މިދިޔަ ޖޫން މަހު ރާއްޖޭން މުދާ އެކްސްޕޯޓު ކުރި މިންވަރު އިތުރުވި ނަމަވެސް، މުދާ އިމްޕޯޓު ކުރި މިންވަރާއި ލިބުނު އާމްދަނީ ދަށްވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު 5.2 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓު ކޮށްފައިވާއިރު، މިއަހަރުގެ ޖޫން މަހު މި އަދަދު ވަނީ ހަތަރު ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. މިއީ 24 ފަސެންޓު ދަށް އަދަދެކެވެ.
ރާއްޖެއަށް މިދިޔަ މަހު އިމްޕޯޓްކުރި މުދަލުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ތެލުގެ ބާވަތްތަކެވެ. އެގޮތުން 910 މިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް ހިމެނެ އެވެ. ޖޫން މަހު އެންމެ ގަނައިން މުދާ އިމްޕޯޓު ކޮށްފައިވަނީ އޮމާނުންނެވެ.
އެކްސްޕޯޓް ކުރި މުދަލުގެ އަދަދު ހަތް ޕަސެންޓް އިތުރުވެފައިވާއިރު، މިދިޔަ މަހު ރާއްޖެއިން 261 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ މަހުގެ ބާވަތްތަކެވެ.
ޖޫން މަހު ރާއްޖޭން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑަށެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 394 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދު އުޅެނީ 347 މިލިއަން ރުފިޔާގަ އެވެ. މިއީ 12 ފަސެންޓުގެ ވެއްޓުމެކެވެ.
ރާއްޖެއަށް މިދިޔަ މަހު މުދާ ހިފައިގެން 92 ކާގޯ އުޅަނދު ދަތުރުކުރިއިރު 117 އުޅަނދު ރާއްޖެއިން މުދާ ހިފައިގެން ފުރި އެވެ.










