މިއަދު ކުރިއަށްދިޔަ ރާއްޖެ-ލަންކާ ޖޮއިންޓް ކޮމިޝަނުގެ ހަތަރު ވަނަ ބައްދަލުވުމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ޖުމްލަ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ރާއްޖޭގެ ސަރުކާރުގެ ވަފުދަކާއި ލަންކާގެ ވަފުދަކުން ބައިވެރިވެ ދެ ގައުމު އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދިޔަ އެވެ.
އެގޮތުން މިއަދު ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުމަކީ ލަންކާގައި ރާއްޖޭގެ ސަގާފީ މަރުކަޒެއް ގާއިމުކުރުމަށް ވެވުނު އެއްބަސްވުމެކެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލީ ފާއިޒު އެވެ.
ދެ ވަނައަށް ވެވުނު އެއްބަސްވުމަކީ ސިއްހީ ދާއިރާގައި ލަންކާ އަދި ރާއްޖެއިން ގުޅިގެން މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާއު ޝަރީފު އެވެ.
އޭގެ އިތުރުން، ދެ ގައުމުގެ މެދުގައި އޮތް ސަގާފީ ގުޅުން އިތުރަށް ވަރުގަދަކޮށް އެކުގައި މަސައްކަތް ކުރުމަށް ވެސް މިއަދު ވަނީ އެއްބަސްވެފަ އެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުން އެ ތިން އެއްބަސްވުމަކީ ލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ކުރިއަށް އޮތްތަނުގައި ވެސް ދެ ގައުމު އެކުގައި މަސައްކަތް ކުރުމަށް އެޅިގެންދިޔަ އިތުރު ހެޔޮ ފިޔަވެކެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ވަފުދުގައި ފޮރިން މިނިސްޓްރީގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ، ހޯމް މިނިސްޓްރީ، މިނިސްޓްރީ އޮފް އާޓް އެންޑް ކަލްޗާ، ޑިފެންސް މިނިސްޓްރީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގެ އިތުރުން ޔޫތު މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލުން ވަނީ ބައިވެރިވެފަ އެވެ. އެ ވަފުދު ލީޑު ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.













