ބަނޑަށް މިވާ އުނދަގުލުން ސަލާމަތްވާނީ ކިހިނެއް؟

May 28, 2023, 11:13 AM
ބަނޑަށް މިވާ އުނދަގުލުން ސަލާމަތްވާނީ ކިހިނެއް؟

އާންމުކޮށް ޖެހޭ ރޯގާ ފިޔަވައި ދެން އެންމެ ގިނަ ބަޔަކު ތަހަންމަލު ކުރަންޖެހޭ އެއް އުނދަގުލަކީ ބަނޑުގެ މައްސަލަތަކެވެ. ވައި ހެދުމާއި ވާނުވާއެއް ނޭނގި ބަނޑުގައި ރިއްސުމާއި ފާހާނާއަށް ދާން އުނދަގޫވުމުގެ އިތުރުން ހަޖަމު ކުރުމުގެ މައްސަލަތަކެވެ.

މި ކަންކަމަކީ އާންމުކޮށް ގިނަ ބަޔަކަށް ކުރިމަތިވާ އުނދަގޫތަކެއް ނަމަވެސް، އެކަމުން ސަލާމަތް ވާން ކުރާނީ ކޮން ކަމެއް ކަމާއި އެއީ ކީއްވެގެން ކުރިމަތިވާ ކަންތައްތަކެއްކަން ގިނަ މީހުންނަކަށް ނޭނގެ އެވެ.

މިފަދަ މައްސަލަތައް ކުރިމަތިވާ ސަބަބުތަކާ ގުޅޭ ގޮތުން އޭޑީކޭގެ ގޭސްޓްރޮއެންޓްރޮލޮޖިސްޓު، މުކޭޝް ޕުރަޝާދް ސަހް ވިދާޅުވީ އެގޮތަށް ދިމާވާ ހުރިހާ ކަންކަމަކީ ވެސް (ބޮޑު ބައްޔަކާ ގުޅިގެން ކުރިމަތިވާ ކަމެއް ނޫންނަމަ) ކަސްރަތު ކުރުމާއެކު ކެއުންބުއިމުގެ ވަކި މިނެއް، ހަމައެއް ގެންގުޅޭ ކަމުގައިވަންޏާ ހައްލު ކުރެވޭނެ ކަންކަން ކަމަށެވެ.

އެހެން ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބަނޑަށް އެވާ ތަދާއި، އެވާ ގޮތަކީ ކޮބައިކަން އެނގުން ވެސް މުހިންމު ކަމަށް ޑރ. ވިދާޅުވި އެވެ. އެގޮތުން އާންމުކޮށް ކެއުންބުއިމުގެ އާދަތަކާ ގުޅިގެން ކުރިމަތި ވަނީ މައިގަނޑު ފަސް ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ:

  • ބަނޑުގައި ވައި ހެދުން ނުވަތަ ގޭސްޓުރައިޓިސް
  • ބަނޑު ފުއްޕުން ނުވަތަ ޑިސްޕެޕްސިއާ
  • ކާއެއްޗެއްގެ ސަބަބުން ވިހަވުން ނުވަތަ ފުޑް ޕޮއިޒަނިން
  • ކާއެއްޗެހި ހަޖަމު ކުރަން އުނދަގޫވުން

ބަނޑުގައި ވައި ހެދުން ނުވަތަ ގޭސްޓުރައިޓިސް

މިއީ ގިނަ ބަޔަކަށް އެންމެ އާންމުކޮށް ކުރިމަތިވާ އުނދަގުލެވެ. މި ހާލަތު ދިމާވުމުން ކާހޮޅިތެރެއިން ގިނިވައި އަރައި، އަރު ތެރެއަށް ތޫނު ތަދެއް އިހުސާސް ކުރެވެ އެވެ. އަދި އެ އަރާ ވައި ބޭރު ވާއިރު ވެސް އަރުތެރެއަށް ތަދު އިހުސާސް ކުރެވޭނެ އެވެ. ބަނޑުގައި ވައި ހެދުމާ ގުޅިގެން ދިވެހިން މިކިޔާ، މޭ އެންދުން ވެސް ކުރިމަތި ވަނީ މިހާލަތު ދިމާވުމުންނެވެ.

