އެއްލައްކަ ރުފިޔާގެ އިނާމު ޕޫލަކާއެކު ބޭއްވުމަށް ހަމަޖެހިފައިވާ "ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް" މި މަހު 28ގައި ފެށުމަށް އިއުލާނުކޮށްފި އެވެ.
މި މުބާރާތް ކުރިއަށް ދާނީ އަންނަ އޮގަސްޓް ފަސްވަނަ ދުވަހުގެ ނިޔަލަށެވެ. ރަޖިސްޓްރީވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ 00:00 ގެ ނިޔަލަށް ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 15 އަހަރުން މަތީގެ ދިވެހިންނަށެވެ. ކޮންމެ ޓީމެއްގައި ފަސް ކުޅުންތެރިން ހިމެނޭހެން 40 ޓީމަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް ދިރާގުން ބުންޏެވެ.
މުބާރާތުގެ ފުރަތަމަ ހަތް ދުވަހު އޮންލައިންކޮށް ކުޅުމަށް ހަމަޖެހިފައިވާއިރު، ދިރާގު ޔޫޓިއުބް ޕޭޖުން މި މެޗުތަށް ލައިވް ކުރާނެ އެވެ.
ނަމަވެސް އޯގަސްޓު ފަސްވަނަ ދުވަހު ބެއްވޭ ގްރޭންޑް ފިނާލޭ ވެގެންދާނީ ފުލް ޑޭ ފިޒިކަލް އިވެންޓަކަށް ކަމަށް ދިރާގުން ބުނެ އެވެ. މިގޮތުން ފައިނަލް ބުރަށް ދާ ޓީމުތަކުގެ އާއިލާއާއި ރަހުމަތްތެރިންނަށް އެ ތަނުން ލައިވްކޮށް މެޗުތައް ބެލޭނޭފަދަ ފޯރިގަދަ އިވެންޓަކަށް ވެގެންދާނެކަމަށް ދިރާގުން މައުލޫމާތުދެ އެވެ.
މި މުބާރާތާބެހޭ އިތުރު މައުލޫމާތު https://bit.ly/43zhEOI އިން ލިބޭނެ އެވެ.
މޮބައިލް ލެޖެންޑްސް އަކީ މޮބައިލް ގޭމިންގެ ދުނިޔޭގައި މަގުބޫލު މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމެކެވެ. ދިރާގުން އަންނަނީ އީ-ސްޕޯޓްސް ތަރައްގީކޮށް ކުރިއަރުވައި ޕްރޮފެޝަނަލް ގޭމް ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.











