ފުވައްމުލަކު ސިޓީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުންނަށް އިތުރު ފަރުވާ ދިނުމަށް މިއަދު މާލެ ގެނެސްފި އެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނި ގޮތުގައި އެ ދެ ޒުވާނުން މިހާރު ވަނީ މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފަ އެވެ. އަނިޔާވެފައި ވަނީ އެ ދެ މީހުންގެ ބޮލަށް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގީ ރޭ 11:25 ހާއިރު ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި އަނިޔާވީ 18 އަދި 19 އަހަރުގެ ދެ ޒުވާނުންނަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކްސިޑެންޓު ހިނގި ސަރަހައްދުގެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން އެކްސިޑެންޓުވި ދެ ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ފުލުހުން އިތުރަށް ބުނީ އެ އިދާރާއިން އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށާއި އެކްސިޑެންޓުވި ދެ ޒުވާނުންނަކީ ވެސް ސައިކަލު ދުއްވުމުގެ ލައިސަންސު އޮތް ދެ މީހުން ކަމަށެވެ.

ޖާގައިގެ ގޮތުން ބޮޑު ފުވައްމުލަކަކީ މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގާފައިވާ ރަށެކެވެ.













