ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާނީ އެ ކޯލިޝަންގެ ލީޑަރު، ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ބުނި ނަމަވެސް، އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެއްވުމަށް ހުރި ހަނި ފުރުސަތުތައް ވެސް ބަންދުވާން ފަށައިފި އެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އައީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަގައި އެ ފައިސާ ލޯންޑަ ކުރި ކަމަށް ސާބިތުވުމުންނެވެ.
އެ ހުކުމް ދެމިއޮތްހައި ހިނދަކު ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވެ އެވެ. އެހެންވެ، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައިވެ އެވެ.
މި ހުރަސްތައް ނައްތާލުމަށްޓަކައި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ހުއްޓިފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފު މިދިޔަ މަހު ފެށި ނަމަވެސް، އީދު ބަންދަށް ފަހު އަޑުއެހުމެއް ބޭއްވިފައެއް ނުވެ އެވެ. ފުރަތަމަ ބެންޗުގައި ހިމެނޭ ފަނޑިޔާރު ހުޒައިފާ މުހައްމަދު އާއިލީ ޒިންމާއެއްގައި ޗުއްޓީގައި ހުންނެވިއިރު، މިހާރު ފަނޑިޔާރު މުހައްމަދު ސަލީމް ހުންނެވީ ޗުއްޓީގަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުޅުވާލުމުން ހޮނިހިރު ދުވަހު ރައީސް ޔާމީންގެ ފަރާތުން ވަނީ އިންތިހާބީ ހައްގެއް އުނިވެފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. ނަަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވާ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ ހައި ކޯޓުގައިވާ އިސްތިއުނާފީ މައްސަލަތައް ލަސްވާތީ އެމަނިކުފާނުގެ އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގު ގެއްލިފައިވާތީ އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ އެކެވެ.
"އެ ހައްގުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިން," އެ މައްސަލަ ހުށަހެޅުއްވުމަށް ފަހު ވަކީލު އާދަމް ޝަމީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ޔާމީނަށް ދައުވާ ލިބޭ ހިޔާނާތުގެ މައްސަލައެއް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ހިނގަަމުން އެބަ ދެ އެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އަހުމަދު ކްރިކް ރިޒާ މެދުވެރިވެގެން އެ ރަށް ކުއްޔަށް ދިން ކުންފުނިން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގައި، ސަންގެ ދެ ކުންފުންޏެއް މެދުވެރިކޮށް އެ ފައިސާ ލޯންޑަކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެވެ.
އިންތިހާބުގައި ވާދަ ކުރުމަށް ކެންޑިޑެސީ ފޯމް ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލާފައިވާއިރު، އެ ފުރުސަތު ބަންދު ވާނީ އޯގަސްޓް 7 ގަ އެވެ.
އިންތިހާބުގައި ޔާމީނަށް ވާދަ ކުރެއްވިދާނެ ކަމުގެ ޔަގީންކަށް އަދި ނެތްއިރު، ސަޕޯޓަރުން ދަނީ އެ މަނިކުފާނު މިނިވަން ކުރަން ގޮވާލަމުންނެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ހިތުގެ އާލާސްކަންފުޅު ހުންނަ ބޭފުޅެއް ކަމަށާއި ކޮންމެ ދުވަހަކު ފަރުވާއަށް މުށުފުރާ ބޭސް ބޭނުން ކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އަށް ފުރައްސާރަ ކުރެއްވި އެވެ.
"އަޅުގަނޑު އެމްޑީޕީގެ މެންބަރުންނަށް ތަކުރާރުކޮށް ދަންނަވާލަން އޮތީ، ތިބޭފުޅުންގެ ރައީސް އަދި ތިބޭފުޅުންގެ ކެންޑިޑޭޓު ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރާ ބޭސް ފަރިއްކުޅުވަން ޖެހިވަޑައިގަންނަވާ، ތިބޭފުޅުންގެ ކެންޑިޑޭޓުގެ ހިތުގެ އާލާސްކަންފުޅު، ތިބޭފުޅުންގެ ކެންޑިޑޭޓުގެ ސިއްހީ ހާލުކޮޅު، އެއީ ވިސްނަވަން ޖެހޭ ކަމެއް،"
ދުވަހުގެ ފޮޓޯ

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ފަހަތުގައި ހުންނެވި ކުރީގެ ރައީސް މުަހައްމަދު ނަޝީދު އާއި އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓު އިލްޔާން ލަބީބު ރޭ ސަލާމްކުރައްވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު










