އިދިކޮޅު ޕީޕީއެމްގެ ސިސްޓާ ޕާޓީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިން މޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ހަމަޖައްސަވައިފި އެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އޮތުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިގެންފައި ނުވެ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތް އިރު، ޔާމީން އަންގަވައިގެން ބެކްއަޕް ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓެއް ނެރެން ނިންމީ އެވެ.
ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން އޮތް ކަމަށް އަބަދުވެސް އަޑުފެތުރިފައިވާ މުއިއްޒު ވަނީ އެ ނިންމުމާއެކު ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީއަށް ސޮއިކުރައްވައިފަ އެވެ. މާލޭ މޭޔަރަކަށް ވެސް ހުންނެވި މުއިއްޒު ޕީއެންސީގެ ޓިކެޓު ކާމިޔާބުކުރެއްވީ ސެނެޓުގެ 48 މެންބަރުންގެ ތެރެއިން 25 މެންބަރުންގެ ވޯޓުންނެވެ.
މުއިއްޒު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީންގެ ކެންޑިޑެސީ މައްސަލައާ މެދު އަދި ގޮތެއް ނުނިންމި އޮތް ނަމަވެސް ރަނިން މޭޓަކު ކަނޑައަޅައިގެން ކުރިއަށް ދާން ނިންމެވީ އެމަނިކުފާނަށް ވާދަނުކުރެވޭ ހާލަތުގައި އެޕްލިކޭޝަން ތައްޔާރަށް އޮތުމަކީ އޭނާގެ ޒިންމާއެއް ކަމަށް ދެކޭތީ ކަމަށެވެ.
"އަޅުގަނޑުގެ ރަނިން މޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސައި، އެޕްލިކޭޝަން ތައްޔާރު ކުރުމަކީ އަޅުގަނޑުގެ ޒިންމާއެއްކަމުގައި ދެކޭ ހިނދު، ރަނިން މޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުސައިން މުހައްމަދު ލަޠީފް (ސެންބެ) ހަމަޖައްސަން ނިންމިކަން ދަންނަވަން،" މުއިއްޒު ލިޔުއްވާފައިވެ އެވެ.

ޕީއެންސީން ކެންޑިޑޭޓަކާއި ރަނިން މޭޓެއް މިހާރު ހަމަޖެއްސި ނަމަވެސް، އެ ކެންޑިޑޭޓުންނަކީ ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެން ވެސް ވަގުތު ނުލިބިއްޖެނަމަ ނުކުންނަން ތައްޔާރުވާ ކެންޑިޑޭޓަކާއި ރަނިން މޭޓު ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުންތައް ވަނީ އިއްޔެ ނިންމާލައިފަ އެވެ. ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:30 ހާއިރު ވަން ދެން ކުރިއަށް ދިޔަ އަޑުއެހުންތަކުގައި، ޔާމީންގެ ފަރާތުން ވަކާލާތު ކުރަނީ ނިހާއީ ހުކުމެއް ނެތް ނަމަ އެމަނިކުފާނަށް ވާދަކުރެވެން ޖެހޭނެ ކަމަށެވެ.
ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.
ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު އެމަނިކުފާނުގެ ހަމަނުވާ ކަމަށް އީސީން ނިންމީ ވ. އާރަށު ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ހެދި އެވެ. އެ ހުކުމާއެކު ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އޮތުމުން އެއީ ސާބިތު ދަރަންޏެއް ކަމަށް ބަލައި އެ ސަބަބު ބަޔާންކޮށް ވެސް އިލެކްޝަނުން ފަހުން ލިޔުމެއް ފޮނުވި އެވެ.
ޔާމީންގެ ފަރާތުން ހުށަހެޅި ކެންޑިޑެސީގެ މައްސަލައިގައި ފުރަތަމަ ކަމަކަށް އެދިފައި ވަނީ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީގެ ނިންމުމީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ޔާމީނަކީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ހަމަވާ މީހެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އިންތިހާބުގައި ބައިވެރިވުމަށް ކުރަން ޖެހޭ އިންތިޒާމުތައް ހަމަޖައްސަން އީސީގެ މައްޗަށް އަންގައިދިނުމަށް ވެސް އެދިފައިވެ އެވެ.













