ވާހަކަ: އަނގަފުރޭތަ

ވާހަކަ: އަނގަފުރޭތަ

ނުބެހޭ ކަންކަމާ ބެހުމަކީ ދިވެއްސަކަށްވީތީ ހަމަ ކުރާން ޖެހޭ ކަމަކީ ހެއްޔެވެ؟ މީހަކު ފެންނައިރަށް އެ މީހެއްގެ ފަސްބައިގެ ކިލަނބުކަމާއި ފަތިފުށުގެ ތާހިރުކަން ބަލަން ހިތްކިޔަނީ ކީއްވެގެން ހެއްޔެވެ؟ ދިވެހިންނަކީ އަނގަފުރޭތައަށް ކާންދޭ ބަޔަކީ ހެއްޔެވެ؟ މި ސުވާލުތަކަށް ނުކޮށް ހުރެވޭތޯ ބަލައިފީމެވެ. އެތައް ވާހަކައެއް ނީވޭކަމަށް ހެދިގެން ވެސް އުޅެފީމެވެ. ނަމަވެސް މިހާރު ކަންތައް މާ މައްޗަށް ހިނގައްޖެއެވެ. ތަހުސީނާއި އޭނާގެ އެކުވެރިންގެ ކަންތައް މާ ބޮޑުވެއްޖެއެވެ. އަހަރެން ހަމަ ކޮންމެ ތަނަކުން ފެންނަ އިރަށް އެމީހުން އެބަ ބެހިގަނެއެވެ. ފޮށިގަނެއެވެ. ދިމާކޮށްލައެވެ. ކުޑަކޮށްލާ އަހަރެންގެ ސައިޒު އެބަ އަންގައިދެއެވެ.

"ނުދާނަން ދެން އެ ސްކޫލަކަށް." މަންމަގެ ސުވާލަށް އަހަންނަށް ދެވުނީ އެ ޖަވާބެވެ.

"ކީއްވެ ދަރިފުޅާ؟" ލޯތްބާއެކު މަންމަ ބުނެލިއެވެ.

"އަނގަފުރޭތަ!"

ސަބަބު ބުނާކަށް އަހަންނަކަށް ނުކެރުނެވެ. ނަމަވެސް ބުނެވުނު ލަފުޒުގެ ސަބަބުން މަންމައަށް ކަމެއް ވިސްނިދާނޭ ހިތަށް އެރިއެވެ. މަންމަ ހިތުގައި ޖެހިދާނެއެވެ. ދެރަވެދާނެއެވެ. ކަމެއް ދަމެއް ގޯސްވެއްޖެ ނަމަ މަންމަގެ ހިތް ފަޅިފަޅިވެދާނެއެވެ. މަންމައަށް ކުރާ ކޮންމެ އަސަރަކީ އަހަންނަށް ކުރާނެ އަސަރެކެވެ. އަހަރުމެންގެ ކުޑަކުޑަ އާއިލާއަށް ލިބޭނެ ދެރައެކެވެ.

"ހާދަ ރަނގަޅޭ. މަންމަ ވަރަށް އުފާވެއްޖެ."

އެނދުން ތެދުވުމާއެކު އަހަރެންގެ ބުރަކަށީގައި މަންމަ ފިރުމައިލިއެވެ. އެ ފިރުމުންތަކާއެކު އަހަރެންގެ ހިތުގެ އުދާސްތައް އާތްވަށް ވެގެން މައްޗަށް އަރައިފިއެވެ. މައިވަންތަ ލޯތްބަކީ ކިހާ އަސަރު ހުރި، ކިހާ މުހިއްމު އެއްޗެއް ހެއްޔެވެ؟ އެއީ މަދުބަޔަކަށް ނޫނީ ނުލިބޭ ނިޢުމަތެކެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އަހަންނެވެ. އެއް ގޮތަކުން އަހަންނަކީ ނަސީބުވެރިއެވެ. ބަދު ނަސީބުގެ މަގުގައި އޮއްވާ އަހަރެން ނަސީބުވެރިންގެ ގޮވައްޗަށް ގެނެސްދިނީ މި ލޮބުވެތި މަންމައެވެ. ގާނޫނީ ހިމާޔަތާއެކުގައެވެ.

"މަންމަގެ ހިތުގައި ޖެހޭ އެއްވެސް ކަމެއް އަހަރެން ނުކުރާނަން. އިންޝާﷲ." މަންމަގެ ގައިގައި އޮޅުލައިގަތީމެވެ.

