ދޯހާ (މެއި 2) - ގަތަރުގައި ބާއްވާ ވޯލްޑް ޖޫޑޯ ޗެމްޕިއަންޝިޕްގައި ރަޝިއާ އާއި ބެލަރޫސްގެ އެތުލީޓުން ބައިވެރިވާތީ، ޔޫކްރެއިން އެތުލީޓުން މުބާރާތް "ބޮއިކޮޓްް" ކުރަން ނިންމައިފި އެވެ.
އިންޓަނޭޝަނަލް ޖޫޑޯ ފެޑެރޭޝަނުން ނިންމާފައިވަނީ މި މަހު 7-14 އަށް ގަތަރުގައި ކުރިއަށްދާ ޖޫޑޯގެ އެންމެ ބޮޑު މުބާރާތް، ވޯލްޑް ޗެމްޕިއަންޝިޕްގައި ރަޝިއާ އާއި ބެލަރޫސް އެތުލީޓުން ނިއުޓްރަލް އިން ގެ ގޮތުގައި ބަައިވެރިވާން ފުރުސަތު ދިނުމަށެވެ.
މިއީ، 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސް ޖޫޑޯ އިވެންޓަށް ކޮލިފައިވާން ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން އެ އަށް ވެސް ވިސްނާފައި ބައިނަލްއަގުވާމީ އެކި ފެޑެރޭޝަންތަކުގެ ލަފާގެ މަތިން ދިން ފުރުސަތެކެވެ.
ރަޝިއާ އާއި ބެލަރޫސްގެ އެތުލީޓުންނަށް އެއްވެސް ސިފައެއްގައި ވޯލްޑް ޖޫޑޯ ޗެމްޕިއަންޝިޕްގައި ބައިވެރިވެވިގެން ނުވާނެ ކަމަށް ބުނެ، ޔޫކްރެއިންގެ ޖޫޑޯ ފެޑެރޭޝަނުން އިއްޔެ އިއުލާނުކުރީ މި އަހަރުގެ މުބާރާތުގައި އެ ގައުމުގެ އެތުލީޓުން ބައިވެރިނުވާނެ ކަމަށެވެ.
އިންޓަނޭޝަނަލް ޖޫޑޯ ފެޑެރޭޝަން (އައިޖޭއެފް) އިން ބުނީ ރަޝިއާ އާއި ބެލަރޫސް އެތުލީޓުންނަށް ފުރުސަތު ދޭން ނިންމީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީއާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ޕްރޮޕަގެންޑާ ތެރޭގަައި އެއްވެސް ސިފައެއްގައި ހަރަކާތްތެރިވާ އެއްވެސް އެތުލީޓަކަށް މުބާރާތުން ފުރުސަތު ނުދެވޭ ވަރަށް ކަންކަން ބަލާނެ ކަމަށް ވެސް އައިޖޭއެފް އިން ވަނީ ބުނެފަ އެވެ.
ޔޫކްރެއިންގެ ޖޫޑޯ ފެޑެރޭޝަނުން ބުނީ، ކުޅިވަރުގެ މައިދާނުގައި ވިޔަސް، ޔޫކްރެއިންގެ ރައްޔިތުން އެދެނީ ރަޝިއާ އާއި ބެލަރޫސާ އެއް ހަމައެއްގައި ނުތިބުމަށް ކަމަށާއި މުބާރާތް ބޮއިކޮޓް ކުރަން ނިންމި ނިންމުން ބަދަލުކުރަން އެއްވެސް ވަރަކަށް ނުވިސްނާނެ ކަމަށެވެ.











