މާލެއިން މުދާ ގެންދާ ބޯޓުތަކުން މުދާ ނުބޭލި ދެތިން ދުވަސް ހޭދަވެ އެވެ. އެއީ ބޭނުންނުކުރާ އެތައް އުޅަނދަކުން ބަނދަރުގެ ބޮޑުބައެއް ތޮއްޖެހި ތައްބެދިފައި ވާތީ އެވެ. ފީނަން ދާ ފަތުރުވެރިން ދަތުރުކުރާ ދޯނި ކައިރި ކޮށްލާނެ ޖާގައެއް ކިރިޔާވެސް ލިބެނީ ނެރު ތޮށިކައިރިންނެވެ.
މިއީ ރާއްޖޭގެ ހަތަރު ސިޓީގެ ތެރެއިން، ގުދުރަތީގޮތުން އެންމެ ތަފާތު އަދި ވަށައިގެން މާކަނޑު އޮތް ފުވައްމުލަކުގައި 2000 ގެ ކުރީކޮޅު އެޅި ބަނދަރުގައި މިހާރު ކަންހިނގާ ގޮތެވެ. ރަށުގައި އެއާޕޯޓެއް އަޅައި، ފެނާއި ނަރުދަމާ ގާއިމުވެ، މަގުތައް ޒަމާނީ ވީއިރު، 10،000 މީހުންގެ އާބާދީ ބަރޯސާވާން ޖެހިފައި މިވަނީ ޒަމާނުން ކައްސާލާފައިވާ ބަނދަރަކަށެވެ.
ސަރުކާރަކަށްފަހު ސަރުކާރެއް އައިސް، ރަށުގެ ވެރިން ބަދަލުވި ނަމަވެސް ރައްޔިތުން އާ ބަނދަރަކަށް ކުރާ އުއްމީދަށް އަޅައިނުލެވި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ޖާގަ ނެތި، މަސް އެއްގަން ނުކުރެވި ހުރި މަސްވެރިޔާވެސް، މުދާ ނުބޭލިފަ ހުރި ވިޔަފާރިވެރިޔާވެސް، ދައްކާ ވާހަކަ ގޮސް ހުއްޓެނީ އާ ބަނދަރަކަށް އެދޭ އެދުމަށެވެ. ސިޓީއެއްގެ މަލަމަތި ފެންނަން ޖެހޭ ބިޔަ ބޮޑު ބަނދަރެއްގެ ހުވަފެނަށެވެ.
ބަނދަރުގެ ކުރިން ފުވައްމުލަކުގެ ލަފާފުރުން
ފުވައްމުލަކަށް ދަތުރުވަރެއްގައި އަރައިލިޔަސް، އެ ރަށު ވަށައިގެން އަރާ، ވަރުނުލާ ބިޔަ ރާޅުތަކުގެ އެކި ވާހަކަތައް އަޑު އިވޭނެ އެވެ. ބަނދަރު ނުހަދާ އިރު ލަފާފުރުމުގެ ތެރެއިން އެ ރާޅުތަކުގެ ޝިކާރައަކަށްވި އެތައް ބައެއްގެ ނަންތައް ވެސް ކަންފަތުގައި ޖެހިނުލާ ފުވައްމުލަކަކުން ނުފޭބޭނެ އެވެ. އެއީ އެ ޒަމާނުގައި އެ ރަށުގެ ލަފާފުރުމުގެ ބިރުވެރިކަން އޮތް މިންވަރެވެ.
އެފަދަ އެތައް ތަޖުރިބާއެއް މިރަށު މީހުން ކިޔައިދޭނެ އެވެ.
"ކޮންމެގޮތެއް ވިޔަސް މާބަނޑު އަންހެން މީހާ ސަލާމަތްކުރަން އަޅުގަނޑު އުޅެންޖެހޭ. އެއްގަމުން މީހުން އައުމުގެ ކުރިން އަހަރެމެން އަޅައިނުލާފިއްޔާ އެމީހާ ދާނީތާ ދޯ. އަހަރެމެން ހަތަރު މީހުން ތިބީ," ބިރުވެރި ހާދިސާއަކުން ފުރާނަ ސަލާމަތްވި ދޯންޏެއްގެ ކައްޕިއަކު ބުންޏެވެ.
ހަތަރު މީހުންގެ މަސައްކަތުން އެ މީހާ ގެންގޮސް ރަށު ބޭރުގައި އޮތް އިންޖީނު ދޯންޏަށް ނެގިއިރު އޭނާއަށް އޮތީ ވަރަށް ބޮޑަށް ލޮނު ބޮވިފަ އެވެ. ވިހާ ދުވަސް ކައިރިވެފައިވާ އެ މީހާއަށް ލޮނު ބޮވިގެން ގޮސް, 'އުނަގަނޑުގައި ބެއްދީމައި ފަހަތުން ގޮސް ދެ އަތް ނުޖެހޭ ވަރަށް' އޮތީ ބަނޑު ފުއްޕާފަ އެވެ.
