ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް ފަސޭހަކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި "ވަންގަވް" ގެ ނަމުގައި ޑިޖިޓަލް ޕްލެޓްފޯމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
"ވަންގަވް" ތައްޔާރުކޮށްފައި ވަނީ ރައްޔިތުންނާއި ވިޔަފާރިތަކާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އަވަސްކަމާއިއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ. ދުނިޔޭގެ ކޮންމެ ތާކުހުރެ ކޮންމެ ވަގުތެއްގައި ވެސް ވަންގަވް މެދުވެރިކޮށް ސަރުކާރުގެ ހިދުމަތްތަކަށް އެދި ހުށަހެޅޭނެ އެވެ.
ވަންގަވްގެ ހިދުމަތް ލޯންޗު ކުރުމަށް ސަލްޓަން ޕާކުގައި ބޭއްވިި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މި ހިދުމަތް ތައާރަފު ކުރުމަކީ ޑިޖިޓަލް ސަރުކާރެއްގެ ފެށުން ކަމަށެވެ.
"ސަރުކާރުގެ އެންމެ ހާއްސަ ސިފަޔަކީ އެމީހަކު ހޯދަން ބޭނުން ހިދުމަތެއް އެމީހަކު ހުރިތަނަކުން އިނގިލި ކުރިއަށް ތިލަވެގެން ދިއުން," ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވަނީ ވަންގަވްގެ ހިދުމަތާ އެކު ރައްޔިތުންނަށް އެތަކެއް ލުއިފަސޭހަތަކެއްް ލިބިގެންދާނެކަން ފާހަގަކޮށްފަ އެވެ. އެގޮތުން ސަރުކާރުގެ ހިދުމަތްތައް ހޯދުމަށް ކަނޑުހުރަސްކޮށް ކުރާ ދަތުރުތަކަށް މި ހިދުމަތާއެކު ނިމުމެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޒަމާނުއްސުރެ ކަން ހިނގަމުން އައި ގޮތަކީ ސަރުކާރުގެ ހިދުމަތެއް ހޯދަން ޖެހިއްޖެ ނަމަ ކަނޑު ހުރަސްކޮށް ވެރިރަށް މާލެއަށް ދަތުރުކުރަން ޖެހުން. މާލެ އާދެވޭނެ ގޮތެއް ނެތިއްޔާ ހިދުމަތް ނުހޯދާ ތިބުން. ހިދުމަތެއް ހޯދަން އޮފީހަކަށް ދެވުނަސް ގިނަ ވަގުތު ކިއުގައި މަޑުކުރަން ޖެހުން. އެ ހުރިހާ ތަކުލީފެއް އުފުލަން ޖެހޭއިރު ބޭނުންވާ ހިދުމަތާ ގުޅޭ މައުލޫމާތު އެއްތަނަކުން ލިބޭކަށް ނުހުރޭ" އެކި ހިދުމަތްތައް ހޯދުމަށް ރައްޔިތުން އުފުލަން ޖެހޭ ތަކުލީފުތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން, މިއާއެކު ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިވެގެންދިއުމާއި ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެށީގެ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ފައިދާތަކެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
ވަންގަވްއިން ހިދުމަތް ލިބޭ އިދާރާތައް:
- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
- މިނިސްޓްރީ އޮފް ޓޫރިޒަމް
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
- ފުވައްމުލައް ސިޓީ ކައުންސިލް
- ހެލްތު ޕްރޮޓެކްޝަން އެޖެންސީ
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ، މިއީ އެކި ހިދުމަތްތައް ހޯދުމަށް ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފުތަކަށް ލިބުނު ބޮޑު "ތަސައްލީއެއް" ކަމަށެވެ. އަދި, ހިދުމަތްތައް ދިގުލައިގެން ދިއުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކޮންމެ އަހަރަކު އިގްތިސާދަށް ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"ސަރުކާރުގެ ހިދުމަތްތައް ލަސްވުމުގެ ސަބަބުން އަޅުގަނޑުމެންގެ އިގްތިސާދަށް، އަޅުގަނޑުމެންގެ ޕްރޮޑަކްޓިވިޓީއަށް ހަގީގަތުގަ އަގުކޮށްފިއްޔާ އެތައް އެތައް ބިލިއަން ރުފިޔާއެއް އަހަރަކު ގެއްލިގެން ދާނެކަމާ ދޭތެރޭ އަޅުގަނޑު ޝައްކެއް ނުކުރަން." ފައްޔާޒު ވިދާޅުވި އެވެ.
މި ޕްލެޓްފޯމް ތައާރަފުކުރުމާއިއެކު މި އިދާރާތަކުގެ ހިދުމަތްތަކަށް އެދި ހުށަހެޅޭނީ ވަންގަވް މެދުވެރިކޮށް ޑިޖިޓަލްކޮށް އެކަންޏެވެ.
ވަންގަވް އިން ހިދުމަތްތަކަށް އެދޭނީ ކިހިނެއް؟
- one.gov.mv އަށް ޒިޔާރަތްކޮށްލުމަށްފަހު އީފާސް ބޭނުންކޮށްގެން ލޮގިން ކުރައްވާ,
- ބޭނުންވާ ހިދުމަތެއް ވަންގަވް އިން ހޯދުމަށްފަހު ހިދުމަތާ ބެހޭ މުހިއްމު މައުލޫމާތުތައް ކިޔާލުމަށް ފަހު
- ހިދުމަތާއި ގުޅޭ އެޕްލިކޭޝަން ފޯމް ފުރާލުމަށްފަހު ވަންގަވް މެދުވެރިކޮށް ހުށަހަޅާށެވެ.
ފޯމު ހުށަހެޅުމަށް ފަހު އެޕްލިކޭޝަންއާ ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތު "ވަންގަވް" މެދުވެރިކޮށް ބަލާލެވޭނެ އެވެ. އަދި, ހިދުމަތް ނިމުނުކަމުގެ ލިޔުން ޑިޖިޓަލީ އީމެއިލް މެދުވެރިކޮށް ލިބޭނެ އެވެ.
ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 5:00 އަށް ވަންގަވްގެ ހިދުމަތްތައް ލިބެން ހުންނާނެ އެވެ. އަދި, ވަންގަވް އިން ހިދުމަތްތައް ހޯދުމުގައި އިތުރު މައުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންވާނަމަ 1500 އަށް ގުޅާލައިގެން ވަންގަވްގެ އެޖެންޓަކާއި ވާހަކަދައްކާލެވޭނެ އެވެ.