ކުލާހަށް ވަދެވުމާއެކު ތަހުސީނުގެ އަނގަފެޅިއެވެ. އޭނާއާ ބައިވެރިވީ އޭނާގެ ދެ މިތުރުންނެވެ. އަހަރެން ނީވޭ ކަމަށް ހެދިގެން އެތެރެއަށް ވަނީމެވެ. ގާތުގައި އިނީ ވިދާދާއެވެ. އެއީ އަހަރެންގެ ސިއްރު ކޮޓަރިއެވެ. ހިތްހަމަޖެހުމުގެ ނޭވާގެ އެއް ބަހާއެވެ.

"އަނގަފުރޭތަ އަރައިފަ! އެނގިދާނެތާ ވާގޮތެއް!" ވިދާދާ ވައި އަޑުން ބުނެލިއެވެ.

ކަނާއަތު ކޮނޑާދިމާއަށް ފަހަތަށް މޫނު އަނބުރައިލެވުނެވެ. ތަހުސީނުގެ އަޑެއް ބަޑެއް ނީވެގެންނެވެ. އެމީހުން ކިޔަމުން ދިޔަ އަންބާ މެދު ކެނޑުނީމައެވެ. މުޅި ކުލާސް ހިމޭންވީމައެވެ. ތަހުސީނު އިނީ ފާޑަކަށް ރަކިވެފައެވެ. އޭނާގެ ދެ ލޯ ހުރީ ބޮޑުވެފައެވެ. އަނގަވަނީ ބެދިފައެވެ. އަހަންނަށް ލޮލަށް ގޮތެއް ހަދައިލެވުނެވެ. ތަހުސީނުގެ ފަހަތުގައި އިން ރިޔާޒާގެ ލޮލުގެ އިޝާރާތެއްވީމައެވެ.

"ސަރ ދުރުވެއްޖެ." ވިދާދާ ވައި އަޑުން ބުނެލިއެވެ.

އަހަންނަށް ކުރިއަށް ބަލައިލެވުނެވެ. އަހަރުމެންގެ ގްރޭޑް ބަލަހައްޓާ ލީޑިން ޓީޗަރު ހުރީ އަހަރެން ކުރިމަތީގައެވެ. އަނގައިން ވެސް ނުބުނެ ތަހުސީނުގެ މޫނަށް ބަލާށެވެ. ފާޑަކަށް ބިރުގަންނަ ގޮތްވިއެވެ. ސަރއަށް ތަހުސީނު ކީ އެއްޗެހި އިވުނީ ބާވައެވެ؟

"ތަހުސީނު އާދެބަލަ ސަރއާއެކު." ހިތްހަމަ ނުޖެހިފައިވާ ރާގެއްގައި ސަރ ބުނެލިއެވެ.

އަހަރެންގެ ބިރުން ރޫރޫ އަޅައިގަތެވެ. ވިދާދާ ވައި އަޑުން އެއްޗެއް ބުނެލިއެވެ. އަހަންނަކަށް އޭނާ ބުނި ވާހަކައެއް ފަހުމެއް ނުވިއެވެ. އޭނާ އެވާހަކަ ދެވަނަ ފަހަރަށް ތަކުރާރުކޮށްލިއެވެ.

"އަނގަފުރޭތަ ނެރެން އެނގެން ދިޔައީ."

"ކާކު ސަރގާތު ބުނީ؟" އަހަރެން އަހައިލީމެވެ.

"އަހަރެން،" ވިދާދާ ލަސްލަހުން ބުނެލިއެވެ. "އެއްވެސް މީހަކަށް އެހެން މީހުންނާ ބެހުމުގެ ހައްގެއް ނޯންނާނެ. އަމުދުން އެ ޒާތަށް ފޮށުމުގެ ހައްގެއް ނޯންނާނެ. އަހަންނަށް އެނގޭ ހިދާއަށް ކުރާ އަސަރު. އެކަމާ ހެދި، ހިދާ ވިސްނާ ވިސްނުން. އެންމެ ދުވަހަކު ދެ ދުވަހަކު ނޫން މިކަމެއް ހިނގަނީ. ގުރޭޑު ހަތަކުން ފެށިގެން، މިހާރު މިއީ ގްރޭޑް ނުވައެއް. ޚުދު އަހަންނާ ރިޔާޒާއާ ދެމީހުން އޭނާއަށް ވިސްނައިދީފިން. އެކަމަކު..."

"ދެން! އަނެއްކާ އޭނާ ކަންތައް ބޮޑުކޮށްލައިފިއްޔާޔޯ!" އަހަންނަށް ބުނެލެވުނެވެ.