މި ހާލަތު ކުރިމަތިވަނީ ކޮންމެވެސް ކަމަކާ ގުޅިގެން ގޮހޮރު ދުޅަވުމުގެ ސަބަބުން ކަމަށް ޑރ. މުކޭޝް ވިދާޅުވި އެވެ.

"ގޭސްޓުރައިޓިސް ވުމުގެ ސަބަބުން އެންމެ އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި އުކުނޑި ކޮށްޓުމާއި ހޮޑުލެވުމާއި ބޯ އެނބުރުން އަދި ފާޚާނާއަށް ދެވުން ހިމެނޭ، މިއީ މާބޮޑުވަރުވެއްޖެ ނަމަ، ސިއްހީ ފަރުވާދޭ މަރުކަޒަކުން ކުއްލި ފަރުވާ ހޯދަންދޭންޖެހޭ ފަދަ ބައްޔެއް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އާންމު ހާލަތުގައި ގިނައިން ފެން ބުއިމާއެކު ކަސްރަތު ކުރުމުން މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ޑރ. ވިދާޅުވި އެވެ.

ގޭސްޓުރައިޓިސްގެ މައްސަލަ ކުރިމަތިވާން ދިމާވާ އެންމެ އާންމު ކަންތައްތަކުގެ ތެރޭގައި ތަދުކަނޑުވާ ބޭސް ނުވަތަ ޕެއިން ރިލީވާ ކެއުމާއި ކާއެއްޗަކަށް އެލާޖިކުވުމާއި އުމުރުން ދުވަސްވުމުގެ ސަބަބުންނާއި މާކުޅިކޮށް ނުވަތަ ތެޔޮ އެއްޗެހި ގިނައިން ކެއުން ހިމެނެ އެވެ.

ހަޖަމުގެ މައްސަލަ ނުވަތަ ޑިސްޕެޕްސިއާ

ޑިސްޕެޕްސިއާއަކީ ހަޖަމު ކުރުމުގެ މައްސަލައާ ގުޅިގެން ދިމާވާ ހާލަތެކެވެ. އެ ހާލަތު ދިމާވުމުން ބަނޑުގައި ވައި ހެދި، ބާރަށް ވައިލެވުމާއި ބަނޑުގައި ރިއްސުމާއި ބަނޑު ފުއްޕުމާއި ކާހިތްނުވުުގެ އިތުރުން އަބަދުވެސް ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރެވެ އެވެ.

މި ހާލަތު ދިމާވާ ސީދާ ސަބަބެއް ކަނޑައެޅިގެން ބުނަން ނޭނގުނު ނަމަވެސް އެއީ ކެއުމަށްފަހު ބަނޑުގެ މަސްތަކަށް އަންނަން ޖެހޭ ބަދަލުތައް ނައުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ކަމާބެހޭ މާހިރުން ލަފާކުރައްވާ ކަމަށް ޑރ. މުކޭޝް ވިދާޅުވި އެވެ.

"ޑިސްޕެޕްސިއާގެ ހާލަތު ދިމާވާން މެދުވެރިވާ އެންމެ އާންމު ސަބަބުތަކަކީ ލެކްޓޯސް އިންޓޮލެރެންސް، ގޭސްޓުރައިޓިސް، ގިނައިން ސިނގިރޭޓު ބުއިން، ޑިޕްރެޝަން އަދި އެންޓިބައޮޓިކް ފަދަ ބޭސްތައް ބޭނުން ކުރުން،" އޭނާ ވިދާޅުވި އެވެ.

ޑރ. ވިދާޅުވީ މިކަމަކީ ވެސް ކެއުމުގެ އުސޫލުތަކަށާއި ތަފާތު އެކި ބަލިތަކަށް ބޭސް ކާ މީހުންގެ ޝެޑިއުލަށް ހެޔޮ ބަދަލުތަކެއް ގެނެސްގެން ހައްލު ކުރެވޭނެ ކަމެއް ކަމަށެވެ.

