އެއީ 1970 ގެ އަހަރުތަކެވެ. އަތޮޅެއްގެ ނިވަލެއް ނެތި މުޅިން އެކަހެރިކޮށް އޮތް އެރަށުގައި އާމްދަނީ ހޯދަން ކުރާނެ މާގިނަ މަސައްކަތްތަކެއް ނެތެވެ. މަސްވެރިކަން ކުރަނީ, ޖަހާ ދޯނިފަހަރުގައި ފަލީގައި ނުކުމެގެންނެވެ. ކޮންމެ ދޯންޏެއްގައި ހެން ފަލިޖަހަންތިބޭ ހަމީހުން ހިމެނޭ ގޮތުން އަށް މީހުން ތިބެ އެވެ. މަސައްކަތް ކުރާހިތްވާ ހީވާގި ކޮންމެ މީހަކަށްމެ ފަލި ޖަހަން ދިއުމުގެ ފުރުސަތު އޮވެ އެވެ.
ފަލި ޖަހަން ހަ މީހުން ތިބޭއިރު, ފަލިޖެހުމަށް ޓަކައި މީހާ އިންނަތަން ކަނޑައަޅަނީ ތަޖުރިބާއަށް ބިނާކޮށްގެނެވެ. އެންމެ ނޭނގޭ މީހާ އިންނާނީ އެންމެ ކޮޅުފަހުގައި، ކެޔޮޅާ އެންމެ ކައިރީގަ އެވެ. ދިރުނބަލަށް ޖެހެމުން ގޮސް, އެންމެ ދިރުނބަލަށް ގޮސްފައި އެނބުރި މެދު ފައްޔާ ހަމައަށް ދެވޭނީ މީހާ މޮޅުވެ މަސައްކަތް ދަސްވީމަ އެވެ. ކެޔޮޅު ކަމާ ހަމައަށް ދެވޭނީ ދުވަސްކޮޅަކު އެތާ އިނދެގެންނެވެ.
އުމުރުން އެންމެ 15 އަހަރުގައި ޏ. ފުވައްމުލަކު ދެބުދާރުގޭ ހަސަން ތައްޚާނު ވެސް ފުރަތަމަ ކަނޑުމައްޗަށް ނިކުތީ ކެޔޮޅާ އެންމެ ގާތުގައި އިންނަ ފަލިޖަހާ މީހެެއްގެ ގޮތުގަ އެވެ. އެއަށްފަހު ދިރުބާކޮޅާއި މެދުފަލިން ގޮސް ކެޔޮޅުކަން ކުރުމަށްފަހު އޭނާއަކީ މިހާރު މާ ކެޔޮޅެކެވެ. މިހާރު އުމުރުން 61 އަހަރުވީއިރު, ކިޔައިދޭން އޭނާ އަތުގައި ލައްކަ ވާހަކަ އެބަހުއްޓެވެ.
"ކުރިން ބަނދަރެއް ނެތް އިރު އުޅުނީ ވަރަށް ހާލުގައި. ދޯނި ބާލައިގެން ރާޅުބޮޑުކަމުން ތެމިގެން, ދޯނީގެ ކޮޅުގައި ހިފަހައްޓައިގެން ތިބެ, ރާޅު ތިރިކޮށްލީމަ ދޯންޏަށް އަރައިގެން ދެން ވަރަށް ހާލުގައި ނެރުން ނިކުންނަނީ. ބައެއް ރޭރޭ ފެތިފައި. އެހެން ބައިވަރު ހާދިސާތައް ހިނގާފައި އެބަހުރި،" އޭނާ ބުންޏެވެ.