ސިއްހީ މަރުކަޒުން އެންގި ގޮތަށް އޭނާ ބާއްވައިގެން ރަށުގެ އަނެއް ފަޅިއަށް ގެންގޮސް އެއްގަމަށް ނަގައިގެން އޭނާ އާއި ދަރިފުޅު ސަލާމަތްވީ ކިރިޔާ އެވެ.

ބަނދަރު ހެދުމުގެ ކުރިން ފުވައްމުލަކުގައި ލަފާފުރުމުގެ ހާލަތު -- ފޮޓޯ: ފައިލް
މިއީ ފުވައްމުލަކުގައި ބަނދަރު ހެދުމުގެ ކުރިން އެރަށުގެ ލަފާ ފުރުމުގެ ކަންކަން އޮންނަ ގޮތެވެ. ލަފާ ފުރުމުގެ ތެރޭގައި މިފަދަ އެތައް ހާދިސާއެއް ހިނގައިފައި އެބަ ހުއްޓެވެ. މަސްވެރިކަމަށް ނުކުތަސް, ސަލާމަތުން އަނބުރާ ރަށަށް އާދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނޯވެ އެވެ.
ފުވައްމުލަކު ރައްޔިތުންގެ އެ ހާލަތު ބަދަލުވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި 2003 ވަނަ އަހަރު އެރަށު ބަނދަރު އެޅުމުންނެވެ.
"[ފިރިމީހާ] މަހަށް ގޮސްފަ އަނބުރާ އަންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނޯވޭ. ވަރަށް ހިތްދަތިކޮށް, ހިތްހަމަނުޖެހިފައި ހުންނާނީ. އަބަދުވެސް ހުންނަނީ ކަންބޮޑުވެ, ހާސްވެފައި. ބަނދަރު ހެދީމައި ދެން އެހާ ބޮޑަކަށް ވިސްނާކަށް ނުޖެހޭ،" މަސްވެރިއެއްގެ އަނބިމީހާ އޭނާ ތަހައްމަލުކުރި ބިރުވެރިކަން ކިޔައިދިނެވެ.
ދެން ބޭނުންވަނީ ޖާގަ ތަނަވަސް ބަނދަރެއް
ފުވައްމުލަކުގެ ބަނދަރު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ބަނދަރުގެ ޖާގަ ކުޑަވުމުގެ އުނދަގޫ ފޯރަ އެވެ. މަސްވެރިންނާއި ވިޔަފާރިވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުން ވެސް މެއެވެ.
ކޮންމެ ރެޔަކުހެން ބަނދަރު ބޭނުންކުރާ މަސްވެރިއަކު ސިފަކޮށްދިން ގޮތުގައި މަސްވެރިކަމަށް ބޭނުންކުރާ 40-45 ފޫޓުގެ ކުދި ދޯނިފަހަރަށް އެއް ދޯނި ތަކުގެ ތެރެއިން ލާފައި ނުނިކުމެވިގެން އުޅެން ޖެހޭ ހާލަތަށް ބަނދަރުގެ ޖާގަ މިހާރު އޮތީ ދަތިވެފަ އެވެ.
"ރަށް އޮންނަ ތަނުގެ ގޮތުން މަސްވެރިކަން ކޮށްފައި އައިސް, އެހެން ރަށްރަށުގެ މީހުން ބޭނުންވޭ ރޭކުރަން ބަނދަރުގައި މަޑުކޮށްލަން. އެހެން 10 ވަރަކަށް ދޯނި އައިސް މަޑުކޮށްލައިފިއްޔާ ދެން ނޯވޭ ސަލާމަތެއް. އެ އޮތީ ތާށިވެފައި،" މަސްވެރިޔާ ބުންޏެވެ.

ފުވައްމުލަކު ބަނދަރުގައި ގިނަ އަދަދެއްގެ އުޅަނދުތައް އަޅާފައި; ބަނދަރުގެ ޖާގައިގެ ދަތިކަން ވަނީ ކުރިމަތިވެފައި -- ފޮޓޯ: މިރާޝް/ އަދަދު
އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ދެކޭ ގޮތުގައި ބަނދަރުގެ ދަތިކަން މިހާބޮޑަށް ކުރިމަތިވީ ރަށުގެ ވެރިންގެ ދޯދިޔާކަމުންނެވެ. ސަރުކާރުތަކަށް ކުރަންޖެހޭ ވަރަށް ޕްރެޝާކޮށް، ރަށުގެ ރައްޔިތުންގެ އެދުން ކަމާބެހޭ ވުޒާރާތަކާ ހަމައަށް ނުގެންދެވުމެވެ.
