ކެންސަރު ދަނެގަތުމަށް ހަދާ ޕެޓް ސީޓި ސްކޭން އޭޑީކޭ ހޮސްޕިޓަލުން ދިވެހިރާއްޖެއަށް މުޅިން އަލަށް މިއަދު ތައާރަފުކޮށްފި އެވެ.
ޕެޓް ސީޓީ ސްކޭން ތައާރަފުކުރުމުގެ ގޮތުން އެ ހޮސްޕިޓަލުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ، އޭޑީކޭއިން އަބަދު ވެސް މަސައްކަތް ކުރަމުންގެންދާނީ އެންމެ ޒަމާނީ ވަސީލާތްތަކާއިއެކު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
ޕެޓް ސްކޭންގެ ހިދުމަތާއިއެކު އެތައް ބަޔަކަށް ފަސޭހަވެގެން ދާނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.
"ރާއްޖޭގެ ގާތްގަނޑަކަށް އަހަރަކު 1،000 އަސް ވުރެ ގިނަ މީހުން އެބަ ބޭރަށް ފުރާ ޕެޓް ސީޓީ ހެދުމަށްޓަކާ. މިހާރު އަޅުގަނޑުމެން މި މަސައްކަތް ފެށުމާއެކުގަ ރާއްޖެއިން މި ސްކޭން ހަދަން ބޭރަށް ދާންޖެހުން މި ނިމުމަމަކަށް އައީ،" އަފްއާލް ވިދާޅުވި އެވެ.
އަފްއާލް އިތުރަށް ވިދާޅުވީ ޕެޓް ސީޓީ ސްކޭންގެ ހިދުމަތް ފެށުމުގެ ގޮތުން ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނު ކަމަށެވެ. އެގޮތުން މި ސްކޭނު ހަދާއިރު ބޭނުންކުރާ ނިއުކްލިއާ މާއްދާ ބޭނުންކުރަން ފެށުމުގެ ކުރިން ގިނަ ހުއްދަތަކެއް ހޯދަން ޖެހުނުކަން ފާހަގަކުރެއްވި އެވެ.
އޭޑީކޭގައި ޕެޓް ސްކޭން ހެދުމަށްޓަކައި ބޭނުންކުރާނެ ރޭޑިއޯއެކްޓިވް މާއްދާ ގެނައުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ކާރުހާނާއަކުންނެވެ. އެ މާއްދާއަކީ އުފައްދާތާ 15 ގަޑީރު ތެރޭގައި ބޭނުންކުރަންޖެހޭ އަދި ގިނަ ދުވަހު ރައްކާކޮށްފައި ނުބެހެއްޓޭ އެއްޗެއްކަމުން އެކަމަށް ހާއްސަ ފްލައިޓުތަކެއް ހަމަޖައްސާފައިވާ ކަމަށް އޭޑީކޭން އިން މައުލޫމާތު ދިނެވެ.
އެ ހިދުމަތުގެ އިތުރު ތަފްސީލު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. ނިޔާފް ވިދާޅުވީ މި ރޭޑިއޯއެކްޓިވް މާއްދާ ރާއްޖެ އެތެރެކުރުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓު ލިބޭ އަދަދަށް ބެލުމަށްފަހު ބޭނުންވާ މިންވަރަށް ކަމަށެވެ. އަދި ދުވާލަކު އެންމެ ގިނަވެގެން އަށް ނުވަތަ 10 ޕެޓް ސީޓީ ސްކޭން ހެދޭނެ ކަމަށް ވިދާޅުވި އެވެ.
ޕެޓް ސީޓީ ސްކޭނާއި ގުޅޭގޮތުން ނިޔާފް އިތުރަށް ވިދާޅުވީ، ކެންސަރު ދެނެގަތުމުގެ އިތުރުން، ހަށިގަނޑަށް އެ ބަލި ފެތުރުފައި ހުރި މިންވަރު ވެސް މި ސްކޭންގެ ޒަރިއްޔާއިން ބެލޭނެ ކަމަށެވެ. އަދި ހިތާއި ސިކުނޑީގެ ބަލިތައް ދެނެގަތުމުގައި ވެސް ޕެޓް ސީޓީ ސްކޭން ބޭނުންކުރެވޭނެކަމަށް ނިޔާފް ވިދާޅުވި އެވެ.
"ކެންސަރު ދެނެގަތުމުގެ އިތުރުން ހަށިގަނޑަށް ކެންސަރު ފެތުރިފަ ހުރި މިންވަރު އަދި ފަރުވާ ދިނުމަށް ފަހު ކެންސަރު ނައްތާލުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ހުރި މިންވަރު ވެސް މި މެޝިނުން ބަލާލެވޭނެ. އަދި ކެންސަރުގެ އިތުރުން،" ނިޔާފް ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ނިއުކްލިއާ ޓްރޭސާ މެޓީރިއަލް ދޭނެ މިންގަނޑު ކަނޑައަޅާނީ ބަލިމީހާގެ ސިއްހީ ކަންތައްތަކަށް ބަލުމަށްފަހު ނިޔުކްލިއާ ފިޒިޝަނުންކަމަށް ވެސް ނިޔާފް ވިދާޅުވި އެވެ.
ޕެޓް ސީޓީ ސްކޭނުގެ ހިދުމަތް ފެށުމަށްޓަކައި އޭޑީކޭގައި ވަނީ ރައްކާތެރި ނިޒާމެއް ގާއިމްކޮށް އުސޫލުތަކެއް ކަނޑައަޅާފަ އެވެ. މި ހިދުމަތައް އެ ހޮސްޕިޓަލުން ނަގާނީ 7،500ރ. އާއި 8،500ރ. އާ ދެމެދުގެ އަގެކެވެ.











