ރިޕޯޓުކުޅުދުއްފުއްޓަށް ރޭގަނޑު ފްލައިޓްތައް ފެށުން: އަނދިރީގައި އުފުލި ތަކުލީފު ތަކަށް ނިމުމެއް!

ކުޅުދުއްފުއްޓަށް ރޭގަނޑު ފްލައިޓްތައް ފެށުން: އަނދިރީގައި އުފުލި ތަކުލީފު ތަކަށް ނިމުމެއް!

"އެމަޖެންސީ އިވަކުއޭޝަންތަކުގައި ކުޅުދުއްފުށީގައި އެއާޕޯޓެއް އޮވެމެ، ހަނިމާދޫ މަގުން ފޮނުވާލަން ޖެހުމަކީ މިދިޔަ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކުރިމަތިލާން ޖެހުނު ބޮޑު ގޮންޖެހުމެއް"

ހދ. ކުޅުދުއްފުށި އެއާޕޯޓަށް ބޯޓެއް ޖައްސާ ކުރެހުމެއް: ކުޅުދުއްފުއްޓަށް ރޭގަނޑު ދަތުރުތައް ފަށާނީ މި މަހުގެ 30 ގައި -- އަދަދު ގްރެފިކްސް
ހދ. ކުޅުދުއްފުށި އެއާޕޯޓަށް ބޯޓެއް ޖައްސާ ކުރެހުމެއް: ކުޅުދުއްފުއްޓަށް ރޭގަނޑު ދަތުރުތައް ފަށާނީ މި މަހުގެ 30 ގައި -- އަދަދު ގްރެފިކްސް

ރައްޔިތުން އުފުލަމުން ދިޔަ ބޮޑު ތަކުލީފެއް ލުއިވުމުގެ ހިތްހަމަޖެހުން، އަންނަ އަނގާރަ ދުވަހު އެންމެ ބޮޑަށް އިހުސާސް ކުރައްވާނެ އެއް ބޭފުޅަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަހުމަދު ދާއޫދު (ޑޭވިޑް) އެވެ. ރޭގަނޑު ހދ. ހަނިމާދޫ އެއާޕޯޓަށް ބަލި މީހުން ގެންދިޔުމުގައި އުފުލަން ޖެހުނު ބުރަ، އެންމެ ގާތުން ތަޖުރިބާ ކުރެވިފައިވާނެ އެއް ބޭފުޅަކީ އެއީ އެވެ. ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ބޯޓު ޖެއްސޭ ގޮތް ވުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެކެވެ.

މީގެ ތިން އަހަރު ކުރިން އޮޕަރޭޓް ކުރަން ފެށި ކުޅުދުއްފުށީ އެއާޕޯޓުގައި ލައިޓް ހަރުކޮށް ފުރަތަމަ ޓެސްޓް ފްލައިޓް ދެއްސީ މި ހިނގާ މެއި 13، ވަނަ ދުވަހުގެ ރެ އެވެ. މޯލްޑިވިއަން އިން މިހާރު ވަނީ މި މަހުގެ 30 ވާ އަނގާރަ ދުވުން ފެށިގެން ކޮންމެ ރެއަކު ކުޅުދުއްފުއްޓަށް ދަތުރު ކުރާނެކަން އިއުލާނު ކޮށްފަ އެވެ. އެ ދަތުރުގައި މާލެ އިން ފުރަން ހަމަޖައްސާފައި ވަނީ އިރުއޮއްސި 6:50 ގަ އެވެ. ކުޅުދުއްފުށިން މާލެ އަށް ފުރާނީ ރޭގަނޑު 8:15 ގަ އެވެ.

މޯޑްޑިވިއަން އިން ކުރިން ކުޅުއްފުއްޓަށް ކުރަމުން ގެނދިއައީ ހަފުތާ އަކު ފަސް ދަތުރެވެ. ނަމަވެސް މިހާރު ކޮންމެ ދުވަހަކު ހެދުނާއި ހަވީރު މޯލްޑިވިއަން ގެ ފްލައިޓެއް ކުޅުދުއްފުއްޓަށް ބާއްވަ އެވެ. އަންގާރަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ތިން ދަތުރު ކުރާނެ އެވެ.

ދާއޫދު ވިދާޅުވީ ކުޅުދުއްފުއްޓަށް މޯލްޑިވިއަން އިން ކުރާ ދަތުރުތައް އިތުރު ކުރުމާއި ރޭނގަޑު ދަތުރު ކުރޭވޭ ގޮތް ވުމަކީ ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އެކަމުގެ ސަބަބުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދާ ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމަޖެންސީ އިވަކުއޭޝަންތަކުގައި ކުޅުދުއްފުށީގައި އެއާޕޯޓެއް އޮވެމެ، ހަނިމާދޫ މަގުން ފޮނުވާލަން ޖެހުމަކީ މިދިޔަ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކުރިމަތިލާން ޖެހުނު ބޮޑު ގޮންޖެހުމެއް," ޑޭވިޑް ވިދާޅުވި އެވެ.