"ކަންތައް ކުރަން ބޭނުންވާ ވެރިން ތިބެގެން ކަންތައް ކުރެވޭނީ، މީހަކަށް ފަސޭހަ ވަންޏާ [ރަށުގެ ވެރިން] އެކަންތައް ހުއްޓުވާ މަންޒަރު ފެންނާނީ. މުދާ ނުބޭލިގެން އެތައް އިރެއް މަޑުކުރަން އެބަޖެހޭ، މުދާ އަރުވަން އެތައް އިރެއް މަޑުކުރަން އެބަޖެހޭ" ފުވައްމުލަކުގެ ވިޔަފާރިވެރިއެއް ބުންޏެވެ.
ފުވައްމުލަކު ބަނދަރުގެ ހާލަތު މިހާ ގޯސްވެގެން ދަނީ ބޭނުން ނުކުރާ އުޅަނދުތައް ބަނދަރުގައި އަޅާފައި ތިބޭތީ ކަމަށް ވެސް އެއްބަޔަކު ދެކެ އެވެ. ބަނދަރު ބޭނުން ނުކުރެވޭތީ ގިނަ ދުވަހު ޑައިވިން ދޯނިތަކަށް ފަތުރުވެރިން ނަގަން ގާތް ކުރަން ޖެހެނީ ބޭރު ތޮށްޓަށެވެ. ނޫނީ އެއް ދޯނިން އަނެއް ދޯނިން ގޮހެވެ.
"ބޭރު ތޮށިން ފަތުރުވެރިން އަރުވާ ބާލަން އުޅުމުގެ ތެރޭގައި ކިތަންމެ ދުވަހަކު ފަތުރުވެރިން ވެއްޓި, އަނިޔާވޭ. ބަނދަރުގައި ބޭނުން ނުކުރާ އުޅަނދުތައް ނަގާ ރަނގަޅަށް މެނޭޖްކޮށްފިނަމަ އެކަން ހައްލުކުރެވޭނެ،" ފަތުރުވެރިން ގޮވައިގެން ޑައިވިނަށް ދާ މީހަކު ބުންޏެވެ.

ފުވައްމުލަކުގައި ޑައިވިން ދޯންޏެއް އަޅައިގެން; ބަނދަރުގެ ޖާގައިގެ ދަތިކަން ވަނީ ކުރިމަތިވެފައި -- ފޮޓޯ: މިރާޝް/ އަދަދު
ފުވައްމުލަކު މޭޔަރު އިސްމާއީލް ރަފީގު ވެސް ފާހަގަކުރެއްވި ގޮތުގައި, ބޭނުން ނުކުރާ އުޅަނދުތަކުގެ މައްސަލައަކީ އެ ކައުންސިލުން ހަވާލުވިއިރު އެންމެ ބޮޑު އެއް ޝަކުވާ އެވެ.
"އެކަމާ ގުޅިގެން އޭރު ބަނދަރު ބެލެހެއްޓުމަށް ހަދާފައި އޮތް އުސޫލު ބަދަލުކޮށް، އެ އުސޫލުގެ ތެރެއިން އުޅަނދުތައް ނެގުމާއި ގަވައިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާ މިކަންތައް ކުރިއަށް ގެންދެވޭނެ ގޮތަކަށް އިސްލާހު ކުރިން،" މޭޔަރު ވިދާޅުވި އެވެ.
އުސޫލު އިސްލާހު ކުރުމަށްފަހު ކައުންސިލުން ބެލީ ދުވަސްވީ އުޅަނދުތައް ބަނދަރުން ނަގައި އެއްގަމަށް އެހެލުމަށެވެ. ނަމަވެސް އެއްގަމުގައި ވެސް ޖާގައިގެ ދަތިކަން ހުރުމާއެކު ކައުންސިލުން ދެން ބެލީ އެ އުޅަނދުތައް ބޭރުތޮށްޓަށް ބަދަލު ކުރުމަށެވެ.
މޭޔަރު ވިދާޅުވި ގޮތުގައި އުޅަނދުތައް ނަގަމުންދަނީ ބަނދަރުގެ ޑިމާންޑު ބޮޑު ސަރަހައްދުތަކަށް އިސްކަންދީގެން ކަމަށެވެ.
މޭޔަރު އިސްމާއީލް ގަބޫލުކުރައްވާ ގޮތުގައި, އުޅަނދުތައް ބޭރުތޮށްޓަށް ބަދަލުކުރިޔަސް ދޭތެރެއަކުން ބަނދަރުގެ ޖާގައިގެ ދަތިކަން ދިމާވާނެ އެވެ. ސަބަބަކީ ޑައިވް ސްކޫލުތަކުން ވެސް އިތުރު ދޯނިތައް ގެނައުމާއި, ރަށުގެ ތަރައްގީއަށް ބޭނުންވާ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް މުދާ އުފުލާ ގިނަ ދޯނިތައް ވެސް އަންނަމުން ދިއުމެވެ.
