ސިޔާސީ މީހާގެ ގަޔަށް، ސަރުކާރުގެ އޮފީހެއްގެ އިމާރާތަށް ނުވަތަ ސިޔާސީ ހަރަކާތެއްގެ ތެރެއަށް ކަޅުތެޔޮޖެހުމަކީ ދެހާހުގެ އަހަރުތަކަށް ފެށިގަތްއިރު މި ތައާރަފުވި ޑިމޮކްރެސީއާއި ސިޔާސީ ކުޅިވަރު ހިނގައިގަތީއްސުރެ ރާއްޖޭގައި ހިނގަމުންދާ ކަމެކެވެ.
އެއީ ހަމައެކަނި ޖިސްމާނީ ގެއްލުމެއް ދިނުމުގެ އިތުރުން އޭގެ ފަހަތުގައި ފޮރުވިފައިވާ އެހެން މެސެޖެއް ވެސް ދިނުމުގެ ބޭނުމުގައި ކުރާ ކަމެކެވެ. ބައެއް ފަހަރު އެއީ ސިޔާސީ މަސައްކަތްތައް ހުއްޓާލުމަށް ދޭ އިންޒާރެކެވެ. އަދި ބައެއް ފަހަރު ކަޅުތެޔޮ ޖަހަނީ އެއް ނޫނެވެ. ޖަހުވަނީ އެވެ. އެއީވެސް ރާއްޖޭގެ ސިޔާސީންގެ މެދުގައި އެންމެ މަތީ ދަރަޖައިގެ ސިޔާސީ އުކުޅެކެވެ.
ސިޔާސީ މަސައްކަތް ކުރާ ބަޔަކަށް އެފަދަ ހަމަލާއެއް އަމާޒުވުން ވެފައި އޮންނަނީ، އެ ހަމަލާ އަމާޒުވާ ބަޔަކަށް ނުހަނު ހަމްދަރުދީ ލިބޭ ކަމަކަށެވެ. އެފަދަ ހަމަލާއެއް އަމާޒުވީމާ، އެމަސައްކަތުގައި އުޅޭ މީހުންނާއި، ސަޕޯޓަރުންގެ ހިއްވަރު އާލާވުން ނޫން ނަތީޖާއެއް ނުނުކުމެ އެވެ. ޖަހާލާ ކަޅުތެޔޮ ކޮތަޅެއްގެ ސިޔާސީ މަންފާ އަބަދުވެސް ލިބެނީ ހަމަލާ އަމާޒުވާ މީހާއަށެވެ. އެއީ 'ކަޅުތެޔޮ ޖެހިޔަސް ފަހަތަކަށް ނުޖެއްސޭނެ' ކަމަށް އަޑުހަރުކޮށް ބުނެ ސަޕޯޓަރުން ކައްކުވާލަން ލިބޭ ރަނުގެ ފުރުސަތަކަށް އޮންނަނީ ވެފަ އެވެ.
ކަޅުތެޔޮ ޖެހުމުގެ ބޮޑު ތާރީހެއް
ގިނަ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ވެއްޓެއް ރާއްޖޭގައި އުފަން ކުރަން އުޅުނު ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ވަރަށް ގިނަ ސިޔާސީ ބޭފުޅުންގެ ގަޔަށް ނުވަތަ މުދަލަށް ކަޅުތެޔޮ ޖަހައިފި އެވެ.
ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ދެ ބޭފުޅުންނެވެ. ސީދާ އެ ދެ ބޭފުޅުންގެ ހަށިކޮޅަށް ކަޅުތެޔޮ އަމާޒުވެފައި ނެތް ނަމަވެސް އެ ދެ ބޭފުޅުންގެ ގެކޮޅަށް ވެސް މީގެ ކުރިން ވަނީ ކަޅުތެޔޮ ޖަހައިފަ އެވެ.
ނަމަވެސް، މިދިޔަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަނިކޮށް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ކަޅުތެޔޮ ޖަހާފައިވެ އެވެ.
ކަޅުތެޔޮ އަމާޒުވި ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި ސުޕްރީމް ކޯޓާއި އެކިއެކި ޕާޓީތަކުގެ ޖަގަހަތައް ހިމެނެ އެވެ. އަދި ރަށު ކައުންސިލްތަކުގެ އޮފީސް އިމާރާތްތަކަށް ވެސް ކަޅުތެޔޮ ޖަހާފައި އެބަހުއްޓެވެ.
