މެންޗެސްޓާ (ޖުލައި 20) - މިދިޔަ ސީޒަނުގައި އިންޓަ މިލާންގެ ގޯލު ބެލެހެއްޓި ކީޕަރު އަންދްރޭ އޮނާނާ، އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.
އޮނާނާ، 27، ގަންނަން ޔުނައިޓެޑުން ފުރަތަމަ ޔުނައިޓެޑުން ކީ އަގު ކުޑަވުމުން އިންޓަ އިން އެ ޑީލަށް މަޝްވަރާ ކުރުން މަޑުޖައްސާލި އެެވެ.
އެކަމަކު، ޑީލް ލަސްވިޔަނުދިނުމުގެ ބޭނުމުގައި ޔުނައިޓެޑުން އަލުން މަޝްވަރާތައް ފަށައި، ޖުމްލަ އެކު، 70 މިލިއަން ޑޮލަރު ދައްކަން ޖެހޭ ޑީލެއްގެ ދަށުން އޮނާނާގެ ޓްރާންސްފާ ނިމުމަކާ ގާތަށް ވަނީ ޖެހިލައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އޮނާނާ ރަސްމީކޮށް ޔުނައިޓެޑާ އެކު ކޮންޓްރެކްޓްގައި ސޮއިކުރާނެ އެވެ.
އޮނާނާ ބުނީ އޭނާ އަޔަކްސްގައި މަސައްކަތްކުރި ކޯޗު، އެރިކް ޓެން ހާގް މި ވަގުތު ޔުނައިޓެޑްގައި ހުރިއިރު، އޭނާއާ އެކު އެ ޓީމުގައި މަސައްކަތް ކޮށްލަން ލިބުނު ބޮޑު ފުރުސަތެއް ގެއްލެން ބޭނުންނުވާތީ ޔުނައިޓެޑާ ގުޅެން ނިންމީ ކަމަށެވެ. ޔުނައިޓެޑަކީ އިންޓަ ކަހަލަ ބޮޑު ކްލަބެއް ކަމަށާއި ވަރުގަދަ ލީގެއްގައި ކުޅެލަން ލިބުނު ފުރުސަތުގެ ބޭނުން ހިފަން ނިންމީ ކެރިއަރުގައި އަބަދުވެސް މި ފަދަ ޗެލެންޖް ނަގަން ޝައުގުވެރިކަން ހުންނާތީ ކަމަށް އޮނާނާ ވަނީ ބުނެފަ އެވެ.
ބާސެލޯނާގައި ޔޫތު ކެރިއަރު ހޭދަކުރި، އޮނާނާ ސީނިއާ ފުޓްބޯޅަ ހަޔާތުގެ ބޮޑުބައި ހޭދަކުރީ ނެދަލެންޑްސްގެ އަޔަކްސްގަ އެވެ. އެ ޓީމަށް ހަތް އަހަރާއި ބައި ކުޅެދިން އޮނާނާ، ފަހު އަހަރެއް ހޭދަކުރަން ޖެހުނީ ދަނޑުބޭރުގަ އެވެ. އެއީ، އޮޅިގެން ބޭނުންކުރެވުނު މަނާބޭހަކާ ހެދި އައި ސަސްޕެންޝަނެއްގެ ސަބަބުންނެވެ.
ސަސްޕެންޝަނުން ސަލާމަތްވެ، މިދިޔަ އަހަރު އިންޓައާ ގުޅުނު އޮނާނާ ވަނީ އެ ކްލަބާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. އެކަމަކު، އިންޓަގެ ކޮންޓްރެކްޓްގެ އެއް އަހަރު ނިމުނުތަނާ އޮނާނާ މި ވަނީ އެ ޓީމު ދޫކޮށް ޔުނައިޓެޑާ ގުޅެން އެއްބަސްވެފަ އެވެ.
ބާރަ އަހަރު ވަންދެން ޔުނައިޓެޑްގެ ގޯލު ބެލެހެއްޓި ސްޕެއިންގެ ގޯލްކީޕަރު، ޑޭވިޑް ޑެހެއާ ވަނީ ހިލޭ ޓްރާންސްފާއެއްގައި އެ ކްލަބް ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ.