ޑޭވިޑް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގައި ލައިޓް ޖެހި ރޭގަނޑު ވެސް ޝެޑިއުލް ފްލައިޓްތައް ބޭއްވޭގޮތް ވުމަކީ އެމަޖެންސީ ހާލަތުގައި ބަލި މީހުން ފޮނުވާލުމަށް އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމެއްކަން ޔަގީން ކުރައްވާ ކަމަށެވެ.

މިދިޔަ އަހަރު 'ހާލު ބޮޑު' 162 ބަލި މީހުން ކުޅުދުއްފުށީ ހޮސްޕިޓަލުން މާލެ އަށް ފޮނުވާފައިވާއިރު 124 މީހުން މޭލެ ގެނައީ ލޯންޗުގައި ހަނިމާދޫ އަށް ގެންގޮސްގެން ހަނިމާދޫ މަގުން ނެވެ. ކަނޑު ގަދަ ދުވަހެއް ނަމަ 20 މިނިޓްގެ އެ ދަތުރުގައި އެއްގަޑިއިރު ހޭދަވެ ބަލިމީހާ އެތަށް ވޭނެއް އުފުލަން ޖެހެ އެވެ. މިދިޔަ އަހަރު ކުޅުދުއްފުށީ މަގުން މާލެ ގެނައީ 38 ބަލި މީހުންނެވެ. އޭގެ ތެރެއިން 33 މީހުން ގެނައީ ފްލައިޓް ޗާޓަރު ކޮށްގެންނެވެ. މި އަހަރުގެ މިހާތަނަށް 78 ބަލިމީހުން މާލެ ފޮނުވާފައިވާއިރު، ކުދުއްފުށީ މަގުން ފޮނުވިފައިވަނީ އެންމެ 20 މީހުންނެވެ.

"ހާއްސަ ގޮތެއްގައި ޗާޓަރު ފްލައިޓެއް ހަމަޖެހޭ ވަގުތު އެ ފްލައިޓް ބާއްވަނީ ކުޅުދުއްފުއްޓަށް ތޯ، ހަނިމާދޫއަށް ތޯ ޔަގީން ނުވާ ހާލަތެއްގައި އަޅުގަނޑުމެންގެ ޑޮކުޓަރުންނާއި، ނަރުހުންގެ އިތުރުން ބަލިމީހާ އާއި އެ ބަލިމީހާގެ އެހީތެރިން ތިބެން ޖެހޭ ޖެހުމަށް ނިމުމެއް އަންނާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ. އަޅުގަނޑުގެ އުއްމީދަކީ މި ބަދަލާއެކު އެމަޖެންސީ ހާލަތުގައި ބަލިމީހުން ފޮނުވާލުމުގައި އަޅުގަނޑުމެންނަށް ފަސޭހަ ކަމެއް ލިބިގެން ދިއުން،" ޑެވިޑް ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ހިދުމަތްދޭ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ އައިޝަތް ޖެނިފާ ވިދާޅުވީ ޑިމާންޑަށް ބަލާފައި ފްލައިޓް އިތުރުކުރާއިރު، ކުރިން ކުޅުދުއްފުއްޓަށް ރޭގަނޑު ދަތުރު ނުކުރެވި އޮތީ ރޭގަނޑު ފަލައިޓް ޖެއްސުމަށް ބޭނުންވާ ވަސީލަތް ގާއިމު ނުކުރެވި އޮތީމަ ކަމަށެވެ.

"ކުރިން ރޭގަނޑު ފަލައިޓް ނުޖެއްސޭތީ ނުދިޔައީ، މިހާރު އެ ފުރުސަތު އޮތީމަ ދާން ނިންމީ،" ޖެނިފާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓު ނަހަދާއިރު، ކުޅުއްދުއްފުށީގެ ގިނަ މީހުން މާލެ އަށް ދަތުރު ކުރަމުން އައީ 300-400 ވަރަކަށް މީހުންގެ ޖާގައިގެ ފަސިންޖަރުން ނާއި މުދާ އުފުލާ ދޯނި ފަހަރުގަ އެވެ. އެއީ 12 ގަނޑިއިރުގެ ދަތުރެކެވެ. ކަނޑުމަގުން ދަތުރުކުރާ މީހުން މަދުވުމުގެ ސަބަބުން، ތެޔޮ ހަރަދު ކުޑަކުރުމުގެ ގޮތުން ބޯޓު ފަހަރުގެ ދުވެލި މިހާރު ވަނީ މަޑުކޮށްފަ އެވެ.

ކުޅުއްފުއްޓަށް ރޭގަނޑު ދަތުރުކުރެވޭ ގޮތްވުމާއި ފްލައިޓް އިތުރު ވުމަކީ ޑޭވިޑްގެ އިތުރުން، އުތުރުގެ ކޮންމެ މީހެއްގެ ވެސް އުންމީދެކެވެ. ހާއްސަކޮށް، މާލެ އަންނަން ޖެހޭ އެ ސަރަހައްދުގެ ބަލިމީހުންނަށް އެކަމުން ލިބިގެންދާނެ ހިތްހަމަޖެހުން ބޮޑެވެ.

އަހުމަދު ސައީދު

އެސޯސިއޭޓް އެޑިޓަރ

އަހުމަދު ސައީދަކީ ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާގެ ހަބަރުތައް ކަވަރުކުރުމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ "ހަވީރު" ނޫހުގައި 13 އަހަރު މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox