"ދެންފަހެ އިސްވެ ބަޔާން ކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ބ) އާއި (ޅ) ގައި ބަޔާން ކުރާ ޝަރުތު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކިބައިގައި ފުރިހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކޮށްފީމެވެ،"
މިއީ އިއްޔެ މެންދުރު، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ކަނޑައަޅައި ސުޕްރީމު ކޯޓުގެ އެންމެ އިސް ފަނޑިޔާރު މަނިކުފާނު، މުއުތަސިމް އަދުނާނު ކުރެއްވި ހުކުމެވެ.
އެ ވަގުތަކީ ރައީސް ޔާމީނަށް ތާއީދު ކުރާ އެތައްހާސް މެމްބަރުންނެއްގެ ހިތްތައް ޒަހަމުވެގެންދިޔަ ވަގުތެކެވެ. އެތައް ދުވަހެއް ވަންދެން އެމީހުން ކުރަމުން އައި އުއްމީދުގެ ބާރުން ހިފަހައްޓާފައި ހުރި ކަރުނަތައް އޮހޮރިގެންދިޔަ ވަގުތެކެވެ. އެމީހުންނަށް ހިތްވަރުދީ ޖޯޝު އުފެއްދުމުގައި އިސްކޮށް އުޅުއްވި ލީޑަރުންގެ ކަނދުރާއިން ވާގި ގޮސް އިސްޖަހާލަން މަޖުބޫރު ކުރުވި ވަގުތެކެވެ.
ހުކުމަށްފަހު, ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރުން ކޯޓުން ބޭރަށް ނުކުންނެވީ މޮޅިވެރިކަމާ އެކު އެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކާ މާގިނަ ވާހަކަތަކެއް ނުދައްކަވަ އެވެ. އެކި އަރިއަރިން ދިއްކޮށްފައި ހުރި މައިކުތަކާއި ކެމެރާތަކުގެ ކުރިމައްޗަށް ހުއްޓިވަޑައިގަންނަވޭނެ ހިތްވަރެއް އެ ބޭފުޅުންނަށް އެ ވަގުތު ލިބިވަޑައެއް ނުގެންނެވި އެވެ.
"މިވަގުތު މީޑިއާތަކަށް އެއްވެސް ވާހަކައެއް ބުނާކަށް ނެތިން، ފަހުން މީޑިއާތަކަށް މައުލޫމާތު ދޭނަން،" އިދިކޮޅު ކޯލިޝަންގެ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ، ޕީއެންސީގެ ރައީސް، އަބްދުއްރަހީމް ވިދާޅުވި އެވެ.
އެހެން ވިދާޅުވުމަށްފަހު އެބޭފުޅުން ވަކީން ކޮންމެެސް ވަރެއްގެ މަޝްވަރާތަކެއް ކުރެއްވި މަންޒަރު ފެނުނެވެ. އެހެނަސް އެއްވެސް މައުލޫމާތެއް މީޑިއާތަކަށް ހިއްސާ ނުކުރައްވައި އެތަނުން ވަޑައިގެންނެވީ އެވެ.
ހައްދަވާނެ ގޮތެއް އެ ބޭފުޅުންނަށް ނުނިންމެވިގެން އުޅުއްވަނިކޮށް އިދިކޮޅު ލީޑަރުޝިޕަށް ރައީސް ޔާމީންގެ އަމުރުފުޅެއް ލިބިލެއްވި އެވެ. އެ މަނިކުފާނުގެ ވަކީލުން މެދުވެރި ކުރައްވައި ފޮނުއްވި މެސެޖުގައި ޔާމީނު އެދިވަޑައިގެންނެވީ އިންތިހާބުގައި އެ ކޯލިޝަނުން ވާދަ ނުކުރުމަށެވެ. ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރާށެވެ.
އެއާއެކު ޔާމީނަށް މަރުދޭން ތައްޔާރަށް ތިބި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިގެންދިޔަ އެވެ. އެއްބަޔަކަށް އެއީ މިވަގުތަށް އެންމެ ރަނގަޅު ނިންމެވުމެވެ. އަނެއް ބަޔަކަށް އެ އަމުރުފުޅު ގަބޫލުކުރުންވީ ދަތި ކަމަކަށެވެ.