އިރުކޮޅަކުން އަހަރެން ވެސް ކައުންސެލިން ރޫމަށް ހާޟިރު ކުރެވުނެވެ. އަހަންނަށް ބަލައިލެވުނީ މާހައުލަށެވެ. ތަހުސީނު ހިމޭންވެފައި އިނެވެ. ހީވަނީ އީދަށް ކަތިލަން ތައްޔާރުކޮށްފައިވާ ކުކުޅެއް ހެންނެވެ. އަހަރެން ގާތަށް ފާޑަކަށް ހިނި ވެސް އައެވެ. ނަމަވެސް އެކަން ނުދައްކާ އަބުއި ކަން މޫނުމަތިން ފާއްދައިލީމެވެ.

"އަހަންނަށް މަޢާފުކުރޭ!" ކުރަކި އަޑަކުން ލަސްލަހުން ތަހުސީނު ބުނެލިއެވެ.

"ކިހިނެއްވީ؟" އަހަރެން ނޭނގޭ ކަމަށް ހެދީމެވެ.

އެއްފަހަރު ސަރގެ މޫނަށް އަނެއް ފަހަރު ތަހުސީނުގެ މޫނަށް ބަލައިލީމެވެ.

"އަހަންނަށް ކުރެވުނީ ރަނގަޅުކަމެއް ނޫން. އަސްލު އަހަންނަށް ނުވިސްނުނީ. ހިދާގެ ކުށެއް ނެތް. ހިދާއަކީ ނަޖިހެއް ނޫން. ފަކުރެއް ނޫން. އެކަމަކު އަހަންނަށް ކުރިން ވިސްނިފައި އޮތީ އެހެން. މީހުން ކިޔަނީ ވެސް އެހެން،" ތަހުސީނު އިސް ޖަހައިލައިގެން އިނދެ ބުނެލިއެވެ. "ސަރ އަޅުގަނޑަށް ވިސްނައިދެއްވައިފި. ވަރަށް ރަނގަޅަށް ވިސްނައިދެއްވައިފި. އަޅުގަނޑަށް ތިކަހަލަ ހާލަތެއް ދިމާވި ނަމަ ކުރާނެ އަސަރު ކިޔައިދެއްވައިފި. ހަގީގަތުގައި ހިދާ ވަރަށް ހިތްވަރު ގަދަ. ވަރަށް ކެތްތެރި."

އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ލުއި ގޮތަކަށް ހިނިތުންވެލަމުން ސަލާމަށް އަތްދިއްކޮށްލީމެވެ. ބަދަލުގައި ތަހުސީނު ސަލާމް ކޮށްލިއެވެ.

"ސޮރީ! ދެން އަހަރެން ހުންނާނީ ހިދާގެ ހިމާޔަތްދޭ ކުއްޖެއް ފަދައިން. ފުރަމިތުރެއް ގޮތުގައި." ތަހުސީނ ބުނެލިއެވެ.

"ތޭންކްސް." އަހަރެން ލޮލާއި މޫނުގެ ހަރަކާތުން އޭނާއަށް މައާފުދިނީމެވެ.

"ސަރ މިއަދު ވަރަށް އުފާވެއްޖެ. މިއަދު ހުރިހާ ކުދިން ވެސް ވިސްނަންވީ ކަމެއް އެބައޮތް. ހިދާ ފަދަ އެތައް ކުދިންނެއް މި ދިވެހި މުޖުތަމައުގައި ވެސް ނިކަމެތި ހާލުގައި އެބަތިބި. މައިންބަފައިން ދުނިޔޭގައި ތިބެމެ އަޅައިލާނެ މީހަކު ނެތިފަ. ދައުލަތުގެ ބެލުމުގެ ދަށުގައި. އެކުދިންގެ އިހުސާސްތަކަށް ނިކަން ވިސްނައިލަބަ. އެކުދިންނަށް ކުރާނެ އަސަރު ނިކަން އަމިއްލައަށް ވަޒަންކޮށްލަބަލަ،" ސަރ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "މިފަދަ ހާލަތަކަށް ތިޔަ ކުދިންގެ ހަޔާތުގެ ދުވަސްތައް ދާން ބޭނުންތަ؟ މި ފަދަ ކުދިން ދިރިއުޅުމަށް ކުރާ ދަތުރުގައި މާޔޫސްކޮށްލަން ތިޔަ ކުދީން ބޭނުންތަ؟ ވިސްނައިލަބަލަ."

ސަރ މުޅި ކުލާހާ މުޚާތަބުކުރަމުން ދިޔައީ އަހަންނާއި ތަހުސީނު އެގޮތަށް ވާހަކަދައްކަން ބޭނުންވީމައެވެ.

