މިލާން (ޖުލައި 13) - އިންޓަ މިލާނުގެ ކޮންޓްރެކްޓްގައި ހުރި ކެމަރޫންގެ ގޯލްކީޕަރު އަންދްރޭ އޮނާނާ، ވިއްކާލަން އެ ކްލަބުން ކިޔާ އަގުބޮޑުުވުމުން އޭނާ ހޯދަން މެންޗެސްޓާ ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާގައި ޔޫތު ކެރިއަރު ހޭދަކުރި، އޮނާނާ، 27، ސީނިއާ ފުޓްބޯޅަ ހަޔާތުގެ ބޮޑުބައި ހޭދަކުރީ ނެދަލެންޑްސްގެ އަޔަކްސްގަ އެވެ. އެ ޓީމަށް ހަތް އަހަރާއި ބައި ކުޅެދިން އޮނާނާ، ފަހު އަހަރެއް ހޭދަކުރަން ޖެހުނީ ދަނޑުބޭރުގަ އެވެ. އެއީ، އޮޅިގެން ބޭނުންކުރެވުނު މަނާބޭހަކާ ހެދި އައި ސަސްޕެންޝަނެއްގެ ސަބަބުންނެވެ. ސަސްޕެންޝަނުން ސަލާމަތްވެ، މިދިޔަ އަހަރު އިންޓައާ ގުޅުނު އޮނާނާ ވަނީ އެ ކްލަބާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.
ބާރަ އަހަރު ވަންދެން ޔުނައިޓެޑްގެ ގޯލު ބެލެހެއްޓި ސްޕެއިންގެ ގޯލްކީޕަރު، ޑޭވިޑް ޑެހެއާ ވަނީ ހިލޭ ޓްރާންސްފާއެއްގައި އެ ކްލަބް ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ.
ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް، އެ ޓީމުގެ ގޯލު ބަލަހައްޓަން ގެންނަން ބޭނުންވާ ކީޕަރަކީ، އޮނާނާ އެވެ. އެކަމަކު، މިހާތަނަށް އޮނާނާ ހޯދަން ކުރި މަޝްވަރާތަކުގައި ޔުނައިޓެޑަށް ވަނީ އިންޓައާ އެކު އެ ޓްރާންސްފާ ކުރިއަށްދާނެ ފީއަކާ މެދު އެއްބަސްވުމަކަށް ނާދެވިފަ އެވެ. އިންޓަ އިން އޮނާނާ ވިއްކާލަން ކިޔާ އަގު އުޅެނީ 65-75 މިލިއަން ޑޮލަރުގަ އެވެ.
އޮނާނާ ނުލިބިއްޖެނަމަ، ޔުނައިޓެޑުން ދެން ވިސްނަނީ ސެވިއްޔާ އަށް ކުޅެމުން އަންނަ މޮރޮކޯ ގައުމީ ޓީމުގެ ގޯލްކީޕަރު، ޔާސީން ބޯނޯގެ ސޮއި ހޯދުމަށެެވެ. ސެވިއްޔާ އިން ބޯނޯ ވިއްކާލަން ކިޔަނީ 50 މިލިއަން ޑޮލަރަށެވެ.












