އޭޑީކޭއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަނަން "ބްރެއިން ސްޕައިން ކޮންފަރެންސް" މި އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވުމަށް އިއުލާނުކޮށް ރެޖިސްޓްރޭޝަނަށް ހުޅުވައިލައިފި އެވެ.
ދޭހަސް ސަތާރަ ވަނަ އަހަރުން ފެށިގެން އެ ހޮސްޕިޓަލުން ބާއްވަމުން އަންނަ ބްރެއިން ސްޕައިން ކޮންފަރެންސަކީ ރާއްޖޭގައި މިވަގުތު ބާއްވާ އެފަދަ އެންމެ ބޮޑު ކޮންފަރެންސެވެ. އެ ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުގައި ހަރަކާތްތެރިވާ ސިއްހީ ދާއިރާގެ މާހިރުން ބައިވެރިވެލައްވަ އެވެ.
އޮކްޓޯބަރު 23 އިން 26 އަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި އަހަރުގެ ކޮންފަރެންސް ލޯންޗު ކުރުމަށް އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އައްފާލް ވިދާޅުވީ އެ މި އަހަރުގެ ކޮންފަރެންސްގައި ވެސް ބޭރުގެ އެކި ގައުމުތަކުން 70 ވަރަކަށް ޑޮކްޓަރުންނާއި ސިއްހީ މާހިރުން ބައިވެރިވާނެ ކަމަށެވެ.
"މި އަހަރުގެ ކޮންފަރެންސްގައި ވެސް ޖުމުލަ 150 އާ 200 އާ ދެމެދުގެ އަދަދަކަށް ބައިވެރިން ބައިވެރިވާނެ ކަމަށް އަޅުގަނޑުމެން ލަފާކުރަނީ، އެއީ ރާއްޖެއިންނާއި ރާއްޖެއިން ބޭރުން،" އޭނާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސް ކޮންފަރެންސުގައި އައްފާލް ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
އައްފާލް ވިދަޅުވީ އެ ކޮންފަރެންސުގެ ސަބަބުން ސިއްހީ ދާރިއާއަށް އަންނަ ކުރިއެރުމުގެ އިތުރުން ރާއްޖޭގެ އިގުތިސާދަށް ވެސް އެކި ގޮތްގޮތުން އޭގެ މަންފާ ކުރަމުންދާ ކަމަށެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދެއަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު އަލުން ބާއްވަން ފެށި އެ ކޮންފަރެންސުގައި އެންމެ ހާއްސަ ކަމެއްގެ ގޮތުގައި އޮންނަ އެއް ކަމަކީ ކޮންފަރެންސުގެ ތެރޭގައި ލައިވްކޮށް ސާޖަރީއެއް ކުރުމެވެ. މިފަހަރުގެ ކޮންފަރެންސު ހާއްސަ ކުރެވިފައި ވަނީ ނިއުރޯސާޖަރީ އާއި ނިއުރޯސާޖަރީ ކޮންޑިޝަންތަކާ ގުޅޭގޮތުން ހޯދާފައިވާ ކުރިއެރުންތަކަށެވެ. އޭގެތެރެއިން ސިކުނޑީގެ އިންޓަފޭސް އާއި ނިއުރޯސާޖަރީ އަދި ނިއުރޯސާޖަރީ ކޮންޑިޝަންތަކަށް އޭއައި އިންޓެލިޖެންސުން ގެނެސްފައިވާ ބަދަލުތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އައްފާލް ވިދާޅުވީ ބްރެއިން ސްޕައިން ކޮންފަރެންސަށް މީހުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށާއި އެ ކޮންފަރެންސަށް ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު އިންތިޒާރު ކުރާ ކަމަށެވެ.
"މީގެ ކުރީގެ ކޮންފަރެންސްތަކުގައި ބައިވެރިވެފައި ތިއްބެވި ބޭފުޅުންނާއި އަދި އާ ބޭފުޅުން ވެސް އަޅުގަނޑުމެންނަށް ގުޅާ ދޭތެރެދޭތެރެެއިން، އީމެއިލް ވެސް ކުރޭ، ކޮންއިރަކުންތޯ ކޮންފަރެންސް އޮންނަނީ،" ކޮންފަރެންސްގެ މަގުބޫލުކަން ބޮޑުކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވި އެވެ.
ކޮންފަރެންސުގެ ކުރިން ވެސް ވޯކްޝޮޕުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ ކޮންފަރެންސް ކުރިއަށް ދާނީ ވިލާ ނޯޓިކާގަ އެވެ. މިފަހަރުގެ ކޮންފަރެންސްގެ ޑައިމަންޑު ޕާޓުނަރަކީ މީގެ ކުރީގެ ކޮންފަރެންސްތަކުގައި ވެސް ޕާޓުނަރެއްގެ ގޮތުގައި ބައިވެރިވެފައިވާ ވޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ. މިއަދުގެ ނޫސް ކޮންފަރެންސަށްފަހު އޭޑީކޭއިން ވަނީ އެ ދެ ފަރާތާ އެކު ވެސް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އޭޑީކޭގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އައްފާލް އެވެ. ވޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ފަސީހެވެ. ވިލާ ނޯޓިކާގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ރިޒޯޓްސްގެ ސީއީއޯ، މުއާވިއަތު އުމަރެވެ.
މިފަހަރުގެ ބްރެއިން ސްޕައިން ކޮންފަރެންސުގައި ބައިވެރިވާނެ ބޭނުންވާ ފަރާތްތަކަށް ރެޖިސްޓަރީވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވައިލާފަ އެވެ. ކޮންފަރެންސުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރެޖިސްޓްރޭޝަނާ ގުޅޭ މައުލޫމާތު އޭޑީކޭގެ ވެބްސައިޓުން ލިބޭނެ އެވެ.