ނަމަވެސް އެ ދެބައި މީހުންގެ މެދުގައި ވެސް އެއްބަސްވެވުނު ދެ ކަމެއް އޮތެވެ. އެއީ ކުރިއަށް އޮތް ފަސް އަހަރު މަގުމަތީގައި ހޭދަ ކުރެވެން ނެތް ކަމާއި ކޮންމެ ހާލަކާ ލައިގެން ވިޔަސް ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހޭ މަސައްކަތް ހުއްޓާނުލައި ކުރަންޖެހޭ ކަމެވެ.

ރިޔާސީ އިންތިހާބު ބޮއިކޮޓްކުރަން ޕީޕީއެމްގެ ބައެއް މެމްބަރުން ބޭނުންވާތީ އިއްޔެ އެ އޮފީހުގައި ހަމަނުޖެހުން ބޮޑުވެ، ދޮރު ތަޅުލާފައި ހުރި ވަގުތު އެ ޕާޓީގެ މެމްބަރަކު ދޮރުގެ ބިއްލޫރި ޖާގައިން ބޭރު ބަލަނީ. -- ފޮޓޯ: މުހައްމަދު ޝަހުޒާން/ އަދަދު
"ވަރުބަލިވެއްޖެ، އިތުރު ފަސް އަހަރު މަގުމަތީގައި ތިބޭނެ ހިތްވަރެއް ނެތް"
ސެޕްޓެމްބަރު، 9 ގައި އޮންނަ ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރުމަށް ރައީސް ޔާމީނު ކުރެއްވި އަމުރުފުޅާ އެކު ޕީޕީއެމްގެ މައި އޮފީސް ހުންނަ ހ. ހުރަފާގެ ދޮރުމައްޗާއި އެ އޮފީހުގެ ތެރޭގައި ތިބި މީހުންގެ ރޫހު ވަރަށް ބޮޑަށް ބަދަލުވެގެންދިޔަ އެވެ. އެތަނަށް ވެރިވެފައިވި މޮޅިވެރިކަމާއި ހިތްދަތިކަމުގެ ޖަޒުބާތުގެ ތެރެއިން ނަފުރަތުގެ އުދާސްގަނޑެއް ހިލިގެންދިޔަ އެވެ.
ކޮންމެ ހާލަތެއް ކުރިމަތި ވީނަމަވެސް ރައީސް ޔާމީނުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ނޫނީ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ދުށް މީހުންގެ ބަހުގެ ހަމަލާތައް އިންތިހާބުގައި ވާދަ ކުރަން ވަކާލާތު ކުރަމުންދިޔަ ސަޕޯޓަރުންނަށް އަމާޒުވަމުންދިޔަ އެވެ.
"ނުކުރެވޭނެ އެއްވެސް ކަމެއް، އިންތިހާބުގައި ވާދަ ކުރިޔަސް ވޯޓެއް ނުދޭނަން، ރައީސްގެ އެންގެވުމާ ހިލާފަށް އެއްވެސް ކަމެއް ކުރިޔަކަ ނުދޭނަން،" ޕީޕީއެމްގެ ދެ ސެނެޓަރުންގެ މެދުގައި ބަދަލު ކުރެވުނު ބަހުގެ ހަމަލާތަކެއްގައި އެކަކު އަނެކަކަށް ވިދާޅުވި އެވެ.
އެއީ ހަމައެކަނި އޭނާގެ އެކަނި ވާހަކައެއް ނޫނެވެ. އެތަނުގައި ތިބި އެތައް ސަޕޯޓަރުންނެއް އެ ވާހަކަ ތަކުރާރު ކުރި އެވެ. ޔާމީނުގެ އަމުރުފުޅާ ހިލާފަށް، އިންތިހާބުގައި ވާދަ ކުރުމަށް ތާއީދު ކުރާ މެމްބަރުންނަކީ މާކުރިން ފެށިގެން ވެސް އަމިއްލަ އެޖެންޑާއެއް ގެންގުޅޭ ބައެއް ކަމަށް އެމީހުން ސިފަ ކުރަމުންދިޔަ އެވެ.
އެ ތުހުމަތުތަކާއި އިލްޒާމުތަކަށް އަނެއްފަޅިން ޖަވާބު ދެމުން ގެންދިޔައީ އެންމެ ދެ ޖުމުލައިންނެވެ.
