އެމްޕީއެލްގެ މިއަހަރުގެ ނަތީޖާ ކޮވިޑުގެ ކުރިން ނެރެމުން އައި ނަތީޖާއަށްވުރެ ރަނގަޅުވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ، ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ މީރުމާ އިވެންޓު ހޯލުގައި ރޭ ބޭއްވި އެމްޕީއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ރިޕޯޓާއި އޮޑިޓް ކުރެވިފައިވާ ކުންފުނީގެ މާލީ ބަޔާންތައް ވެސް ފާސްކުރި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ މިދިޔަ އަހަރު އެ ކުންފުނިން ހާސިލު ކުރި މުހިންމު ލަނޑުދަނޑިތަކަށް އަލިއަޅުވާލައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ މިދިޔަ އަހަރަކީ އޮޕަރޭޝަންސް އާއި މާލީ ގޮތުން ވެސް އެމްޕީއެލްއަށް ކާމިޔާބު އަހަރެއް ކަމަށެވެ.
"ނިމިގެންދިޔަ އަހަރު އަޅުގަނޑުމެންގެ އާމްދަނީ ވަނީ ޕްރީ-ކޮވިޑުގައި (ކޮވިޑުގެ ކުރީގައި) ހުރި މިންވަރަށް އަރާފައި،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ބޯޑު މެންބަރުން -- ފޮޓޯ: އެމްޕީއެލް
ޝާހިދު ވިދާޅުވީ ކުންފުނީގެ މި އަހަރުގެ މިހައިތަނަށް ލިބުނު ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އާމްދަނީ ކޮވިޑުގެ ކުރިން ހުރި މިންވަރަށް ވުރެ ވެސް ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"މިއަހަރުގެ މިހައިތަނަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޕާފޯމަންސް ޕްރީ-ކޮވިޑަށްވުރެ ވެސް ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ،" އޭނާ ވިދާޅުވި އެވެ.
"މިއަހަރު ރަމަޟާން މަހަށް ބެއްޔަސް، ވަރަށް ބޮޑުތަނުން މުދާ ގަނެވޭ އަދަދު، ހާއްސަކޮށް ޕެރިޝަބަލްސް އެތެރެކުރި ވަރު އިތުރުވެގެންދިޔަ،"
ރޭގައި އޮތް އަހަރީ އާންމު ޖަލްސާގައި އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ޑިވިޑެންޓުގެ ގޮތުގައި ސަރުކާރަށް 67.5 މިލިއަން ރުފިޔާ ދެއްކުމަށް ފާސްކޮށްފަ އެވެ. އެއީ 2021 ވަނަ އަހަރު ސަރުކާރަށް ދެއްކި ޑިވިޑެންޓަށްވުރެ 78 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 809 މިލިއަން ރުފިޔާ އެވެ. އޭގެތެރެއިން 108.9 މިލިއަން ރުފިޔާއަކީ ސާފު ފައިދާ އެެވެ. އެއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު، 43 އިންސައްތައިގެ ކުރިއެރުމެކެވެ.
އެމްޕީއެލްގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ވެރިންގެ އިތުރުން ފިނޭންސް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު، އަނަސް އަބްދުއްސައްތާރާއި ޕްރައިވަޓައިޒޭޝަން އެންޑު ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސް، މުހައްމަދު ފިރާޒުގެ އިތުރުން އޮޑިޓާ ޖެނެރަލް އޮފީހުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެވެ.