ފުވައްމުލަކުގައި ބަނދަރު ހެދުމުގެ ކުރިން, އެރަށުން މަހަށް ނިކުންނަނީ ފުރާނަ އަތް މައްޗަށްލައިގެންނެވެ. މަސައްކަތަށް ނިކުތުމަށްފަހު އެނބުރި އަނބިދަރިން ގާތަށް ދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނޯވެ އެވެ. އެކަމަކު ކަނޑުރޯދި ހޯދަން ފަލި ދޯނީގައި ނިކުމެގެން ވެސް ފުވައްމުލަކު މަސްވެރިން އެ މަސައްކަތް ކުރިއެވެ.

ފުވައްމުލަކު ބަނދަރު ހެދުމުގެ ކުރިން އެރަށުގައި ކަނޑާފައިވާ ނެރަކުން މުދާ ބޭލުމުގެ މަސައްކަތް ކުރަނީ; އޭރު ލަފާ ފުރުމުގެ ކަންކަން ހަމަޖެހިފައި އޮތީ މިހެން
"ފަލި [ޖަހާ] ދޯނީގައި މާކަނޑުގައި މަސްވެރިކަން ކުރަން ވަރަށް އުނދަގޫ. ކަނޑު ގަދަވީމަ ވަކިން އުނދަގޫ ވާނެ. ފަލި ދޯންޏަކުން ގޮސް ހުޅަނގު މޫސުމެއްގައި އެއް ފަހަރު ރަށުގެ އުތުރު ފަރާތަށް ބަންޑުން އަޅައިގެން ދޯންޏާއި މީހުންނާއެކު އެރޭ މިތާ ގެން މިސްކިތާ ދިމާލަށް ދޯނި އެހެލައިގެން ގާޑިޔަލަށް ލައިގެން އައިސް އަނެއްކާ މާނެރު ނެރުން ބޭރުކޮށްލައިގެން މަސް ބާނަން ވެސް ދިޔައިން."
އެރޭ އެ ދޯނި އަނބުރާ ރަށަށް ދިޔައީ މަސް ބާނައިގެން, އެރަށު ދެކުނުކޮޅު ފަޅުގައި އޮތް މަސް ކިރާ ބޯޓަށް މަސްކޮޅު ކިރައިލާފަ އެވެ.
އޮތީ ހަމަ އެކަނި ލަފައި ފުރުމުގެ ދައްްޗެއް ނޫނެވެ. ހަސަންތައްޚާނު ވަނީ އޭނާގެ އެ ދަތުރުގައި އެހެން އެތައް ހަނގުރާމައެއް ކޮށްފަ އެވެ.
މިޔަރާއި ހިބަރާ ކުރަން ޖެހުނު ހަނގުރާމަ
ހަސަންތައްޚާނުގެ 46 އަހަރުވީ މަސްވެރިކަމުގެ ހަޔާތުގައި ދިމާވި އެންމެ ބޮޑު ބިރުވެރިކަމަކީ ތިލަމަތީ މަސްވެރިކަން ކުރަން އުޅެނިކޮށް 16 ފޫޓުގެ މިޔަރެއް ގަތުމުގެ ސަބަބުން ހިނގި ހާދިސާ އެކެވެ. ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ހިނގި އެ ހާދިސާ އިއްޔެ ވީ ކަމެއް ހެން އޭނާގެ ހަނދާނުގައި އެބަހުއްޓެވެ. އެ ބިރުވެރިކަން އަދިވެސް ހިތުން ފިލައިގެނެއް ނުދެ އެވެ.
"ތިލަމައްޗަށް ގޮސްފަ މަސްވެރިކަން ކުރަން އުޅެނިކޮށް މިޔަރެއް ގަތީ. ގަނެގެން އޭގެ ކަރުގައި ވަލެއް ބައްދާލީމަ ދުއްވައިގަނެގެން އެދިޔަ ގޮތަށް ގޮސް ދޯނި ހިފައިގެން އަޑިއަށް ދިޔައީ،" އޭނާ ކިޔައިދިނެވެ.
