މީޑިއާނެޓު އަދި އައިސް ނެޓްވޯކް މެދުވެރިކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ ހާއްސަ މުބާރާތްތަކުގެ ކަވަރޭޖު ގެނެސްދިނުމަށް "ބޯޅަ ފިއެސްޓާ" ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ލޯންޗުކޮށްފި އެވެ.
އެގޮތުން, ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ މަގްބޫލު ފުޓްސެލް މުބާރާތްކަމުގައިވާ ކަމުގައިވާ ކްލަބް މޯލްޑިވްސް ކަޕުގެ ލައިވް ކަވަރޭޖު ގެނެސްދިނުމަށް ވަނީ ސޮއިކޮށްފަ އެވެ. މި މުބާރާތުގެ ކަވަރޭޖު ލޯންޗު ކޮށްދިނީ ރާއްޖޭގެ މަގުބޫލު ފުޓްސަލް ތަރިން ކަމަށްވާ އަޔާޒް އަހުމަދު (އަޔާ) އަދި މަރިޔަމް މިރުފަތު އެވެ.
ޖުލައި 14 ގައި ފެށުމަށް ހަމަޖެހިފައިވާ ކްލަބް މޯލްޑިވްސްގެ ހަތަރު މުބާރާތް ކަމުގައިވާ ކްލަބް މޯލްޑިވްސް ކަޕް، ކްލަބް މޯލްޑިވްސް ކަޕު ކްލެސިކް، 30/18 ވިމެންސް ފުޓްސެލް ފިއެސްޓާ އަދި 30/18 ވިމެންސް ފުޓްސަލް ފިއެސްޓާ ކްލެސިކްގެ ހުރިހާ މެޗެއް އައިސް ނެޓްވޯކުގެ ޗެނަލްތައް މެދުވެރިކޮށް މުޅި ރާއްޖެއަށް މީޑިއާނެޓުން ފެންނާނެ އެވެ.
ކަވަރޭޖު ލޯންޗު ކުރުމަށްފަހު ވާހަކަ ދައްކަވަމުން ކްލަބް މޯލްޑިވްސްގެ ނައިބު ރައީސް އިބްރާހިމް އަޝްރަފް ވިދާޅުވީ މީޑިއާނެޓު އަދި އައިސް ޓީވީ ފަދަ ބޮޑު ޕްލެޓްފޯމެއްގައި ކްލަބް މޯލްޑިވްސް ކަޕް މުޅި ރާއްޖެއަށް ބަލާލެވޭނެ ފުރުސަތު ފަހިވެގެންދިއުމީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. މި ކަވަރޭޖަކީ ރާއްޖޭގައި ވާޗުއަލް ސްޓޫޑިއޯއެއްގައި ޕްރީ ޝޯއަކާ އެކު ކްލަބް މުބާރާތެއް ގެނެސްދޭނެ ފުރަތަމަ ފަހަރެވެ.
އޭގެ އިތުރުން ޖުލައި 20 އިން އޮގަސްޓު 20 އަށް އޮސްޓްރޭލިއާ އަދި ނިއު ޒިލެންޑުގައި ބާއްވާ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ހުރިހާ މެޗެއް އައިސް ނެޓްވޯކުން ގެނެސްދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. މި މުބާރާތުގެ ކަވަރޭޖު ލޯންޗު ކޮށްދީފައިވަނީ ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ކަމުގައިވާ ހައްވާ ހަނީފާ އަދި ޝަހުދާ ތައުފީގު އެވެ.
ހަމައެހެންމެ, ދުނިޔޭގެ އެންމެ މަގްބޫލު ހަތަރު ލީގު ކަމުގައިވާ އިންގްލިޝް ޕްރިމިއާ ލީގު، ސްޕެނިޝް ލަލީގާ، އިޓާލިއަން ސެރިއާ އަދި ފްރާންސްގެ ލީގު ވަން ގެ ކުރިއަށް އޮތް ސީޒަނުގެ ކަވަރޭޖު ވެސް ވަނީ ލޯންޗުކޮށްފަ އެވެ. އޮގަސްޓުގައި ފަށާ މި ލީގުގެ އަންނަ ސީޒަނުގެ ހުރިހާ މެޗެއް އައިސް ނެޓްވޯކް އަދި މީޑިއާނެޓުގެ ޗެނަލްތަކުން ފެންނާނެ އެވެ.
މި މުބާރާތްތަކުގެ ކަވަރޭޖް ސްޕޮންސަރުންގެ ގޮތުގައި ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު މީޑިއާނެޓުން ވަނީ މިހާރު ހުޅުވާލާފަ އެވެ.









