މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދިރާގުން މަމްސް އެއިޑްގެ "ބެކް ޓު ސޫކޫލް 2023" ޕްރޮގްރާމްގައި ބައިވެރިވެއްޖެ އެވެ.
"ބެކް ޓު ސްކޫލް 2023" ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިރާސީ އައު އަހަރު ފެށޭއިރު މުޖުތަމައުގައި އެހީއަށް ބޭނުންވަފައިތިބި އާއިލާތަކުގެ ތެރެއިން ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުން ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
މި މައިންގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ މީހުން ވެސް ހިމެނެ އެވެ.
މި ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އައު އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދެވޭނެކަމަށް ދިރާގުން ބުނެ އެވެ.
އެގޮތުން, ދިރާގުގެ އެހީތެރިކަމާއެކު، "ބެކް ޓު ސްކޫލް 2023" ޕްރޮގްރާމުގައި މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ ކީ ސްޓޭޖު ތިނެއް އަދި ހަތަރެއްގެ ދަރިވަރުންނަށް މިތަކެތި ފޯރުކޮށްދިނުމަށް ވަީނީ ހަމަޖެހިފަ އެވެ.
ދިރާގުން ބުނީ މަމްސް އެއިޑާއެކު އެ ކުންފުނިން ކުރިއަށް ގެންދާ މި ޕާޓްނަރޝިޕް މަގްސަދަކީ، އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެއްބާރުލުން ދިނުމާއި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުމެވެ.
މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެހީތެރިކަން ބެނުންވެފައިވައިތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ.










