ހުޅުމާލޭ ތިން ވަނަ ފޭހަށް ވަންނަ އޮންނަ މަގަކީ ބިރުވެރި، ނުރައްކާތެރި މަގެކެވެ. ކްލަބްމެޑާއި އެސްޓީއޯގެ ރޯދަ ބާޒާރު ހިންގި ހިސާބުގައި ހުންނަ އެ މަގުގައި ގިނަ ލެނބުންތަކެއް ހުންނައިރު، ގަސްތަކާ ހެދި އެ މަގުން ލަނބާލައިގެން ނިކުންނަ މީހާއަށް އަނެއް ފަޅިއެއް ނުފެނެ އެވެ.
އެ ހިސާބަކީ ބަރު އުޅަނދު އާންމުކޮށް ދުއްވާ ހިސާބެކެވެ. ހުޅުމާލޭ ދެ ވަނަ ފޭހުގައި ދިރިއުޅޭ މީހުން ބުނަނީ ބަރު އުޅަނދުތައް އެ ހިސާބުގައި ދުއްވަނީ ފަރުވާ ކުޑަކޮށް، ވަރަށް ބާރަށް އަދި ގަވާއިދުތައް ފުނޑާލުމަށްފަހު ކަމަށެވެ.
ބަރު އުޅަނދުތައް މާ ބާރަށް ދުއްވުމާއި ގަސް ބޯވެގެން މަގު ރީއްޗަށް ނުފެންނާތީ ކުރިން އެ ހިސާބަށް އުޅަނދު ވަނުން ހުޅުމާލޭ ބަލަހައްޓާ ދައުލަތުގެ ކުންފުނި އާބަންކޯއިން އޮތީ މަނާކޮށްފަ އެވެ. އެކަމަކު، ފަހުން އެ ސަރަހައްދަށް އުޅަނދު ވަނުން މަނާ ކުރުމަށް ޖަހާފައި ހުރި ސެކިއުރިޓީ ޕޯސްޓު ނަގައި ތަން ހުޅުވާލީި އެވެ.
އެއާއެކު، އެ ސަރަހައްދަށް އާންމުން ވަންވަން ފެށި އެވެ. އެ ސަރަހައްދަށް ވަދެ، އެ ހިސާބުގެ ބޭނުން ހިފަން ފެށި އެއް ބަޔަކީ "ދި ބައިސިކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް" އެވެ.
"އަތް ހުރީ މަށައިގެން ގޮސްފަ. ދެން އެކި ތަންތަނަށް ޖެހި ތަދުވެފަ ހުރީ. އަނެއް ކުއްޖާއަށް ބޮޑުވަރުވެފަ އޮތީ،" ހުޅުމާލޭ ހޮސްޕިޓަލުގައި ހުރެ، މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާވި 14 އަހަރުގެ ކުއްޖާގެ ބައްޕަ މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

ސިމެންތި ލޮރީ ފުރޮޅިފައި: އެ އުޅަނދު ދުއްވަން އިން މީހާއަށް ބައިސްކަލުތައް ފެނުނީ ކުއްލިއަކަށް -- ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު
މިއަދު އެކްސިޑެންޓު ހިނގީ، ތިން ވަނަ ފޭހަށް ވަންނަ އޮންނަ މަގުގައި ދުއްވާފައި ދިޔަ (ފްލެޓު އެޅުމުގެ މަސައްކަތް ކުރާ) ރޯޓައިމް އިންޖިނިއަރިން ޓެކްނޮލޮޖީގެ ބޮޑު ސިމެންތި ލޮރީއެއް ކޮންޓްރޯލްނުވެގެން ގޮސް ބައިސްކަލު ދުއްވާފައި ދިޔަ ދެ ފިރިހެން ކުއްޖެއްގެ ގައިގައި ޖެހިގެންނެވެ. އެތަނުން ބޮޑުވަރުވި ކުއްޖާގެ ބޯ ފަޅައިގެން ދިޔުމުގެ އިތުރުން އެހެން އަނިޔާތައް ވެސް ވި އެވެ. އެ ކުއްޖާގެ އުމުރުން 13 އަހަރެވެ.
އެކްސިޑެންޓު ހިނގި ސަރަހައްދުގައި ހުރި "އަދަދު" ގެ ނޫސްވެރިއަކު ބުނީ މުޅި އެ ސަރަހައްދުގައި "ސްކިޑް މާކްސް" ނުވަތަ އުޅަނދު ބުރަކި ޖެއްސުމުން ކޮންޓްރޯލްނުވެ ކަހާލިތަންތަނުގެ ނިޝާންތައް ފެންނަ ހުރި ކަމަށެވެ. ނޫސްވެރިޔާ ބުނި ގޮތުން އެއް ބައިސްކަލު އޮތީ ނަގައި، އެއް ފަރާތްކޮށްފަ އެވެ.
