ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން މިރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާ ނިންމާލި ވަގުތު އެ ސަރަހައްދުގައި ތިބި ބަޔަކު ފުލުހުންނާއި ދިމާލަށް ގާ އުކައި ހަމަނުޖެހުން ހިންގައިފި އެވެ.
އެ ސަރަހައްދުގައި ހުރި "އަދަދު" ގެ ނޫސްވެރިޔާ މައުލޫމާތު ދިން ގޮތުގައި ފުލުހުންނާއި ދިމާލަށް ގާ އުކާފައި ވަނީ "މޮންޓި ރޯސާ" ނަމަކަށް ކިޔާ ކެފޭއެއްގެ ތެރޭގައި ތިބި ބަޔެކެވެ. އެއީ ކޮން ބައެއްކަން މިހާތަނަށް ސާފުވެފައި ނުވެ އެވެ.
"އަދަދު" ނޫހަށް މައުލޫމާތު ދިން ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ގާ އުކުމުގެ ސަބަބުން އެސްއޯ ފުލުހުންގެ ފަސް މީހުންނަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް, މިހާތަނަށް މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ބުންޏެވެ.
މިވަގުތު ވެސް އެ ސަރަހައްދަށް މީހުން އެއްވެ ތިބި ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.
އެ މީހުން ފުލުހުންނާއި ދިމާލަށް ގާ އުކާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑު ހުއްޓުވަން މަސައްކަތް ކުރުމުން އެކަމަށް ހުރަސް އެޅުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މިއަދު ހަވީރު ވެސް ފުވައްމަލުކުގައި ފުލުހުންނާއި އާންމުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި އެވެ. އެގޮތުން, ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންދިޔަ މީހުންގެ ތެރެއިން ދެ މީހަކު ފުލުހުންގެ އަމުަރަށް ނުކިޔަމަންތެރިވުމުން ހައްޔަރު ވެސް ކުރި އެވެ.