"މިހާރު ވަރުބަލިވެއްޖެ، އިތުރު ފަސް އަހަރު މަގުމައްޗަކު ނުތިބެވޭނެ،"
އެމީހުންގެ ވާހަކައަކީ ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯނަޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން ހުކުމް އިއްވި ހިސާބުން ފެށިގެން މިއަދާ ހަމައަށް މަގު މައްޗަށް ނުކުމެ ކުރަމުން އައި އިހުތިޖާޖުތަކުގެ ސަބަބުން ވަރުބަލިވެފައިވާ ވާހަކަ އެވެ. ޔާމީން މިނިވަން ކުރުމަށް ހިނގާން އޮތް އެންމެ ފަސޭހަ މަގަކީ ވެރިކަން ހޯދުން ކަމެވެ. އިތުރު ފަސް އަހަރު މަގުމަތީގައި "ރައީސް ޔާމީން މިނިވަން ކުރޭ" ގޮވާލަ ގޮވާލައި ނުތިބެވޭނެ ކަމެވެ.
"އަހަރުމެން ވެސް ގަބޫލު ކުރަނީ އަސްލު ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް، އެކަމަކު އެކަން ވާކަށް ނެތް، ދެން އެހެންނޭ ކިޔާފައި އިންތިހާބުގައި ވާދަ ނުކުރުމަކީ ބަލި ގަބޫލު ކުރުން،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި ޕީޕީއެމްގެ ސަޕޯޓަރަކު ބުންޏެވެ.
އޭނާ ބުނީ ޕީޕީއެމްގެ ހަޔާތުން ވީހައި ދުވަހެއްގައި އެ މީހުން މަސައްކަތް ކުރަމުންދިޔައީ ރައީސް ޔާމީންގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކަމަށެވެ. ނަމަވެސް މިއަދު އެ މަނިކުފާނު އެ ގެންގުޅުއްވަނީ ރަނގަޅު ހިޔާލުފުޅެއް ނޫންކަމަށް އޭނާ ބުންޏެވެ.
"މިއީ އަހަރެންގެ އެކަނި ވާހަކައެއް ނޫން، މިއީ ރާއްޖޭގެ އެތައް ހާސް ބައެއްގެ އެދުން، ރައީސް ޔާމީން ހުންނަން ޖެހޭނީ މިނިވަނެއްގެ ގޮތުގައި، އެކަން ކުރަން އެންމެ ގާބިލު މީހަކު މުއިއްޒު، ކީކޭ ބުނަނީ؟" ދޯ ލަމުން އޭނާގެ ހިތުގައި ހުރި އުދާސްތައް ބޭރުކޮށްލި އެވެ.
ޕީޕީއެމްގެ ގިނަ މެމްބަރުން ނަން ޖަހަން ބޭނުން ނުވެ ވާހަކަ ދެއްކި ނަމަވެސް، އެ ޕާޓީގެ ސެނެޓަރު، އަދި އެތައް ފަހަރަކު މުޒާހަރާތަކުން ހައްޔަރުކޮށްފައިވާ ފާތުމަތު ރުކުޝާނާ ބުނީ ޔާމީން މިނިވަންކުރަން އޮތް މަގަކީ ވެސް ބައިބައި ނުވެ މިހާރު ކަނޑައަޅާފައިވާ ޕީއެންސީގެ ކެންޑިޑޭޓާއެކު މުޅި ކޯލިޝަން ނުކުތުން ކަމަށެވެ.
"އަހަރެން ކުޑަ ކުއްޖެއް ގޭގައި ބަހައްޓާފައި މި ގުރުބާނީ ވަނީ (ރައީސް ޔާމީން ސަލާމަތް ކުރުމަށް). އަދިވެސް ރައީސް ޔާމީނަށް ވާދަ ކުރެވޭނަމަ ތާއިދު ކުރާނީ ރައީސްއަށް. އެކަން ވާން ނެތްކަން އެބަ އިނގޭ. މާދަމާ (މިއަދު) މުއްދަތު ހަމަވޭ. އެހެންވީމާ ރައީސް އިންތިހާބު ބޮއިކޮޓް ކުރަން ވިދާޅުވިޔަސް އެއީ އެ މަނިކުފާނު ޖަޒުބާތުގައި ވިދާޅުވާ ވާހަކަފުޅެއް. އެ މަނިކުފާނަށް ރަނގަޅު ގޮތެއް ނޫން އެއީ،" ރުކްޝާނާ ބުންޏެވެ.