ކަޅުތެޔޮ ޖެހުމުގެ ބައެއް ފާހަގަކޮށްލެވޭ ހާދިސާތައް
- ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވި ގ. ދޫވެހި (ޖުލައި 12، 2010)
- ސުޕްރީމް ކޯޓު (އޮކްޓޯބަރު 19، 2010)
- ސާކް ސަމިޓާ ދިމާކޮށް އައްޑޫގައި ބެހެއްޓި ސްރީ ލަންކާގެ މޮނިއުމެންޓް (ނޮވެމްބަރު 16، 2011)
- ހދ. ކުޅުދުއްފުށީގައި ރާއްޖެ ޓީވީ ބަލަން ބަލަހައްޓާފައި ހުރި ސްކްރީން (ސެޕްޓެމްބަރު 28، 2012)
- ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދިރިއުޅުއްވި ގެ (މެއި 13، 2012)
- ޖުމްހޫރީ ޕާޓީގެ ގަލޮޅު ޖަގަހަ (ޖުލައި 17، 2013)
- ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވި ކ. ކެނެރީގެ (ސެޕްޓެމްބަރު 25، 2014)
- ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ކެމްޕެއިން ޖަގަހަ (މާޗް 20، 2014)
- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (ޑިސެމްބަރު 14، 2014)
- ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި އޭނާގެ ކާރު (ޑިސެމްބަރު 14، 2014)
- އެމްޑީޕީގެ އެއްވުން ތެރެއަށް (މާޗް 17، 2015)
- ރައީސް އަބްދުﷲ ޔާމީންގެ ބިލްބޯޑެއް (ސެޕްޓެމްބަރު 6، 2016)
- ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީސް، ހ. ތެމާ (ނޮވެމްބަރު 3، 2016)
- މުޒާހަރާ ކޮންޓްރޯލް ކުރަން ނިކުތް ފުލުހުންގެ ގަޔަށް (މާޗް 14، 2018)
- ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް (ޖުލައި 10، 2018)
- ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ ގެއަށް (އޯގަސްޓު 26، 2018)
މިއިން ކޮންމެ ހަމަލާއެއްގައި ވެސް ހަމަލާ އަމާޒުވާ މީހާ ނުވަތަ ޕާޓީގެ ތުހުމަތު އަމާޒުވަނީ އެޕާޓީއާ އެންމެ ވާދަވެރި ޕާޓީއަށެވެ. ހަމަ އެގޮތަށް، ވާދަވެރި ޕާޓީއިން ތުހުމަތު ކުރަނީ މިއީ ހަމަލާ އަމާޒުވި ޕާޓީއިން ނުވަތަ މީހާ ހަމްދަރުދީ ހޯދުމަށް އަމިއްލައަށް ކުރުވި ކަމެއް ކަމަށެވެ.
ފިއްލެޔޮ ޖެހުމުގެ ތާރީހު
ގަރުދިޔަ ރިހާކުރު ކައްކާއިރު މައްޗަށް އަރާ ގަރު ނުވަތަ ފޮނަކީ ދިވެހިން އެތައް ގޮތަކަށް ބޭނުން ކުރާ އެއްޗެކެވެ. މައިގަނޑު ގޮތެއްގެ ފިއްލެޔޮ ބޭނުން ކުރީ އޮޑީގައި އުނގުޅާށެވެ. އެކަމަކު، ގަދަ ވަހެއް ހުންނަ ފިއްލެޔޮ، އަނެކާ ދެރަކޮށްލުމަށާއި ސިޔާސީ މެސެޖު ދިނުމަށް ޒަމާނުއްސުރެ އަހަރުމެން ބޭނުން ކުރި އެވެ.
އަތޮޅުވެރިންނާއި ކަތީބުންނާއި ދައުލަތުގެ އެކި އިސް މަގާމުތަކުގައި ތިބި މީހުނާއި އާންމުންގެ ގަޔަށް ވެސް ކަޅުތެޔޮ ނުވަތަ ފިއްލެޔޮ ކޮތަޅެއް އަމާޒުވުމަކީ ވެފައި ހުރި ކަންކަމެވެ. ވެރިންނަށް އެފަދަ ހަމަލާއެއް އަމާޒުކޮށްލުމަކީ ދައްކަން އުޅޭ ވާހަކައަށް ސަމާލުކަން ލިބޭ ކަމެކެވެ. ގިނަ ފަހަރު އަދަބު ވެސް ލިބޭ ކަމެކެވެ.