ދޯނި އަޑިއަށް ދިއުމުން ދޯނީގައި ތިބި މީހުން ސަލާމަތްވީ އެވަގުތު ތިލަމަތީގައި މަސްވެރިކަމަށް ނިކުމެ އެހެން ދޯނިތައް ވެސް އުޅުމުންނެވެ. ވާ ބައްދައިގެން ދޯންޏަށް ނަގަން އުޅުނު މިޔަރު ދޯންޏައެކު އަޑިއަށް ގޮސް ދުވެ ދުވެ ވަރުބަލިވުމުން ދޯނި މައްޗަށް އެރީ އޭގެ ގާތްގަނޑަކަށް ބައިގަޑިއިރު ފަހުންނެވެ.
"އެހެން ދޯނިތަކުން މީހުންގެ އެހީއާއެކު އެ ދުވަހު ދޯނި ހިއްކީ. އޭރު މިޔަރު ބޭނުން މަނަލެއް ނޫން. ދެން އޭތި ބާނައިގެން ރަށަށް އައިސް ކެއީ،" ދިގު މިނުގައި 16 ފޫޓުގެ މިޔަރެއް ބޭނުމުގެ ތެރެއިން ކަނޑުވެ, ސަލާމަތްވި ވާހަކަ ހަނދާންކޮށްލަމުން އޭނާ ކިޔައިދިނެވެ.

ފުވައްމުލަކު ތަޖުރިބާކާރު މަސްވެރިއެއް ކަމަށްވާ ހަސަންތައްޚާނު އިންޓަވިއު ދެނީ -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
ހަތަރު ދަހަރުގެ އެ ތަޖުރިބާގައި މިޔަރުގެ އިތުރުން އޭނާ ހިބަރާ ވެސް ހަނގުރާމަ ކުރަން ޖެހުނެވެ. މާ ކަނޑުން ގަތް މަސް ހިބަރެއްގެ ސަބަބުން ދޯނީގައި ބޮޑު ބާގަނޑެއް ހެދުމުން ވެސް މަސްވެރިންނާއެކު ސަލާމަތުން ރަށަށް ދަތުރު ކުރި އެވެ.
އެ ދުވަހު މަސް ހިބަރު ގަނެގެން ފުމަމުން ފުމަމުން ދިޔަ ގޮތަށް ގޮސް ޖެހުނީ ދޯނީގެ ބޭރުގަ އެވެ. ޖެހުނުގޮތަށް އޭގެ ތުންގަނޑު ވަނީ ދޯނި ފޫއަޅުވާލާފައި އެތެރެ އަށެވެ.
"އޭތި ތެޅެމުން ތެޅެމުން ގޮސް އަމިއްލައަށް ނިކުތްއިރު ދޯނީގައި ހުރި ބޮޑު ބާގަނޑެއް. އެ ބާގަނޑު ބައްދަން އެންމެން ލައިގެން ތިބި އަންނައުނުތައް ބާލައިގެން ވާގަނޑުން އޮޅާލައިގެން އެތާ ޖަހައިގެން ކިރިޔާ ދޯނި ފެންމަތީގައި ހުންނަވަރުވީ."
ކިރިޔަ ކިރިޔާ ފެންމަތީ ހުންނަވަރުގައި ދޯނި ރަށާ ހަމައަށް ގެން ދެވުނީ, ދެތިން ހަތަރު މީހުންވެގެން ހުއްޓާނުލާ ދިޔަ ހިއްކަމުންނެވެ.
މިހާރު އޮތީ ހައްލެއް ނުލިބޭނެ ތުރާލެއް
ފުވައްމުލައް ފާހަގަކޮށްލެވޭ އެއް ސަބަބަކީ އެރަށުގެ ކައްޓެޅި މަސްވެރިކަމެވެ. މާކަނޑުގެ ފުނަށް ނަނު ފައްތައިގެން ބާނާ ކައްޓެޅި މަސްވެރިކަން ވެސް މިހާރު އޮތީ ހުއްޓިފަ އެވެ. ސަބަބަކީ އެރަށުގެ ފަތުރުވެރިކަން އެކި ކުލަ ކުލައިން ޖަރީ ކުރަމުން އަންނަ މިޔަރެވެ.