"އިންތިހާބު ބޮއިކޮޓްކޮށްފައި ދެން އެންމެ ދުވަހަކު ވެސް [މަގުމަތީ ހުރުމަށް] މަގޭ ހިތްވަރެއް ނެތް. ދުވަހެއް ދުވަހަކަށް [މުޒާހަރާތަކުގައި] ވެސް މީހުން އެދަނީ މަދުވަމުން. ބޮއިކޮޓްކޮށްފި ނަމަ މީހުން މަގުމަތީގައި ނުތިބޭނެ."
އާންމު މެމްބަރުންގެ ވާހަކަ އެ މޭރުމުން ހުރިއިރު، އެ ޕާޓީގެ ލީޑަރުޝިޕުގައި ވެސް ބަސްމަގު ހުރީ ހަމަ އެފަދައިންނެވެ. އެއްބަޔަކަށް މުއިއްޒު "އޯކޭ" ވާއިރު އަނެއް ބަޔަކަށް މުއިއްޒު އަކީ "ޗޮއިސްއެއް ވެސް ނޫން" އެވެ.
"މި ޕާޓީ ދެފަޅި ވާކަށް ނޭދެން،"
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ރެޖިސްޓަރީ ކުރި ސިޔާސީ ޕާޓީ، ޑީއާރުޕީގެ ލީޑަޝިޕު މައްސަލައިގައި ކުރީގެ ރައީސް މައުމޫންއާއި 2008 ވަނަ އަހަރު އެ މަނިކުފާނުގެ ރަނިންމޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ތަސްމީން އަލީއާ ހެއްދެވި ޖަގަޑާގައި އެ ޕާޓީ ދެފަޅިވެ، 2011 ވަނަ އަހަރު ވުޖޫދު ކުރި ޕީޕީއެމްއަކީ ސިޔާސީ ގޮތުން ދެކަފިވުމުގެ ތަޖުރިބާ އެންމެ ފުރިހަމައަށް ލިބިފައިވާ މެމްބަރުން ތިބި ޕާޓީ އެވެ.
ޕީޕީއެމްގެ އުމުރުން އެންމެ ދެ އަހަރުގައި ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ރައީސް ޔާމީންއާއި އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު، ރައީސް މައުމޫންއާ އަރައިރުންވެ އަނެއްކާ ވެސް އިތުރު ސިޔާސީ ޕާޓީއެއް އުފަން ކުރުވި ތާރީހު ޕީޕީއެމްގެ އާންމު މެމްބަރުންގެ ހަނދާނުން އަދި ފޮހެވިގެނެއް ނުދެ އެވެ.
އެ މާޒީން ލިބުނު ފިލާވަޅުގެ އަލީގައި މިއަދުގެ ހާލަތަކީ އެ ޕާޓީގައި ކަހަނބުޖެހި އަނެއްކާ ވެސް ފޮތިފޮތި ވާންޖެހޭ ސަބަބެއް ކަމަށް ޕީޕީއެމްގެ އާންމު މެމްބަރުން ގަބޫލެއް ނުކުރެ އެވެ.
"ބޭނުމަކީ މި ވެރިކަން ބަދަލު ކުރުން، އެކަމަކު އެއީ އަހަރުމެން ދެބައި ވާންޖެހޭ ކަމެއް ނޫން، ޕާޓީ ދެބައި ވާކަށް ނޭދެން،" ކުރިން މި ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
ނަމަވެސް ރައީސް ޔާމީންގެ އަމުރުފުޅާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީގެ ސެނެޓުން އިއްޔެ ނިންމި، ނިންމުމަކީ ރާއްޖޭގައި މިވަގުތު ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމް ދެފަޅިވުމުގެ ކޮޅުމަތި ކަމަށް ރައީސް ޔާމީންގެ އަމުރު ތަންފީޒު ކުރުމަށް އަތުކުރި އޮޅާލައިގެން ތިބި މީހުން ގަބޫލު ކުރެ އެވެ.
