ޕެރިސް (ޖުލައި 3) - ފްރާންސްގެ ކްލަބް، ސްޓްރޯސްބާގްގެ ކޯޗަކަށް މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސް އަށް އިރުޝާދުދިން ފްރާންސްގެ ކުރީގެ މިޑްފީލްޑަރު، ޕެޓްރިކް ވިއޭރާ ހަމަޖައްސައިފި އެވެ.
ޗެލްސީ ހިންގަމުން އަންނަ އެމެރިކާގެ މަހުޖަނު، ޓޮޑް ބޯލީގެ ބްލޫކޯ ކޮންސޯޓިއަމް އިން ދާދި ފަހުން ގަތް، ސްޓްރޯސްބާގްގެ ކޯޗަކަށް ވިއެރާ، 47، ހަަމަޖެއްސީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މީގެ ކުރިން ސްޓްރޯސްބާގަށް އިރުޝާދުދިން ފްރެޑްރިކް އަންޓޮނެއްޓީ ވަނީ މަގާމުން ދުރުވެފަ އެވެ.
ވިއެރާ ބުނީ ސްޓްރޯސްބާގަކީ ފުޓްބޯޅައިގެ ރަނގަޅު ތާރީހެއް އޮތް ފުޓްބޯޅަ ސަޕޯޓަރުން ގިނަ ސަރަހައްދަކަށް ނިސްބަތްވާ ކްލަބަކަށްވާތީވެ، ރަނގަޅު މަަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި މިހާރު ސްޓްރޯސްބާގްގައި އޮތް މެނޭޖްމަންޓާ އެކު ކާމިޔާބު މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށް ވިއެރާ ވަނީ ބުނެފަ އެެވެ.
އާސެނަލާއި އިންޓަ އާއި އޭސީ މިލާން އަދި ޔުވެންޓަސް އަށް ކުރިން ކުުޅުނު ވިއެރާ ކޯޗިން ކެރިއަރު ފެށީ 2013 ވަނަ އަހަރު މެންޗެސްޓާ ސިޓީ ރިޒާވް ޓީމުންނެެވެ. ސީނިއާ ޓީމަކަށް ވިއެރާ ފުރަތަމަ އިރުޝާދުދިނީ 2016-2018 އަށް ނިއު ޔޯކް ސިޓީ އަށެވެ. ޔޫރަޕްގައި ހެޑް ކޯޗެއްގެ ގޮތުގައި ވިއެރާގެ ފުރަތަމަ މަސައްކަތަކީ 2018-2022 އަށް ފްރާންސްގެ ނީސް އަށެވެ. އޭގެ ފަހުން، 2021 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މި އަހަރުގެ މާޗް 17 ވަނަ ދުވަހާ ހަމައަށް ވިއެރާ ހުރީ ކްރިސްޓަލް ޕެލަސްގެ ކޯޗަކަށެވެ.












