ކްލަބް މޯލްޑިވްސް ކަޕްގެ މީޑިއާނެޓު ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރެއެއް ގޮތުގައި ފަވާލާ ހާޑްވެއާ ސޮއިކޮށްފި އެވެ.
މީޑިއާނެޓު ހެޑް އޮފީހުގައި ބޭއްވި ކަވަރޭޖް ސްޕޮންސަރޝިޕް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އައިސް ނެޓްވޯކްގެ ފަރާތުން ސޮއި ކުރެއްވީ އައިސް ޓީވީގެ ސްޓޭޝަން އިންޗާޖް މުހައްމަދު އަހްމަދެވެ. ފަވާލާ ހާޑްވެއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ސްޓްރެޓަޖީ އެންޑް މާކެޓިންގް އޮފިސާ އާސިފް ރަޝީދެވެ.
ފަވާލާ ހާޑްވެއާއަކީ އެކި ރޭންޖުގެ ފެންވަރު ރަނގަޅު ޕަވާ ޓޫލްސާއި ކަރަންޓާއި ފެންވައިރު ކުރާ ސާމާނާއި ކުލަ އާއި ދަވާދާއި އެކި ޑިޒައިންތަކުގެ ބޮއްކާއި ގިނަ ބާވަތްތަކުގެ ހާޑްވެއާ ސާމާނު އެއްތާކުން ލިބެން ހުންނަ ފިހާރައެކެވެ.
މާލެ އަދި ހުޅުމާލޭގައި ދާދި ފަހުން ފަވާލާ ހާޑްވެއާގެ ފިހާރަތައް ހުޅުވާފައިވާއިރު "ހާހުން ހާޑްވެއާ، ހާހުން އިނާމު" ގެ ނަމުގައި އަގުހުރި އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަންއެއް ވެސް އެ ފިހާރައިން ދަނީ ކުރިއަށް ގެންދަމުންނެވެ.
މީޑިއާނެޓަކީ މިއަހަރު ކްލަބް މޯލްޑިވްސްގެ ކަވަރޭޖް ޕާޓްނަރެވެ. އައިސް ނެޓްވޯކުގެ ޗެނަލްތައް މެދުވެރިކޮށް ޓީވީ އަދި އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް އެ މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ބެލޭނެ އެވެ. އެ މުބާރާތުގެ މެޗުތަށް ބަލާލުމަށް ހާއްސަ ޕެކޭޖުތަކެއް މީޑިއާނެޓުން މިހާރުވަނީ ތައާރަފްކޮށްފަ އެވެ.
ކްލަބް މޯލްޑިވްސް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު މިހާރު ބާއްވާފައިވާއިރު، ހުޅުވުމުގެ ރަސްމިއްޔާތުގައި ޓީމުތަކުގެ ކޯޗުން އަދި މީޑިއާގެ ޓީމަކާއި ދެމެދު ވަނީ ފޯރިގަދަ މެޗެއް ކުޅެވިފަ އެވެ.
ކްލަބް މޯލްޑިވްސް ކަޕަކީ ދިވެހިރާއްޖޭގެ އެންމެ ތާރީހީ އަދި އެންމެ މަގުބޫލު ފުޓްސަލް މުބާރާތެވެ.











