ރިޕޯޓުތ. ގުރައިދޫ ޕީޕީއެމް ސަޕޯޓަރުންގެ ވާހަކަތަކުން ޑިމޮކްރެޓުންނަށް އުންމީދެއް

ތ. ގުރައިދޫ ޕީޕީއެމް ސަޕޯޓަރުންގެ ވާހަކަތަކުން ޑިމޮކްރެޓުންނަށް އުންމީދެއް

ގުޅަ ހަދަން ތިބި އަންހެނުންގެ ތެރެއިން ދޮށްޓަށް ތިބި މީހުން އިލްޔާސަށް ދިނީ ޕީޕީއެމާއި ޑިމޮކްރެެޓުން އެކުގައި މަސައްކަތްކޮށްގެން މިހާރު މިއޮތް ސަރުކާރު ބަދަލުކުރުމުގެ ހިޔާލެވެ. "ދެ ބައި މީހުން އެކުވީމާ ދެން އަތެއް ނުކުރެވޭނެ" އެކަކު ބުންޏެވެ.

ގުރައިދޫ ޕީޕީއެމްގެ ސަޕޯޓަރުންނާއެކު ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް - ފޮޓޯ: ސިމްވާ
ގުރައިދޫ ޕީޕީއެމްގެ ސަޕޯޓަރުންނާއެކު ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް - ފޮޓޯ: ސިމްވާ

"ތިހެން އުޅެލާފައި ފަހު ވަގުތު ދެބައި މީހުން ވީ ގުޅެން. ރައީސް ޔާމީނަށް ހެވެއް ލިބެން އޮތީ މި ނޫން ގޮތެއް [ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން ގޮތެއް] ހޯދިގެން،" ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް, ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ދިމާވި އަންހެނަކު ބުނެލި އަޑު އިވުނެވެ.

ޖޯލިފަތިތައް އެލުވާފައިވާ ބޮޑު ގަހެއްގެ ކައިރީ ހޮޅުއައްޓެއްހެން ހަދާފައި ހުރި ތަނެއް ކައިރީގައި ކުދި ގުޅަ ހަދަން ތިބި، މެދު އުމުރުގެ އެ ގްރޫޕް ތިބި ތަނަށް އިލްޔާސް ވަޑައިގެންނެވި މަންޒަރު ދުރުން ފެނުނުއިރު، އެމީހުން ސިފަވީ ޑިމޮކްރެޓްސްގެ ސަޕޯޓަރުންގެ ގޮތުގަ އެވެ. އަދި މިއީ ޕީޕީއެމްގެ ސަޕޯޓަރުންކަން އެނގުނީ ކައިރިއަށް ގޮސް, އެ މީހުން ދައްކާ ވާހަކައަށް ކަންފަތް ދިއްކޮށްލުމުންނެވެ.

1,200 އެއްހާ މީހުންގެ އާބާދީ އޮންނަ ތ. ގުރައިދޫގައި ޕީޕީއެމަށް ތާއިދުކުރާ 700 އެއްހާ މީހުން އުޅޭ ކަމަށް އެރަށު މީހުން ބުނެ އެވެ. ގުރައިދޫއަކީ ޕީޕީއެމް މެޖޯރިޓީ އޮންނަ ތަނެއްކަން އެންމެ ފަހުން ބޭއްވި ތިން އިންތިހާބުގެ ނަތީޖާއިން ވެސް ފެންނަން އެބަ އޮތެވެ.

  • ރިޔާސީ އިންތިހާބު 2018؛ ކުރީގެ ރައީސް އަބްދުﷲ ޔާމީން - 58 ޕަސެންޓް ވޯޓު
  • މަޖިލިސް އިންތިހާބު 2019؛ މެންބަރު ޣައްސާން މައުމޫން - 41 ޕަސެންޓް ވޯޓު
  • ކައުންސިލް އިންތިހާބު 2021؛ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި ޕީޕީއެމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ އެއް ބާނީ މުހައްމަދު ނަޝީދު އަރިހުގައި، އިލްޔާސް އިއްޔެ ތ. ގުރައިދުއަށް ވަޑައިގެންނެވީ އަންނަ ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެން ހުންނެވި ކެންޑިޑޭޓެއްގެ ގޮތުން އެ ރަށުގެ ރައްޔިތުންނަށް ތައާރަފު ވެވަޑައިގެންނެވުމަށެވެ. އެރަށުގައި ދޮރުން ދޮރަށް ހިންގަވަން ވަޑައިގެންވެނީ ކެމްޕޭން ޓީމާއެކު އެވެ. އެ ޓީމާ އެކު ހިންގަވަން ނަޝީދު އެހެން ނަމަވެސް ވަޑައެއް ނުގަންނަވަ އެވެ.

