އިންޑިއާގެ އާބާދީގެ 101 މިލިއަން މީހުން ނުވަތަ 11.4 ޕަސެންޓަށް ހަކުރު ބަލި ޖެހިފައިވާ ކަމަށް ލޭންސެޓްގައި ޝާއިއުކުރި އާ ދިރާސާއަކުން ދައްކައިފި އެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ކޮމިޝަން ކުރި ދިރާސާއިން އިތުރަށް އެނގުނު ގޮތުގައި އާބާދީގެ 136 މިލިއަން ނުވަތަ 15.6 ޕަސެންޓު އުޅެނީ "ޕްރީ ޑަޔަބެޓީޒް" ނުވަތަ ހަކުރު ބަލި ޖެހުމުގެ މަގުމަތީގަ އެވެ.
އެންމެ ގިނަ މީހުންނަށް ކުރިމަތިވެފައި ވަނީ ހަކުރު ބަލީގެ ޓައިޕް ޓޫ އެވެ.

ހަށިގަނޑުގައި ދައުރުވާ ލޭގައި ހަކުރުގެ މިންވަރު މަތިވަނީ އިންސިއުލިން ހޯމޯން ބޭނުންވާ ވަރަށް ހަށިގަނޑުގައި އުފެއްދެމުން ނުދާތީ އެވެ.
އާ ދިރާސާ ޝާއިއުކުރީ ދަ ލޭންސެޓް ޑަޔަބެޓީޒް އެންޑް އެންޑޯކްރިނޮލޮޖީ ޖާނަލްގަ އެވެ. މިއީ އިންޑިއާގައި ހަކުރު ބައްޔާ ގުޅޭ ގޮތުން ހެދި އެންމެ ބޮޑު ދިރާސާ އެވެ.
އޭގެން އެނގުނު ގޮތުގައި އިންޑިއާގައި ހަކުރު ބަލި އޮތީ ކުރިން އަންދާޒާ ކުރި ވަރަށް ވުރެ މާ ބޮޑަށެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އަންދާޒާއަށް ވުރެ އަސްލު ހާލަތު ގޯހެވެ.
"މިއީ ގޮވަން ކައިރިވެފައި އޮތް ބޮމެއް. ޕްރީ ޑަޔަބެޓީޒް މީހަކު ހަކުރު ބައްޔަށް ބަދަލުވާނީ ވަރަށް އަވަހަށް. ޕްރީ ޑަޔަބެޓީޒްގެ ގޮތުގައި ތިބި 60 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް ކުރިއަށް އޮތް ފަސް އަަހަރު ތެރޭގައި ހަކުރު ބަލި ޖެހޭނެ،" ދިރާސާގައި އިސްކޮށް އުޅުނު ޑރ. އާރްއެމް އަންޖަނާ އިންޑިއަން އެކްސްޕްރެސް ނޫހަށް ވިދާޅުވި އެވެ.
އާ ދިރާސާ މެދުނުކެނޑި 10 އަހަރު ވަންދެން ކުރިއަށް ގެންދިޔައީ މަދްރާސް ޑަޔަބެޓީސް ރިސާޒް ފައުންޑޭޝަނާއި އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް ގުޅިގެންނެވެ. އެ ދިރާސާގައި އިންޑިއާގެ ހުރިހާ ސްޓޭޓަކުން އުމުރުން 20 އަހަރުން މަތީގެ 113،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.