އެމީހުންގެ ވާހަކައިގައި ޕާޓީގެ ތެރޭގައި ހިިޔާލު ތަފާތުވެގެން އުޅެނީ "މަދު ބަޔަކު އަމިއްލަ އެޖެންޑާ" އެއްގެ ދަށުން ޕްރޮގުރެސިވް ކޯލިޝަނުގެ ސެނެޓަރުންނަށް ފައިސާގެ ނުފޫޒު ފޯރުވަމުން ދާތީ އެވެ.
"އެ މަނިކުފާނު (ރައީސް ޔާމީން) ޖަލުގައި އެ އޮންނެވީ ވެސް އަހަރުމެންގެ ހައްގުގައި، އެހެންވީމާ އެ މަނިކުފާނު އެދިލައްވާ ގޮތަށް ނޫނީ އަހަރުމެން ކަން ކޮށްގެން ނުވާނެ، ހުރިހާ ވެސް މައްސަލައަކީ ފައިސާ، ކޮންމެ މީހެއްގެ ވެސް އެބަ އިނދޭ އަގެއް، އެތަން އެ ފެންނަނީ" ޕީޕީއެމްގެ ސެނެޓުގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު ވިދާޅުވި އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ޕީޕީއެމްގެ އޮފީހުން ނުކުމެވަޑައިގެން ސަޕޯޓަރުންނާއެކު. -- ފޮޓޯ: މިރާން ނާޝިމް/ އަދަދު
އެ ރާގުގައި ވާހަކަ ދެއްކި ގިނަ ސަޕޯޓަރުންގެ އިނގިލި އަމާޒުކުރަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުއިއްޒު އަށެވެ. ނަމަވެސް އެ ވާހަކަތަކަށް ބާރު ލިބޭވަރުގެ ހެއްކެއް ވެސް އެމީހުންގެ އަތުގައި ނެތެވެ.
ތުހުމަތުގެ އިނގިލި ޕާޓީ ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް އަމާޒު ކުރި ނަމަވެސް އެ މީހުންގެ ހިތުގައި ވެސް ޕާޓީ ކުލުނު ވަކި ކުޑައެއް ނޫނެވެ. އެމީހުން ވެސް އެދެނީ ޕީޕީއެމް އެގޮތުގައި ދެމި އޮތުމަށެވެ. ނަމަވެސް ހުރިހާ ކަމެއްގައި ވެސް ރައީސް ޔާމީންގެ ލަފާފުޅާއި އިރުޝާދުގެ ދަށުންނެވެ. އެމީހުންގެ ނަޒަރުގައި މަނިކުފާނު ވިދާޅުނުވާ ކަމެއް އެ ޕާޓީން ކުރުމަކީ ވިޔާދާ ކަމެއް ނޫނެވެ.
ޕީޕީއެމްގެ އާންމު މެމްބަރުންގެ ޝުއޫރު މިގޮތަށް ހުރިއިރު، މިއަދަކީ އިންތިހާބަށް ކުރިމަތިލުމަށް ނަން ހުށަހެޅޭނެ އެންމެ ފަހު ތާރީހެވެ. މިއަދުގެ މެންދުރު 2:00 ގެ ކުރިން ޕީޕީއެމުން ވެސް އަދި ޕީއެންސީން ވެސް ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށް ނިންމާ ނަމަ، ފޯމު ހުށަހަޅަން ޖެހޭނެ އެވެ.
އެ ކޯލިޝަނުގެ ޕްލޭން އޭ ފެއިލް ވެފައިވާއިރު މިހާރު ކުރަން އޮތް ސުވާލަކީ އެ ޕާޓީގެ އާންމު މެމްބަރުންގެ ވިސްނުމާ އެއްގޮތަށް ޕާޓީއަށް އެންމެ ފައިދާ ވާނީ ކޮން ގޮތަކަށް އަމަލު ކޮށްގެންތޯ އެވެ. އެއީ ޕީޕީއެމުން އިތުރު ކެންޑިޑޭޓަކު ނެރުންތޯ ނުވަތަ ޕީއެންސީގެ ކެންޑިޑޭޓަށް މުތުލަގަށް ތާއީދު ކުރުންތޯ ނުވަތަ ރައީސް ޔާމީނުގެ އެންގެވުމާ އެއްގޮތަށް އިންތިހާބު ބޮއިކޮޓު ކުރުންތޯ ނިންމާން ދެން އޮތީ މަދު ގަޑިއިރު ކޮޅެކެވެ.












