މި މަހު 12-16 ތައިލެންޑްގައި ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަން 15 އެތުލީޓުން ހިމަނައިގެން ގައުމީ އެތުލެޓިކްސް ސްކޮޑެއް އެކުލަވާލައިފި އެވެ.
އޭޝިއާގެ މި ބޮޑު މުބާރާތުގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނެނީ ފިރިހެން އަށް އެތުލީޓުންގެ އިތުރުން އަންހެން ހަތް އެތުލީޓުންނެވެ. އެތުލީޓުންގެ ތެރެއިން ގިނައީ މި ވަގުތު އިންޑިއާގެ އެހީގައި ބެންގަލޫރުގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ ގައުމީ އެތުލީޓުންނެވެ.
ސްކޮޑުގައި ހިމެނޭ އެތުލީޓުންނަށް ބަލާއިރު، ފިރިހެން އެތުލީޓުންގެ ގޮތުގައި ތިބީ، ހަސަން ސާއިދު، ހުސައިން ރިޒާ (ކުޑަ ރިޒާ)، އަހުމަދު ނަޖުދާން އަބްދުﷲ، އިބްރާހިމް ނާހިލް ނިޒާރު، ހުސެއިން ފަޒީލް ހާރޫން (ފްލޭޝް)، ރަޝީދު، އާދަމް ރިއްފަތު އަދި ނުޖޫމް ހަސަން އެވެ.

އަންހެން އެތުލީޓުންނަކީ ހައްވާ މުޒްނާ ފާއިޒު، ޒިވާ މޫސާ ޝަފީއު، އަހްނާ ނިޒާރު، ފަސޫހާ އަހުމަދު، މަރިޔަމް އަލްހާ ހުސައިން، އައިޝަތު ސަބާ ސަލީމް އަދި އާމިނަތު ލަޔާނާ މުހައްމަދު އެވެ.
އޭޝިއާ މުބާރާތުގައި ވާދަކުރާ އެތުލީޓުންނަށް މި ލިބެނީ އަންނަ މަހު މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން ރަނގަޅު ފެންވަރު މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުސަތެވެ. އިންޑިއާގެ އިތުރުން ރާއްޖޭގެ ގައުމީ އެތުލީޓުން އަންނަނީ އޮލިމްޕިކްސް ސްކޮލަޝިޕާއި ބީއެމްއެލް ސްކޮލަޝިޕްގެ އިތުރުން ޔޫތު މިނިސްޓްރީގެ އަރުތަ ޕްރޮގްރާމްގެ ދަށުން ޖެމެއިކާގައި ޓްރެއިނިން ހަދަމުންނެވެ.