މާ ދުރު ނޫން ފަހުގެ ތާރީހުގައި ހިނގާފައި ހުރި އެފަދަ ހާދިސާތަކަށް ބަލާއިރު ކުރީގެ ރައީސް އިބްރާހިމް ނާސިރު ވެރިކަމުން ފައިބައިވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ މިނިސްޓަރުކަން ކުރެއްވި ބައެއް ބޭފުޅުންނާއި ގާތް މީހުން ދެރަކޮށްލުމަށް ދަށް ފެންވަރުގެ ކަންތައް ވެސް ކޮށްފައި އެބަ ހުއްޓެވެ.
"ރައީސް ނާސިރު ވެރިކަމުން ވަޑައިގެންނެވި ފަހުން އެއިރު މިނިސްޓަރުކަން ކުރެއްވި ބައެއް ބޭފުޅުންނާއި އެހެން ގޮސް ބައެއް ވެރިންގެ ގޭގޭގަ ގުއި އުނގުޅާ، ގުއި ތަފާލި ޖަހާފައި ވެސް އެބަހުރި،" ދިވެހި ތާރީހު ދިރާސާ ކުރައްވާ އަލާ ދީދީ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ނަމަވެސް އޭގެ ވެސް ކުރިއަށް އިހުޒަމާނަށް ބަލާއިރު ވެރިންނަށް ޖިސްމާނީ އެއްވެސް ގެއްލުމެއް ދިނުމަކީ ދިވެހިންގެ އާދައެއް ނޫނެވެ. ތަޖުރިބާކާރުން ބުނަނީ އެއިރު ނުރުހިގެން ހަދަނީ ޅެން، ރައިވަރު ކަމަށެވެ.
"ހަޅޭއްލަވައި، ރައިވަރު ހަދާ އެކަހަލަ ކަންތައް ކުރިން ކުރީ. ނޫނީވިއްޔާ މަލާމާތުގެ ލަވަ ހަދާފާނެ،" ރަސްރަސްކަލުންގެ ޒަމާނުގައި ފާޑުކިޔުން އަމާޒުވި ގޮތް ކިޔައިދެއްވަމުން އަލާ ވިދާޅުވި އެވެ.
ޒަމާނާއެކު އިހަށް ބޭނުންކުރި ފިއްލެޔޮ، ކަޅުތެލަށް ބަދަލުވެއްޖެ އެވެ. ބަދަލުނުވަނީ އެ 'ހަތިޔާރު' ބޭނުންކުރާ ސަބަބާއި، ސިޔާސީންގެ އުކުޅުތަކެވެ. ހުޅުވިފައިވާ ސިޔާސީ މާހައުލަކަށް ރާއްޖެ ފަރިވިތާ ހިނގަމުން މިދަނީ ވީހުގެ އަހަރުތަކެވެ. އެއްކަހަލަ މަންޒަރުތަކާއި، އެއްކަހަލަ އަޑުތަކާއި، ދާދި އެއްކަހަލަ ސިޔާސީ އުކުޅުތަކަށް ދިވެހިން ފަރިތަވެއްޖެ އެވެ. ދައްކާ މަންޒަރުގެ ފްރޭމުގެ ބޭރުން، ބޮޑު މަންޒަރު ބަލަންވެސް ދިވެހިން ދަނެ އެވެ.
އިންޖީނަށް އަޅާ އަޑީތެޔޮ ބާވެ، ކަޅުތެލަށްވުމުން، އެއިން ސިޔާސީން ހިފާ ބޭނުމަކީ މިހާރުގެ ސިޔާސީ މާހައުލަށް ދިވެހިން ފަރިތަވެފައިވާ މިންވަރަށް ބަލާއިރު ސިޔާސީ އަސަރެއް ހުރި ކުޅިއަކަށް ނުވާނެ އެވެ. ބަޔަކު ކަޅުތެޔޮ ޖަހައިގެން ހުއްޓުވުނު ސިޔާސީ ހަރަކާތެއް، ނުވަތަ ސިޔާސީ މީހަކުވެސް ނެތްކަމާއި، ކަޅުތެޔޮ ކޮތަޅުގެ ނަތީޖާ ނުކުންނަނީ، އަދި ނެރެވެނީ ކޮން ގޮތަކަށްކަން ވެސް ދިވެހިން ދަނެ އެވެ. ކަޅުތެލުން ދޭ މެސެޖާއި ލިބޭ މެސެޖު ތަރުޖަމާ ކުރަން އެ މަންޒަރު ބަލަން ތިބޭ އާންމު ރައްޔިތުންނަށް ފިސާރި ރަނގަޅަށް އެނގެ އެވެ.