އެކްސިޑެންޓުވި އަނެއް ބައިސްކަލު އޮތީ ވެހިކަލް ދަށުވެފަ އެވެ. އެކްސިޑެންޓުވި ސިމެންތި ލޮރީ ނަގަން އިތުރު ބަރު އުޅަނދެއް އޭގައި ވާ ޖަހައި ބަލައިލިއިރު، ވެހިކަލުގެ ސިމެންތި އަޅާ ބަރުކޮށްފައި ހުރި ބައިގައި އެކަނި ވެސް 16 ޓަނު ހުރި ކަމަށް ނޫސްވެރިޔާ ބުންޏެވެ.

ސިމެންތި ލޮރީ ބުރަކި ޖެއްސުމުން ކަހާލައިގެން މަގުގައި އެޅިފައި ހުރި ނިޝާންތައް: ކުރިން މިއީ އާންމުންނަށް ވަނުން މަނާ ސަރަހައްދެއް -- ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު
އެކްސިޑެންޓުވި މަންޒަރު ހަމަ ލޮލުން ފެނުނު މީހަކާ ހަވާލާދީ މި ނޫހުގެ ނޫސްވެރިޔާ ބުނީ، ސިމެންތި ލޮރީ ދުއްވަން އިން މީހާއަށް ބައިސްކަލުގައި އައި ދެ ކުދިން ފެނުނީ މާ ލަހުން ކަމަށެވެ. ދެ ކުދިން ފެނުނު ހިސާބުން ބުރަކި ޖެއްސި ނަމަވެސް ދުއްވާފައި އައިލެއް ބާރުކަމުން ކޮންޓްރޯލް ނުވީ ކަމަށް މަންޒަރު ދުށް މީހާ ބުނެ އެވެ. ބަރުދަނުގައި ގާތްގަނޑަކަށް 16 ޓަނު ހުރި އުޅަނދެއް ފުރޮޅާލާނީ އާދަޔާހިލާފު ބާރަށް ދުއްވީމާ ކަމަަށް އެތަނުގައި ތިބި ފުލުހުންގެ ވާހަކައާ ހަވާލާދީ މި ނޫހުގެ ނޫސްވެރިޔާ ބުންޏެވެ.
ބައިސްކަލުގައި ދުއްވާފައި އައި 13 އަހަރުގެ ކުއްޖާގެ ބައްޕަ އާއި މަންމަ ވެސް މި ނޫހުގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން އެ ވާހަކަތައް އެގޮތަށް ތަކުރާރު ކުރި އެވެ.
"ބައިސްކަލު ދުއްވަމުން ދަނިކޮށް ސިމެންތި ލޮރީއެއް ކޮންޓްރޯލްނުވެގެން އެކްސިޑެންޓުވީ. އޭތި ކުއްލިއަކަށް، ވަރަށް ބާރަށް އައީ. ކޮންމެވެސް މީހަކު އަތް ވެސް ނެގި މަޑު ކުރޭތޯ ބަލަން. ވަރަށް ބާރަށް އައިސް ބުރަކި ޖެއްސީމަ ވެސް މަޑުނުވެ އައިސް ފުރޮޅާލައިގެން ކުދިންގެ ގައިގައި ޖެހުނީ،" އެކްސިޑެންޓުވި 14 އަހަރުގެ ކުއްޖާގެ ބައްޕަ ބުންޏެވެ.
އެ އެކްސިޑެންޓުގައި ލޮރީ ދުއްވަން އިން މީހާއަށް ވެސް އަނިޔާތަކެއްވެ ހޮސްޕިޓަލުގައި ފަރުވާދިނެވެ. މި ލިޔުން ލިޔަމުންދިޔައިރު އެކްސިޑެންޓުވި 14 އަހަރުގެ ކުއްޖާއަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލަން ހޮސްޕިޓަލުން ތައްޔާރު ވަނީ އެވެ. ފަރުވާ ދިނުމަށްފަހު ވަގުތުން ދޫކޮށްލެވޭ ވަރަށްވުރެ އެކްސިޑެންޓުވި 13 އަހަރުގެ ކުއްޖާގެ ހާލު ގޯހެވެ. ފުލުހުން އަންނަނީ މިހާރު އެ އެކްސިޑެންޓު ތަހުގީގު ކުރަމުންނެވެ.
titledesc