"މަސްވެރިކަމުގައި މިހާރު ދެން އެންމެ އުނދަގޫ ކަމުގެ ވާހަކަ ދެއްކިއަސް އެކަމަށް ހައްލެއް ނުލިބޭނެ. އެއީ މިޔަރުގެ އުނދަގޫ" ހަސަންތައްޚާނު ބުންޏެވެ.
މިޔަރާއެކު ފަތުރުވެރިކަމުގައި ކުލަޖެހި ފައްކާވަމުން އައި ނަމަވެސް, އޭގެ ސަބަބުން މަސްވެރިންނަށް އޮތީ އުނދަގުލާއި ތުރާ އެކަންޏެވެ. މަހެއް ގަތަސް ގިނަ ފަހަރު އޮންނަނީ ނުބޭނިފަ އެވެ. ފެނުން މައްޗަށް އެރުމުގެ ކުރިން އެއީ މިޔަރުގެ ކޮއްތަށްވެ ނިމިދެ އެވެ.

ފުވައްމުލަކުގައި މީހަކު ޓައިގާ ޝާކަކާއެކު ޑައިވް ކުރަނީ; މިޔަރު ބޭނުމަކީ ރާއްޖޭގައި މަނާކަމެއް -- ފޮޓޯ: ފުވައްމުލައް ޑައިވް ސްކޫލް
"ކުރިން މައުމޫނު އިރުގައި އޮތީ ޑައިވިން ކުރާ ޕޮއިންޓުތަކުން މިޔަރު ބޭނުން މަނާކޮށްފައި. އެ ފުޅާވަމުން ގޮސް މިހާރު ރާއްޖޭގެ ހުރިހާ ތަނެއްގައި ވެސް އެއަށް އެއްވެސް ކަހަލަ ގޯނާއެއް ކުރުމަކީ މަނާކަމެއް"
ދެހާސް ދިހަ ވަނަ އަހަރު ސަރުކާރުން މިޔަރު ބޭނުން މަނާކުރީ މިޔަރުގެ މަސްވެރިކަން ކުރުމުން އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ކުރާކަން އޭރު ހެދި ދިރާސާތަކުން ދެއްކީމަ އެވެ.
މިޔަރުގެ އުނދަގުލާހެދި ހަސަންތައްޚާން ވަނީ ކައްޓެޅި މަސްވެރިކަން އެއްކޮށް ދޫކޮށްލާފަ އެވެ. އެއީ އެކަމަށް ކުރާ ހަރަދަށް ބަލާއިރު, ލިބޭ އެތިކޮޅު ދެކޮޅު ނުޖެހޭތީ އެވެ. ނަމަވެސް އަދިވެސް މަސްވެރިކަން ދޫކޮށެއް ނުލަ އެވެ.
"މިހާރު މިހިރީ އުމުރުން ދުވަސްވެފައި. ދެން މަސްވެރިކަން ދޫކޮށްލާ ހިސާބުގައި މިހިރީ. މިކަމުގައި ކުރިއަށް ދެވެން ހުރި ވަރަށް ދެވިއްޖެ."
އާމްދަނީ ހޯދުމުގެ ގޮތުން އިތުރަށް މަސްވެރިކަން ކުރުމުގައި ދެމި ހުރުމުގެ ހިޔާލެއް ނެތް ނަމަވެސް, އޭނާ ގަސްދު ކުރަނީ ގަދަވެ ހުރެއްޖިއްޔާމު މަސްވެރިކަން އެއްކޮށް ދޫކޮށް ނުލުމަށެވެ. އެއީ މަސްވެރިކަމަކީ ހަށިގަނޑަށް ލިބޭނެ ކަސްރަތަކަށް ވާތީ ވެސްމެ އެވެ.