އިލްޔާސް އެކި މީހުންގެ ގާތަށް ވަކިވަކިން ވަޑައިގެން ސަލާމްކުރައްވައި ތައާރަފް ވެވަޑައިގަންނަވަމުން ގެންދެވި އެވެ. ގުޅަ ތެލުލަން ތިބި އަންހެނުންތަކެއް ކައިރިއަށް ވަޑައިގެންނެވީ އެގޮތުންނެވެ. އެ ތަނުގައި ތިބި ދުވަސްވީ މީހުން އިލްޔާސަށް މަރުހަބާ ކީ އަމިއްލަ ދަރިންނާ ވެސް މުއާމަލާތްކުރާނެ ފަދަ އޯގާތެރިކަމާ އެކީގައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އިލްޔާސަށް މަރުހަބާ ކިއުމާ އެކު އެންމެ ފުރަތަމަވެސް އެދުނީ ރައީސް ޔާމީން ޖަލުން ނެރެދިނުމަށެވެ. އެމަނިކުފާނަށް ކުރާ 'އަނިޔާ' ހުއްޓުވައި ދެއްވުމަށެވެ.

"އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ އެމްއެމްޕީއާރްސީގެ އެ އޮތް ބޮޑު ހިޔާނާތުގައި ހަމައެކަނި އެކަކަށް އަދަބު ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް" އެމީހުންނަށް ޖަވާބުދެއްވަމުން އިލްޔާސް ވިދާޅުވި އެވެ.

އަލަށް އުފެއްދި ދަ ޑިމޮކްރެޓްސް އިން ދ އަދި ތ. އަތޮޅަށް ކުރާ މި ދަތުރުގައި ފާހަގަވާ އެއްކަމަކީ, އިދިކޮޅުގައި އޮތް ޕީޕީއެމް ސަޕޯޓަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބެވެ. ޕީޕީއެމްގެ މެޖޯރިޓީ އޮތް ގުރައިދޫން ވެސް ފެނުނީ އެ މަންޒަރެވެ.

ގުޅަ ހަދަން ތިބި އަންހެނުންގެ ތެރެއިން ދޮށްޓަށް ތިބި މީހުން އިލްޔާސަށް ދިނީ ޕީޕީއެމާއި ޑިމޮކްރެެޓުން އެކުގައި މަސައްކަތްކޮށްގެން މިހާރު މިއޮތް ސަރުކާރު ބަދަލުކުރުމުގެ ހިޔާލެވެ.

"ދެ ބައި މީހުން އެކުވީމާ ދެން އަތެއް ނުކުރެވޭނެ" އެކަކު ބުންޏެވެ.

އެކުގައި މަސައްކަތް ކުރުމުގެ ދައުވަތަށް އިލްޔާސް ވިދާޅުވީ, ރިޔާސީ އިންތިހާބުގެ ތައްޔާރީތައް މިހާތަނަށް އައިއިރު, ދެބައި މީހުން ގުޅެން މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެކަމަކު އަދި އެ މަސައްކަތްތައް ކާމިޔާބު ވެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާތަނަށް އައި އިރު ވެސް މި މަސައްކަތް ކުރީ ދެ ބައި މީހުން އެއްވާން. އެކަމަކު އަދި އެކަން ވާގޮތް ނުވެފައި މިއޮތީ،" ޕީޕީއެމާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަން މީގެ ކުރިން ކުރި މަޝްވަރާތަކަށް އިޝާރާތްކުރައްވައި އިލްޔާސް ވިދާޅުވި އެވެ.

ގުރައިދޫގައި ތިބި ޕީޕީއެމްގެ އެހެން ބައެއް މެމްބަރުންނާ ވެސް އިލްޔާސް ބައްދަލުކުރެއްވި އެވެ. އެންމެންގެ ވެސް އޮތީ އެއް މެސެޖެކެވެ. އެއީ މިހާރު މިއޮތް ސަރުކާރު ބޭނުން ނުވާ ކަމާއި, ރައީސް ޔާމީނަށް ހެވެއް ލިބިވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ނިންމައިގެން ކަމަށް ގަބޫލުކުރާ ކަމުގެ މެސެޖެވެ.

