ލަންޑަން (ޖޫން 21) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ ބްރެޒިލް އަތުން ސެނެގާލް 4-2 އިން މޮޅުވެއްޖެ އެވެ.
ރޭގެ މެޗު ފަށައިގެން 11 ވަނަ މިނިޓްގައި ލޫކަސް ޕަކޭޓާ ވަނީ ބްރެޒިލަށް ލީޑުނަގައިދީފަ އެވެ. އޭގެ 10 މިނިޓް ފަހުން، ސެނެގާލްގެ ހަބީބް ޑިއާލޯ ވަނީ ގޯލެއް ޖަހައި، ނަތީޖާ ހަމަހަަމަކޮށްދީފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތް ވަނަ މިނިޓްގައި ބްރެޒިލްގެ މާކީނިއޯސް އަތުން ބައިކޮޅަށް ވަން ގޯލުން ސެނެގާލް ކުރިހޯދާފައިވަނިކޮށް، ސަޑިއޯ މާނޭ ވަނީ އެ ޓީމަށް އިތުރު ގޯލެއް ޖަހައި ލީޑުފުޅާކޮށްދީފަ އެވެ. ބްރެޒިލަށް މާކީނިއޯސްގެ ގޯލުން އުންމީދެއް ލިބުނު ނަމަވެސް އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގައި ޕެނަލްޓީ އަކުން މާނޭ ޖެހި ގޯލުން ސެނެގާލުން ބްރެޒިލްގެ މައްޗަށް ތާރީހީ ކާމިޔާބެއް ހޯދީ އެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ބްރެޒިލްގެ ކޯޗުކަމުން ޓީޓޭ ވަކިވިއިރު، އަދިވެސް އެ ޓީމުން ދާއިމީ ކޯޗެއް ހަމަޖައްސައިފައެއްނުވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ބްރެޒިލުން އަންނަނީ އެ ޓީމުގެ ކޯޗުގެ މަގާމަށް ރެއާލް މެޑްރިޑާ ހަވާލުވެހުރި، އިޓަލީގެ ކާލޯ އަންޗެލޮޓީ ގެންނަން މަސައްކަތް ކުރަމުންނެވެ.
ރޭ ކުޅުނު އެހެން ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކަށް ބަލާއިރު، ހުއާން ކުއަޑްރާޑޯ އާއި ލުއިޒް ޑިއާޒްގެ ގޯލުތަކާ އެކު ކޮލަމްބިއާ އިން ވަނީ 2-0 އިން ޖަރުމަނު ބަލިކޮށްފަ އެވެ. ކިއުބާ އަތުން 2-0 އިން އުރުގުއޭ މޮޅުވެ، އާ ކޯޗު މާސެލޯ ބިއެލްސާގެ ފެށުން ރަނގަޅުކުރިއިރު، ޗައިނާ އިން ވަނީ 2-0 އިން ފަލަސްތީނު ބަލިކޮށްފަ އެވެ.












