މި މަހުގެ 15-18 އަށް އިންޑިއާގެ ބުބަނޭޝްވަރުގައި ކުރިއަށްދާ އިންޑިއާގެ 62 ވަނަ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަން ރާއްޖޭގެ ދުވުންތެރިންގެ ޓީމެއް ފޮނުވަން އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފި އެވެ.
މާދަމާ ފަށާ މުބާރާތުގައި ރާއްޖެއިން ވާދަކުރާ ދުވުންތެރިންނަކީ ހަސަން ސާއިދު، އަހުމަދު ނަޖުދާން އަބްދުﷲ، ހުސެއިން ރިޒާ، ހުސެއިން ފަޒީލް ހާރޫން، އަދި ޒިވާ މޫސާ ޝަފީއު އެވެ.
އިންޑިއާގެ 62 ވަނަ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަން ހޮވި ފަސް ދުވުންތެރިންނަކީވެސް އަންނަ އޮގަސްޓް މަހު މަޑަގަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ތައްޔާރުވަމުން އަންނަ އެތުލެޓިކްސް ސްކޮޑުގައި ހިމެނޭ ދުވުންތެރިންނެވެ.
ރާއްޖޭގެ ގައުމީ އެތުލެޓިކްސް ސްކޮޑުގައި ހިމެނޭ ގިނަ ދުވުންތެރިން މިވަގުތު ތަމްރީން ހަދަމުން އަންނަނީ ރާއްޖެއިން ބޭރުގަ އެވެ. މިގޮތުން ހަތަރު ދުވުންތެރިއަކު ޖެމެއިކާގައި ތަމްރީން ހަދަމުން އަންނައިރު، އިންޑިއާގެ ބެންގަލޫރުގައިވެސް ގިނަ ދުވުންތެރިންތަކެއް އަންނަނީ ތަމްރީން ހަދަމުންނެވެ.
މީގެ ކުރިންވެސް އިންޑިއާގެ ސްޓޭޓް މުބާރާތްތަކުގެ އިތުރުން އިންޑިއާގެ ގައުމީ ފެންވަރުގެ އެކި މުބާރާތްތަކުގައި ދިވެހި އެތުލީޓުން އަންނަނީ ވާދަކުރަމުންނެވެ. މިގޮތުން މިއަހަރުވެސް އިންޑިއަން ގްރޯން ޕްރީގައި ރާއްޖޭގެ އެތުލީޓުން ވާދަކުރި އެވެ. ހަތަރު ގްރޯން ޕްރީގައިވެސް ވާދަކޮށް ކާމިޔާބު ދުވުންތެރިޔާ ހަސަން ސާއިދު ފަސް މެޑަލް ހޯދި އެވެ. މީގެ އިތުރުން ކުރިއަރަމުން އަންނަ ޒުވާން ތަރި ޒިވާ މޫސާ ޝަފީއުވެސް މެޑައްޔެއް ހޯދި އެވެ.
އިންޑިއާގެ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދުވުންތެރިން ދާދި ފަހުން އިއުލާންކުރިއިރު، އޮގަސްޓް މަހުގެ ކުރީކޮޅު ޓްރިނިޑާޑް އެންޑް ޓޮބޭގޯގައި އޮންނަ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަކުރާ ދުވުންތެރިންވެސް ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ.
މިގޮތުން މި ގޭމްސްގައި ރާއްޖޭގެ ތިން ޒުވާން ދުވުންތެރިން ވާދަކުރާނެ އެވެ. އެއީ އަންހެން ޖޫނިއާ ރެކޯޑު ހޯލްޑަރު އަހުނާ ނިޒާރު އާއި ފިރިހެން ދެ ދުވުންތެރިންކަމަށްވާ އިބްރާހިމް ނާހިލް ނިޒާރު އަދި ޒުއިޒް މުހައްމަދު ސުއާދު އެވެ.
އަހުނާ، ނާހިލް އަދި ޒުއިޒް ވަނީ މިދިޔަ މަހު ނިމުނު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައިވެސް ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދާފަ އެވެ.











