ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ވިސްނުމަކީ ނަޒާހަތްތެރި މީހުން އިންތިހާބީ މަގާމުތަކަށް ގެނައުން ކަމަށާއި އެ ނޫން ގޮތަކަށް ގާނޫނު އަސާސީ މާނަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ސުއޫދު އެ ގޮތަށް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލާގައި، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ. މާނަކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާތީ، އެ ކަމުގެ ރައުޔަ މިއަދު އިއްވަވަމުންނެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، ފަނޑިޔާރު ސުއޫދު ވިދާޅުވީ ގާނޫނު އަސާސީގެ އެ މާއްދާގައި ނިހާއީ ފަދަ ލަފުޒެއް ނެތި އެ އިބާރާތް ފާސްކުރި އިރު އިސްތިއުނާފީ މަރުހަލާގައި ނުނިމި އޮތް މައްސަލަތަކުގައި އިންތިހާބީ މަގާމުތަކަށް ވާދަކުރެވޭ ގޮތަށް ބޭރުގެ ގައުމުތަކުން އަމަލުކުރާ ކަން ވެސް އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އައިސްފައިވަނިކޮށް ކަމަށެވެ.
އެ ގޮތަށް ހިމަނާފައި ނުވަނީ މަގާމުތަކަށް ކުރިމަތިލުމަށް ޝަރުތު ހަމަވާން ނިހާއީ ހުކުމެއް ބޭނުން ނުވާތީ އާއި، އެ މީހަކީ ތަންފީޒުވަމުންދާ ޖަލު ހުކުމެއްގެ މަތީގައި ހުރި މީހަކު އިންތިހާބުތަކުގައި ވާދަކުރެވޭ ގޮތް ނުހެދުމަކީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުންގެ ނިޔަތް އޮތް ގޮތް ކަމަށް ސުއޫދު ވިދާޅުވި އެވެ.
"އަދި އެއީ ދައުލަތުގެ މަގާމުތަކުގައި މަސައްކަތް ކުރާ މީހުނަކީ ނަޒާހަތްތެރި، އަބުރު ގެއްލިފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް އެ މަޖިލީހުގެ މުޅި ވިސްނުން ބައްޓަން ވެފައިވާތީ ކަން އެ މަޖިލީހުގެ ޔައުމިއްޔާތަކުން ސާފުކޮށް އެނގުން،" ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ތާއީދުކުރެއްވި، ފަނޑިޔާރު ސުއޫދުގެ ރައުޔަ އިއްވަވަމުން ވިދާޅުވި އެވެ.

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތަކީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.
އިލެކްޝަންސްގެ އެ ނިންމުން ބަދަލުކޮށްދިނުމަށް އެދި ޔާމީނުގެ ފަރާތުން ހުށަހަޅާ މައި ނުކުތާއަކީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ. ގައި އޮންނަ ޝަރުތުގައި ބަޔާންކުރާ ހުކުމަކީ ނިހާއީ ހުކުމެއް ގޮތަށް ސުޕްރީމް ކޯޓުން މާނަކޮށްދިނުމަށެވެ.
ފަނޑިޔާރު ސުއޫދުގެ ރައުޔު ކުރުކޮށް
- ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައިވާ އިބާރާތުގެ މާނައިގައި އޮޅުމެއް ނެތް. އެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ވުމަށް ލާޒިމު ވުމަށް ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ނެތް.
- މައުސޫމު މީހެއް ކަމަށް ނުވަތަ ނޫން ކަމަށް ބަލާނީ، ނިހާއީ ހުކުމަކުން ކަން ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކުން އެނގޭ. އެހެން ނަމަވެސް އެ މައްސަލަތަކާ ހިނގަމުންދާ ޔާމީނުގެ ކެންޑިޑެސީ މައްސަލައާ ގުޅުވައިލެވެން ނެތް.
- ޖަލު ހުކުމެއްގައި ހުރެމެ އިންތިހާބީ މަގާމަކަށް ކުރިމަތިލުމާ ގުޅޭ ގޮތުން، ކުރިން ބެލި ގަޒިއްޔާތަކުގައި ބަލާފައެއް ނުވޭ. އެ ފުރުސަތު ނުކުމެދާނެ ގާނޫނީ އައިބުތަކަކާ ގުޅޭ ގޮތުން ވެސް އެއިން މައްސަލައެއްގައި ބަހުސް ކުރެވިފައެއް ނުވޭ.
- ގާނޫނު އަސާސީގައި ބަޔާންކުރާ ހައްގުތަކަކީ މުތުލަގަށް ލިބިދޭ ހައްގެއް ނޫން. ގާނޫނު އަސާސީން އެ ހައްގުތައް ހަނިކުރެވޭނެ. ގާނޫނު އަސާސީގައިވާ ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ މާއްދާއިން، އެ މާއްދާގެ ތަރަހައިގެ ތެރެއަށް އެ ހައްގު ހިފެހެއްޓެވޭ.
- ޖިނާއީ މައްސަލައެއްގެ ކުށުގެ އަދަބަކަށް ކަނޑައަޅާ ޖޫރިމަނާއެއް ނުދައްކާހާ ހިނދަކު އެއީ ސާބިތު ދަރަންޏެއް. ޖޫރިމަނާގެ ފައިސާ ދައްކަން ދިން މުއްދަތު ހަމަވިރިއިރު ނުދައްކާކަން މިރާގެ ނޯޓިސް އިން އެނގޭ. އެހެންކަމުން ޔާމީނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައެޅީ ރަނގަޅަށް.
ނިހާއީ ހުކުމެއް ކަމަށް ބަލާނީ މައްސަލައެއް ދަށު ކޯޓުން ނިންމުމުން މަތީ މަރުހަލާގެ ދެ ކޯޓުން އެކަމާ މެދު ގޮތެއް ނިންމައި ހުކުމް ކުރުމުންނެވެ. އެންމެ މަތީ މަރުހަލާ ސުޕްރީމް ކޯޓުން މައްސަލަ ބަލައި ނުނިމުނަސް، އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކޮށްފި ނަމަ އެ ހުކުމެއް ނިހާއީ ހުކުމަކަށް ވާނެ އެވެ.