ގުރައިދޫން ފުރަން، ބަނދަރުމައްޗަށް ދިޔަ އިރު ޖޯލިފައްޗެއްގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުން ތަކަކާ ވާހަކަދައްކައިލުމުން ސާފުވި އެއް ކަމަކީ, ޑިމޮކްރެޓުންނާ އެކު މަސައްކަތް ކުރަން އެމީހުން އަދިވެސް ތައްޔާރަށް ތިބިކަމެވެ. އެކަމަކު އެއީ އެމީހުންނަށް ދެވަނަ 'ޗޮއިސް' އެވެ. ޑިމޮކްރެޓުންނާ ހިޔާލު އެއްގޮތްވާ ކަންކަމާ އެއްވަރަށް، ހިޔާލުތަފާތުވާ ކަންތައްތައް ވެސް އެމީހުން ދެކޭ ގޮތުގައި ގިނަ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މީސްކޮޅު މަދު ޕާޓީއަކުން އަރަންޖެހޭނީ މީސްކޮޅު ގިނަ ޕާޓީއެއްގެ ފަހަތަށް،" ޑިމޮކްރެޓްސްއާއެކު މަސައްކަތް ނުކުރެވުނު ސަބަބަކަށް ޕީޕީއެމް ލީޑާޝިޕުން ވެސް ދައްކާފައިވާ ހުއްޖަތް ދައްކަމުން ސަޕޯޓަރަކު ބުންޏެވެ.

"އެހެން ނަމަވެސް ދެވަނަ ބުރެއްގައި އެމީހުންގެ ފަހަތަށް އަރަންޖެހިއްޖެނަމަ އަޅުގަނޑުމެން އަރާނަން އެމީހުންގެ ފަހަތަށް،" ޑިމޮކްރެޓްސްއާއެކު މަސައްކަތް ކުރެވޭނެ ހާލަތް އޭނާ ކިޔައިދިނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި ރަނިންމޭޓަކު ކަނޑައަޅައި އިއުލާން ނުކުރެ އެވެ. އެ ފުރުސަތު ޕީޕީއެމަށް ދިނުމަށް ވެސް ނަޝީދު ވަނީ ދައުވަތު ދެއްވާފަ އެވެ.

ޑިމޮކްރެޓުން ކެންޑިޑޭޓެއްގެ ގޮތުގައި އިލްޔާސް ދެއްކުމުގެ ކުރިން އެ ޕާޓީއާއި ޕީޕީއެމް ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް ކުރި އެވެ. އެކަމަކު އެ މަޝްވަރާތައް ނިމުނީ ކޮޅެއްގައި ނުޖެހި އެވެ. ޕީޕީއެމުން އެ މަޝްވަރާތައް ހުއްޓާލާފައިވާ ކަމަށް ބުނި ނަމަވެސް، ޑިމޮކްރެޓްސް އަދިވެސް އެދެނީ ދެ ޕާޓީއަށް އެއްބަސްވެވޭ ކެންޑިޑޭޓަކާއެކު ކުރިއަށް ދާށެވެ.

ތ. އަތޮޅުގެ އެހެން ރަށްތަކާއި ގުރައިދޫގައި ވެސް ޕީޕީއެމްގެ ސަޕޯޓަރުން ކީ މަރުހަބާ އާއި ދެއްކި ވާހަކަތަކުން ޑިމޮކްރެޓުންނަށް އުއްމީދެއް ލިބުނެވެ. އެއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއްގައި އެ ދެބައިމީހުން ގުޅިގެން މަސައްކަތް ކޮށްލެވޭ ފަދަ މާހައުލެއް އޮތް ކަމުގެ އުއްމީދެވެ.

ނިމާ ހަސަން

ޖާނަލިސްޓް

ނިިމާ ހަސަނަކީ އިޖުތިމާއީ ދާއިރާގެ ހަބަރުތަކާއި ރިޕޯޓުތަކަށް ހާއްސަ ނޫސްވެރިއެކެވެ. އެ ނޫނަސް އެހެން ދާއިރާތަކަށް ވެސް އޭނާގެ ގަލަން ހިނގަ އެވެ. "ދަޕްރެސް" އިން ނޫސްވެރިކަމުގެ ކެރިއަރު ފެށި ނިމާ ވަނީ 2019 ވަނަ އަހަރު އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނޯމިނޭޓުވެފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox