މިނިވަން އުފާ ކާނިވަލުގެ ބައިވެރިންގެ މެދުގައި ނަގާ ގުރުއަތެއްގައި އެންމެ ބޮޑު އިނާމުގެ ގޮތުގައި ނަސީބުވެރި އެއް ފަރާތަކަށް ހަތް ދުވަހުގެ ބާލީ ދަތުރެއް ދޭން އުރީދޫން ނިންމައިފި އެވެ.
ކާނިވާގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑްތައް ސްކޭންކޮށް ރެޖިސްޓަރކޮށްލުމުން މިނިވަން އުފާ ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ. މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތް ހޮވާނީ ކާނިވަލުގެ ފަހު ދުވަހު ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނި ގޮތުގައި ނަސީބުވެރި ފަރާތައް ފްލައިޓް ޓިކެޓް އަދި ހަތަރު ތަރީގެ އެކޮމޮޑޭޝަންގެ އިތުރުން ބާލީގެ މަޝްހޫރު ޓުއަރިސްޓް ސްޕޮޓްތައް ބަލާލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އުބުދުގައި ދެ ރޭ، ނޫސާ ޕެނިޑާގައި ދެ ރޭ އަދި ސެމިނިއާކްގައި ދެ ރޭ ހޭދަކުރުމުގެ ފުރުސަތު އޭގެ ތެރޭގައި ހިމެނޭނެ އެވެ. އެތަންތަން ބެލުމުގައި ޓުއަގައިޑެއްގެ އެހީތެރިކަން ވެސް ދޭނެ އެވެ.
ޒިޔާރާތްކުރަން ހަމަޖެހިފައިވާ ތަންތަން:
- ކޮފީ ފާމް ޕްލާންޓޭޝަނަށް
- އަލޯހާ އުބުދު ސްވިންގް
- އުބުދު ސެންޓަރު
- އެންޖަލް ބިލަބޮންގް
- ބްރޯކެން ބީޗް
- ހިތްގައިމު ކެލިންގްކިންގް ސީކްރެޓް ޕޮއިންޓް
- ކްރިސްޓަލް ބޭ
- އަތުހު ބީޗް
- ޓްރީ ހައުސް
- ސެރިބޫ އައިލެންޑް
އުރީދޫން ބުނީ ކާނިވަލުގައި ހުންނަ އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކޮށްގެން ވެސް ތަފާތު އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެ ކާނިވާ ކުރިއަށްދާނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޯގަސްޓް ތިން ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 16:00 އިން އިރިއޮއްސި 18:00 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން 00:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.











