މިއަދު އިންޑިއާގެ ބުބަނޭޝްވަރުގައި ފެށި އެ ގައުމުގެ 62 ވަނަ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެނުންގެ 400 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ އަރަމުން އަންނަ ދުވުންތެރިޔާ، ޒިވާ މޫސާ ޝަފީއު ގައުމީ ޖޫނިއާ ރެކޯޑް މުގުރާލައިފި އެވެ.
އެ ގޮތުން އިވެންޓްގެ ހަތަރު ވަނަ ހީޓުގައި ދުވެ، ހަތް ވަނައިގައި ރޭސް ނިންމި ޒިވާގެ ޓައިމިން އަކީ 58.86 ސިކުންތެވެ. މިއީ ރާއްޖޭގެ އަންހެނުންގެ 400 މީޓަރު ވުމުގެ ޖޫނިއާ ގައުމީ ރެކޯޑެވެ. މީގެ ކުރިން މި ރެކޯޑް އޮތީ، 2019 ވަނަ އަހަރުގެ އޭޝިއާގެ ޔޫތު ޗެމްޕިއަންޝިޕްގެ 400 މީޓަރު ދުވުމުގައި ވާދަކުރި އައިޝަތު ހިމްނާ ހަަސަން އަތުގަ އެވެ. ހިމްނާ އެ ފަހަރު ރެކޯޑް ހެދީ 59.18 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ދާދި ފަހުން، އިންޑިއަން ގްރޯން ޕްރީގެ ތިން ވަނަ މުބާރާތުގައި ވާދަކޮށް ޒިވާ ވަނީ ބްރޮންޒް މެޑަލެއް ހޯދައިފަ އެވެ. އެއީ، އަންހެނުންގެ 200 މީޓަރު ދުވުމުންނެވެ. ޒިވާ ރޭސް ނިންމީ 26.84 ސިކުންތުންނެވެ. ޒިވާއަށްވުރެ ބާރަށް ދުވެ ރޭހުން އެއް ވަނަ ހޯދީ 23.77 ސިކުންތުން ރޭސް ނިންމި އިންޑިއާގެ ގައުމީ ޓީމުގެ އެއް ވަނަ ސްޕްރިންޓަރު އައްސާމްގެ ހިމާ ދާސް އެވެ. ދެ ވަނަ އަށް ދިޔައީ 24.88 ސިކުންތުން ދުވި ކަރްނާޓަކާގެ ޖޯތިކާ އެވެ.
މިއަދު ބޭއްވި އިންޑިއާގެ އިންޓަ ސްޓޭޓް މުބާރާތުގައި ރާއްޖޭގެ ހަސަން ސާއިދު އާއި ހުސެއިން ރިޒާ ވަނީ މިހާތަނަށް ވާދަކޮށްފަ އެވެ. އެ ގޮތުން، ސާއިދު ވަނީ 100 މީޓަރު ދުވުމުގެ ރޭސް 10.70 ސިކުންތުން ނިންމައި، ހީޓުގެ ތިން ވަނަ ހޯދައިފަ އެެވެ. އަދި 800 މީޓަރު ދުވުމުގެ ހީޓު ތިނެއްގައި ވާދަކޮށް ރިޒާ، ރޭސް ނިންމީ 1 މިނިޓް 55.77 ސިކުންތުންނެވެ.
އިންޑިއާ ސްޓޭޓް މުބާރާތުގައި ވާދަކުރަމުން އަންނަނީ ބެންގަލޫރުގައި ޓްރެއިނިން ހަަދަމުން އަންނަ ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިންނެވެ. އެ ގޮތުން، އަހުމަދު ނަޖުދާން އަބްދުﷲ އާއި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) ވެސް އެ އެތުލީޓެއް ހާއްސަކޮށް ޓްރެއިނިން ހަދަމުން އަންނަ އިވެންޓްގައި ވާދަކުރާނެ އެވެ.











