ހުކުރު ދުވަހުގެ ރޭ މީހަކު މަރުވި އެކްސިޑެންޓު ހިނގީ ހުއްޓިފައި އޮތް ކާރެއް ނެގުމަށް ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ ޕިކަޕެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލެއިން ހުޅުމާލެ އަށް ބާރު ސުޕީޑުގައި ސައިކަލް ދުއްވަމުން ދިޔައީ ހަތަރުފުރޮޅުލީ ވެހިކަލްތަކަށް ހާއްސަކޮށްފައިވާ ލޭނުން ކަމަށެވެ. އެ ސައިކަލް ގޮސް މުޑިއިރީ، އޭރު ހުއްޓިފައި އޮތް ކާރު ނެގުމަށް ހަރަކާތްތެރިވަމުން ދިޔަ ޕިކަޕާ އެވެ.
"ހުއްޓިފައި އޮތް ކާރު ނެގުމަށް ޕިކަޕު މަޑުކޮށްގެން އޮތީ ވެހިކަލް މަޑުކޮށްފައި އޮތްކަން އަންގައިދޭ ހަތަރު ސިގުނަލް ޖައްސައިގެންނެވެ،" ބަޔާނުގައިވެ އެވެ.
އެ އެކްސިޑެންޓުގައި މަރުވީ ސައިކަލް ދުއްވަން އިން ގ. އާވާޒް، ހަސަން ފައިސަލް އެވެ.
ހައިވޭގައި ދުއްވަން ކަނޑައަޅާފައިވަނީ ގަޑިއިރަކު 50 ކިލޯމީޓަރު ބާރުމިނެވެ.

"އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް އުޅަނދު ނުދުއްވުމަށާއި މަގުމަތީގައި ބަހައްޓާފައިވާ ނިޝާންތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
މި ފަހަކަށް އައިސް ހައިވޭ އާއި ހުޅުމާލޭގައި އެކްސިޑެންޓު ހިނގާ މިންވަރު ވަނީ އިތުރުވެފަ އެވެ.












