ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރާއެކު ގދ. ތިނަދޫއިން މީހަކު ހައްޔަރުކޮށްފި އެވެ.
ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިނަދޫއިން މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެ އޮޕަރޭޝަން ހިންގީ، އެރަށުގައި ފުޅާދާއިރާއެއްގައި ބަނގުރާ ގެންގުޅެ، އެތަކެތީގެ ވިޔަފާރު ކުރާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމަތަކާ ގުޅިގެންނެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭތަން ބަލާ ފާސްކޮށް ފުލުހުން ވަނީ ގިނަ އަދަދެއްގެ ބިޔަރާއި ބަނގުރާ އަތުލައިގެންފަ އެވެ. އެގޮތުން، 138 ބިޔަރު ދަޅާއި 103 ފުޅި ބަނގުރާ އަތުލައިގަތް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ބަންދަށް ހަތަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.