"މިހާރުން މިހާރަށް ވެސް ބަނދަރުގެ ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ވެސް ބޮޑުކުރަން އެ ބޭނުންވާ ސަރަހައްދު، އެކަމަށް ބޭނުންވާ ސާވޭ ކުރަން އެބަޖެހޭ. އެކަންތައް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު މިނިސްޓްރީން ކުރިއަށް އެބަދޭ," މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, ސާވޭގެ ބޭނުމަކީ އޭގެ ތެރެއިން އަދި ދުރުރާސްތާގައި ވެސް [ބަނދަރުގެ ޖާގައިގެ މައްސަލައަށް] ހައްލު ހޯދަން ހުރި ގޮތްތައް ބަލާފައި މަޝްވަރާއަށްފަހު އެންމެ އެކަށީގެންވާ ގޮތެއް ނިންމުން ކަމަށެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް އެ މައްސަލައަށް ހައްލު ހޯދަން މަސައްކަތް ފަށާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ފުވައްމުލައް ބަންދަރު ސަރަހައްދު; ބަނދަރުގެ ޖާގައިގެ ދަތިކަން ވަނީ ކުރިމަތިވެފައި -- ފޮޓޯ: މިރާޝް/ އަދަދު
ހަގީގަތަކީ ފުވައްމުލަކުގައި މީގެ 20 ވަރަކަށް އަހަރު ކުރިން އެޅީ، އެހާރަށް ޖާގަ ތަނަވަސް އަދި އެ ޒަމާނުގެ އެންމެ ފުރިހަމަ ބަނދަރެއް ކަމެވެެ. ނަމަވެސް ރަށް ސިޓީއަކަށް ބަދަލުވެ، ރަށުގެ އުފެއްދުންތެރިކަމާއި ރައްޔިތުންގެ ބޭނުންތައް އެތައް ގުނައަކުން ކުރިއަރައި، ފަތުރުވެރިކަމާއި ދަނޑުވެރިކަން އިހުނަށްވުރެ ބޮޑުތަނުން ކުރިއެރި އިރުވެސް އޮތީ އެ ބަނދަރު ކަމެވެ. އޭރު އުނދަގުލެއް ނެތި މުދާ ބާލާ އެރުވި ބޯޓުތައް މިއަދު ޖެޓީއާ ކައިރި ނުވެ ދެތިން ދުވަސް އޮންނަން ޖެހެ އެވެ. ކުދި ދޯނިތަކާއި ބޮއްކުރާތައް ވަނީ ބަނދަރުގެ ބޮޑުބައެއްގައި ބަނޑަހަ ޖަހާފަ އެވެ.
އެ ރަށެއްގެ ބިޔަ ރާޅުތަކުގެ ތެރެއަށް އެތަކެއް ފުރާނައެއް ދޫވި ފުވައްމުލަކު ރައްޔިތުންގެ އެ ބިރުވެރިކަން ފަނޑުކޮށްދިން 2000 ގެ ބަނދަރު މިހާރު އަނެއްކާވެސް އެ ރަށު ރައްޔިތުންނަށް ވަނީ ތަކުލީފަކަށްވެފަ އެވެ.
ވިޔަފާރިއާއި އިގުތިސާދު ކުރިއަރައި، ޓޫރިޒަމާއި ކޮންސްޓްރަކްޝަން އެންމެ މަތީ ގިޔަރުގައި ކުރިއަރުވަން ފުވައްމުލަކުގައި އޮތް އެންމެ ބޮޑު ހުރަކަކީ ބަނދަރުގެ ޖާގައިގެ ދަތިކަމެވެ. ޓޫރިސްޓުންނަށް އެކަށީގެންވާ ހިދުމަތެއް ދޭން އުޅުނަސް އެކަމަށް ހުރަސް އެޅެނީ ބަނދަރުގެ ދަތިކަމުންނެވެ. އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ރަށަށް ގެނައުން ލަސްވަނީ ވެސް އެކަމާ ހެދީ އެވެ.
އެ ހުރިހާ ކަމެއްގެ ހައްލަކީވެސް ރަށް ތަރައްގީވެފައިވާ މިންވަރާއި އެއްވަރުގެ ޒަމާނީ ބަނދަރެކެވެ. ފުވައްމުލަކުގެ ވެރިންނާއި، ދަނޑުވެރިން، މަސްވެރިންނާއި ފަތުރުވެރިން ގޮވައިގެން ފީނަން ފައިބާ ޑައިވަރުވެސް ތިބީ ދަތިތަކެއް ނެތި ބަނދަރު ބޭނުންކޮށްލެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.