"ޤާނޫނީ މައިންބަފައިންގެ ގޮތުގައި ހިދާގެ މަންމައާއި ބައްޕަ، ހިދާ އެ ގެންގުޅެނީ ކިހައި ލޯބިން. އުފަން ދަރީން ގެންގުޅޭ ގޮތަށް. ދެން އެއްވެސް މީހަކަށް، އެއްވެސް ކުއްޖަކަށް ހިދާއަށް މަލާމަތް ކުރެވޭނެތަ؟ ހިދާއަކީ މަންމަ ނެތް ކުއްޖެކޭ ކިޔޭނެތަ؟ ހިދާއަކީ ބައްޕަ ނެތް ކުއްޖެކޭ ކިޔޭނެތަ؟ ހިދާގެ އަސްލު މަންމައާއި ބައްޕަ ގާތުގައި ނެތަސް، އެމީހުން އަޅައި ހިދާއަށް އަޅައި ނުލިޔަސް، އެއީ ކޮން ބައެއްކަން ހިދާއަށް ނޭނގުނަސް، މިއަދު ހިދާއަކީ ގާނޫނީ މަންމައަކާއި ބައްޕައެއް ހުރި ކުއްޖެއް. އެހެންވީމަ މިފަދަ ހާލަތުގައި ތިބޭ ކުދިން ހިތުގައި ޖެއްސުމަށް އެފަދަ ވާހަކަ ދައްކާ ބަޔަކަށް ތި ކުދިން ނުވާތި،" ސަރ ހުއްޓައިލިއެވެ. "މިއަދު ސަރ ވަރަށް އުފާކޮށްފިން، މި ކުލާހުގެ ކުދިންތަކެއް އިސްވެ މިކަން ރިޕޯޓުކުރީމަ. އެކުދިންގެ ހިތްވަރުން މިއަދު އަހަރުމެންނަށް މި ސަލާމަތްކުރެވުނީ މުހިއްމު ދަރިއެއް. އުއްމީދުގެ ހުޅުކޮޅު ކަނިވަމުން ދަނިކޮށް އެ ހުޅުކޮޅަށް ދިރުން މި ދެވުނީ އެ ކުދިންގެ ސަބަބުން."

އަހަންނަށް ބަލައިލެވުނީ ވިދާދާއަށެވެ. އޭނާގެ ލޮލުން ކަރުނަ ހިލެމުން ދިޔަ މަންޒަރު އަހަންނަށް ފެނުނެވެ. ވިދާދާ އަތް ހިއްލައިލިއެވެ. ހުއްދައަށް އެދުމަށެވެ. ސަރ ލޮލުން އިޝާރާތްކޮށްލިއެވެ.

"ކޮންމެ މީހަކު ވެސް ވާންވީ، މިފަދަ ކުދިންނަށް އަޅައިލާ މީހަކަށް. ގަނާކުރުމާ ދެކޮޅު މީހަކަށް. މީހުންނަށް ފުރައްސާރަކުރުމާއި މަލާމާތް ނުކޮށް، އަނެއްކާގެ އިހުސާސްތަކަށް އިހުތިރާމު ކުރާ މީހަކަށް. އަނގަފުރޭތައިގެ އަވައިގައި ނުޖެހި ދިރިއުޅެން ދަސްކުރަން. މިއަދު ހިދާ ދެއްކި ހިތްވަރަށް އަޅުގަނޑުމެން ތައުރީފުކުރަން." ވިދާދާ އަތް ޖަހަން ފެށިއެވެ.

ފަހަތުން ކުލާސް ހުރިހާ ކުދިން ކޮޅަށް ތެދުވެ އެކުއެކީ އަތްޖަހަން ފެށިއެވެ. ސަރ ވެސް ބައިވެރިވިއެވެ. ތަހުސީނު ވެސް އަތްޖަހަމުން ދިޔައެވެ. އެންމެ ފަހުން ތަހުސީނު ގުރޫޕު ހުރިހާ ކުދިން ކޮޅަށް ތެދުވެ ބާރުބާރަށް އަތްޖަހަމުން ދިޔައެވެ. އަހަރެން ފެންކަޅިވިއެވެ. އެ ދުވަހަށް ފަހު އަހަންނަކީ މުޖުތަމައުގައި ބާކީ ނުވެ އުޅޭ އެހެން ކުދިން ފަދަ ކުއްޖެއްކަމުގެ އިހުސާސްކުރެވެންފެށިއެވެ. އަހަރެންގެ ހިމާޔަތުގައި ވަކާލާތު ކުރާނެ ދޫތައް އިތުރުވިއެވެ. މުހިއްމީ މަންމައާއި ބައްޕައެއް ނޫނެވެ. އެމީހުންދޭފަދައިން ލޯބި ދޭނެ ބަޔެކެވެ. އޯގާތެރި މުޖުތަމައެކެވެ.

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox