕޯޓްސް އިވެންޓެވެ.
މި މުބާރާތުގެ ފުރަތަމަ ހަތް ދުވަހުގެ މެޗުތައް ކުޅެވިގެން ދިޔައީ އޮންލައިންކޮށެވެ. އަދި ދިރާގުން ވަނީ އެ މެޗުތައް ދިރާގުގެ ފޭސްބުކް އަދި ޔޫޓިއުބް ޕޭޖުން ލައިވްސްޓްރީމް ކޮށްފަ އެވެ.
ފޯރިގަދަ މެޗުތަކަކަށް ފަހު މުބާރާތުގެ ފައިނަލިސްޓުންގެ ގޮތުގައި ކުރިއެރީ ޓީމް ވިގަނި އަދި ޓީމް ސްލީޕިން ފޮރެސްޓެވެ.
މި ގްރޭންޑް ފިނާލޭ އިވެންޓުގައި އެއް ދުވަހުގެ ފީފާ ޓޯނަމަންޓަކާއި ތަފާތު ވީއާރު ގޭމްތައްވެސް ކުރިއަށް ގެންދިއުމަށް ދިރާގުން ވަނީ ހަމަޖައްސާފައެވެ. އަދި ފީފާ ޓޯނަމަންޓުން އެއް ވަނަ ލިބޭ ފަރާތަށް އިނާމެއްގެ ގޮތުގައި ޕްލޭސްޓޭޝަން ފައިވް އެއް ލިބިގެންދާނެކަމަށް ދިރާގުން މައުލޫމާތުދެ އެވެ.
މި ފީފާ މުބާރާތުގައ ބައިވެރިވާން ބޭނުން ފަރާތްތަކަށް ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް މުބާރާތަށް ރަޖިސްޓާ ކުރެވޭނެ އެވެ. ދިރާގުން ބުނީ މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ 35 ކުޅުންތެރިންނަށް ކަމަށެވެ.
ދިރާގުން އަންނަނީ އީ-ސްޕޯޓްސް ތަރައްގީކޮށް ކުރިއަރުވައި ޕްރޮފެޝަނަލް ގޭމް ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.











