އުރީދޫއަށް 18 އަހަރު ފުރުމާ ގުޅުވައިގެން މިއަހަރުގެ އުރީދޫ މަސްރޭސް ތަފާތުކޮށް ރާއްޖޭގެ ހަތަރު ސިޓީއެއްގައި ބޭއްވުމަށް ނިންމައި އިއުލާނުކޮށްފި އެވެ.
މިފަހަރުގެ މަސް ރޭހުގައި ކޮންމެ ސަރަހައްދަކުން ވެސް އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. ވަނަވަނައަށް ދާ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޖުމުލަ 75،000ރ. ގެ އިނާމު އުރީދޫއިން ހުށަހަޅާފައިވެ އެވެ.
މީގެ 12 އަހަރު ކުރިން ފެށިގެން މެދުކެނޑުމެއް ނެތި ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އުރީދޫ މަސްރޭހަކީ ރާއްޖޭގައި ބާއްވާ އެފަދަ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބޭ މަސް ރޭހެވެ. މިހާތަނަށް ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ކުރިއަށް ގެންދަމުން އައި މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އުރީދޫއަށް 18 އަހަރު ފުރޭ، އޯގަސްޓު މަހު އެވެ. މިފަހަރުގެ މަސްރޭސް ކުރިއަށް ގެންދާނީ ފިޝަރީޒް މިނިސްޓަރީއާ ގުޅިގެންނެވެ.
މާލޭގެ އިތުރުން ކުުދުއްފުށި ސިޓީއާއި ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިއަހަރުގެ މަސްރޭސް އިއުލާނުކޮށް، މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ ވެސް ކަނޑުމަތީގައި އޮތް މަސް ދޯންޏެއްގަ އެވެ. އުރީދޫ މަސްރޭހުގައި ބައިވެރިވެވޭނީ އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށެވެ. އުރީދޫ މަސްރޭހުގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓުތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން ވަނީ ދައުވަތުދީފަ އެވެ.
މަސްރޭހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރުން ފެށިގެން އަންނަ ޖުލައި މަހުގެ 1 ދުވަހުގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެ އެވެ. ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު ޓީމުގެ ބައިވެރިންނަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެ އެވެ. މަސްރޭސް ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީ އާއި ޓީޝާޓެވެ. މަސްރޭސް ކިޓުގެ އަގަކީ 150ރ. އެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ކެޕްޓަކާއި އޮފިޝަލުން ހިމެނޭހެން ޖުމުލަ 12 މެމްބަރުން ތިބެންވާނެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހާލިދު އަލް ހަމާދީ ވިދާޅުވީ، ރާއްޖޭގެ ހަތަު ސަރަހައްދެއްގައި މިފަހަރުގެ މަސްރޭސް ކުރިއަށް ގެންދިއުމަށް ނިންމީ މަސްރޭހުގެ ފޯރިއާއި އުފާވެރިކަމުގައި އިތުރު ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
"މުޖުތަމައުތަކުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މަސްވެރިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށްވެސް ދައުވަތު އަރުވަން." ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު، ޑރ. ހުސެން ރަޝީދު ވިދާޅުވީ، މަސްރޭހުގެ ޕާތުނަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު އުފަލެއް ކަމަށާއި އަމާޒަކީ ދިވެހިންގެ އާދަކާދަތައް ދަމަހައްޓަން މުޖުތަމައުތައް ބައިވެރިކުރުވައި އަންނަން އޮތް ޖީލުތަކަށް ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ހޭލުންތެރި ކުރުން ކަމަށެވެ.
"މަސްރޭހަކީ މުބާރާތެއްގެ އިތުރުން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ، މަސްވެރިކަމުގެ ސަޤާފަތް ދައްކުވައިދޭ ހަރަކާތެއްވެސްމެ. މަސްރޭސް އިންތިޒާމުކޮށް، އަޅުގަނޑުމެންގެ ސަގާފީ ތަރިކަ ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުން ގެންދާ މަސައްކަތަށް މި ފުރުސަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވި އެވެ.
އުރީދޫ މަސްރޭސް 2023 ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ސިޓީއެއްގައިވެސް ތިރީގައިމިވާ ތާރީހުތަކުގަ އެވެ.
- މާލެ ސިޓީ: 4 އޮގަސްޓް، 2023
- ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓް، 2023
- އައްޑޫ ސިޓީ: 18 އޮގަސްޓް، 2023
- ފުވައްމުލައް ސިޓީ: 25 އޮގަސްޓް، 2023
އުރީދޫ މަސްރޭސް 2023 ގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު ބައިވެރިވާން ޖެހޭނެ އެވެ. ގިނަވެގެން ވާދަ ކުރެވޭނީ ކޮންމެ ސިޓީއަކުން ވެސް 30 ޓީމަށެވެ. 30 ޓީމަށް ވުރެ ގިނައިން ރެޖިސްޓާ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވާނީ ގުރުއަތުންނެވެ. ގުރުއަތުން ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ އެވެ.
މުބާރާތުގެ ވަނަވަނައަށް އުރީދޫއިން ހުށަހަޅާފައި ވާ އިނާމުތަކަކީ:
- އެއްވަނަ ޓީމަށް 25،000 ރުފިޔާ
- ދެ ވަނަ ޓީމަށް 10،000 ރުފިޔާ
- ތިން ވަނަ ޓީމަށް 5000 ރުފިޔާ
- އެންމެ މޮޅު ފިރިހެން މަސްވެރިޔާއަށް 1000 ރުފިޔާ
- އެންމެ މޮޅު އަންހެން މަސްވެރިޔާއަށް 1000 ރުފިޔާ










