އަހުމަދުއާބާދު، އިންޑިއާ (މެއި 30) - ފަސް ވަނަ ފަހަރަށް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ޗެމްޕިއަންކަން ލިބުނު ނަމަވެސް ކްރިކެޓުން ރިޓަޔާކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ޗެންނާއި ސުޕަ ކިންގްސްގެ ލެޖެންޑަރީ ކެޕްޓަން، މަހިންދުރަ ސިންގް ދޯނީ ބުނެފި އެވެ.
ކްރިކެޓް ތާރީހުގައި ވެސް ހާއްސަ ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވޭ ދޯނީ އަކީ ޗެންނާއީ ސުޕަ ކިންގްސް އިން އައިޕީއެލްގައި ހޯދި ހުރިހާ ކާމިޔާބެއްގައި ވެސް ހިއްސާ ބޮޑު ކުޅުންތެރިއެކެވެ.
ޗެންނާއީ އިން ރޭ ފަސް ވިކެޓުން ގުޖުރާތު ޓައިޓަންސް ބަލިކޮށް، އައިޕީއެލްގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް މުމްބާއީ އިންޑިއަންސްއާ ޗެންނާއީ އިން މި ވަނީ އެއްވަރުކޮށްފަ އެވެ. ޗެންނާއީ އިން ފަސް ފަހަރު އައިޕީއެލްގެ ތަށި އުފުލާލިއިރު ވެސް އެ ޓީމުގައި ދޯނީ، 41، ކުޅެފައިވެ އެވެ.
މި ފަހަރުގެ އައިޕީއެލްގެ ތަށި ޗެންނާއީ އަށް ލިބިއްޖެނަމަ އޭނާ ކްރިކެޓުން ރިޓަޔާކުރާނެ ކަމަށް މުބާރާތުގެ ކުރިން މީޑިއާގައި ވާހަކަ ދެކެވުނެވެ. ދޯނީ ވަނީ ރޭގެ ފައިނަލަށް ފަހު ދިން އިންޓަވިއުގައި އެ ކަމަށް ޖަވާބު ދީފަ އެވެ.

ރޭގެ ފައިނަލް މެޗުގެ ތެރެއިން ސަޕޯޓަރަކު ދޯނީ އަށް ހާއްސަ ޕޯސްޓަރެއް ދައްކާލަނީ
"ރަނގަޅު ވާހަކައެއް، މިއީ އަހަރެން ރިޓަޔާކުރަން ވިސްނާނަމަ ވަރަށް ރަނގަޅު ވަގުތެއް. އަހަންނަށް މި މުބާރާތުން މި ލިބުނު ލޯތްބާއި ފެނުނު މަންޒަރުތަކަށް ބަލާއިރު މިއީ ވަރަށް ފަސޭހައިން ކުޅުން ހުއްޓާލެވިދާނެ ކަމެއް. އެކަމަކު، މީގެ އެންމެ އުނދަގޫ ކަމަކީ އިތުރު ނުވަ މަސް ދުވަހު، މަސައްކަތްކޮށްފައި އިތުރު އައިޕީއެލް އެއް ކުޅުން،" އައިޕީއެލް ތާރީހުގައި 250 ވަނަ މެޗުގައި ރޭ ކުޅެ، ލަނޑެއް ވެސް ނުހެދި ފައިބައިގެން ދާން ޖެހުމުގެ ވާހަކަ ވެސް ހިއްސާކުރަމުން ދޯނީ ބުންޏެވެ.
"ދެން އޮތް އައިޕީއެލް އަކީ އަހަރެންގެ ފަރާތުން ސަޕޯޓަރުންނަށް ދޭ ހަދިޔާއެއް. ޔަގީންކަމެއް އަހަރެންގެ އުމުރަށް ބަލާއިރު އެއީ ފަސޭހަ ކަމަކަށް ނުވާނެ. އެކަމަކު، މި ފަހަރު ފުރަތަމަ މެޗުގައި ވެސް ސީއެސްކޭގެ ހުރިހާ ސަޕޯޓަރުން ދިޔައީ އަހަރެންގެ ނަން ގޮވައި، އޮތް ލޯބި ދައްކާލަމުން. އަހަރެން ލޮލުން ކަރުނަ ފާއްދާލި. މި ކަހަލަ ކަންކަން އަބަދުވެސް ހިތުގައި އޮންނާނެ،"
ދޯނީ ބުނީ އަންނަ އަހަރުގެ އައިޕީއެލް ކުޅުމާ މެދު އެންމެ ފަހު ގޮތެއް ނިންމާނީ މި އަހަރު ޑިސެމްބަރު މަހު އޮންނަ އޯކްޝަންގެ ކުރިންނެވެ.
މީގެ ތިން އަހަރު ކުރިން، އިންޓަނޭޝަނަލް ކްރިކެޓުން ރިޓަޔާކުރި ދޯނީ ވަނީ ޗެންނާއީ ޓީމާ އެކު 2010 ،2011، 2018، 2021 އަދި 2023 ވަނަ އަހަރު އައިޕީއެލް ކާމިޔާބުކޮށްފަ އެވެ.