ކާއެއްޗެއްގެ ސަބަބުން ވިހަވުން ނުވަތަ ފުޑް ޕޮއިޒަނިން

މިއީ ނުގުޅޭ އެއްޗެއް ކެވުމުން ނުވަތަ ބޮވުމުން ކުރިމަތިވާ ހާލަތެކެވެ. ބައެއް މީހުންނަށް ކާއެއްޗެއްސަށް ވިހަވުމާއި ގޭސްޓުރައިޓިސްއާ އޮންނަނީ ވަރަށް ބޮޑަށް އޮޅިފަ އެވެ. ބަނޑުގައި ވައި ދުވާފަދަ އިހުސާސެއް ކުރެވުމާ އެކު ގަދައަށް ބަނޑަށް ތަދުވާނަމަ އެއީ ފުޑް ޕޮއިޒަނިންގެ އަލާމާތެއް ކަމަށް ޑރ. މުކޭޝް ވިދާޅުވި އެވެ.

"ފުޑް ޕޮއިޒަނިންގެ މައްސަލަ ކުރިމަތި ވީމާ ކުރަންޖެހޭ ކަމަކީ ގިނައިން އޯއާރުއެސް ބޭނުން ކުރުން، ބަނޑަށް މާބޮޑަށް ތަދުވާނަމަ ޕެއިން ކިލާއެއް ކެއުން،" އޭނާ ވިދާޅުވި އެވެ.

ފުޑް ޕޮއިޒަނިންގެ މައްސަލަ އެންމެ އާންމު ގޮތެއްގައި ކުރިމަތިވަނީ އެފަހަރާ މާގިނައިން ކެއުމުންނާއި ރަނގަޅަށް ރޯނުފިލުވާ ހުންނަ އެއްޗެއް ކެއުން ނުވަތަ ގެއިން ބޭރުން ގޮތް ނޭނގޭ ތަނަކުން ކެއުމުންނެވެ.

މި ބައްޔަކީ ސިއްހީ ފަރުވާދޭ ތަނަކުން ނޫނަސް ގޭގައި އަމިއްލައަށް ވެސް ފަރުވާ ހޯދިދާނެ ބައްޔެކެވެ. ނަމަވެސް ބޮޑުވަރުވެއްޖެ ނަމަ ސިއްހީ މާހިރުންގެ އެހީތެރިކަމާއި ލަފާ ހޯދަން ޖެހޭނެ އެވެ.

ކާއެއްޗެހި ހަޖަމު ކުރަން އުނދަގޫވުން

ކާއެޗެހި ހަޖަމު ކުރަން އުނދަގޫވުން ނުވަތަ ފުޑް އިންޓޮލެރެންސްއަކީ ވެސް ވަރަށް އާންމުކޮށް މީހުންނަށް ދިމާވާ ކަމެކެވެ. މި ހަލަތު ދިމާވުމުން ބޭރަށް ހިންގުމާއި ބަނޑުގައި ރިއްސުމުގެ އިތުރުން ގޮހޮރުގައި ވައިހެދި ފުއްޕާ ގޮތްވެ އެވެ.

"އެންމެ އާންމުކޮށް ފުޑް އިންޓޮލެރެންސާއި ފުޑް އެލާޖީއާ މީހުންނަށް އޮޅެނީ، އެކަމަކު އެއީ ތަފާތު ދެކަމެއް، ފުޑް އިންޓޮލެރެންސް ދިމާވުމުން ކުރިމަތިވާނީ ހަމައެކަނި ހަޖަމުގެ މައްސަލަ، އެލާޖީގެ އެއްވެސް އަލާމާތެއް ނުފެންނާނެ،" ޑރ. މުކޭޝް ވިދާޅުވި އެވެ.

އެނާ ވިދާޅުވީ ފުޑް އިންޓޮލެރެންސް ވެސް ކުރިމަތިވަނީ ނުގުޅޭ އެއްޗެއް ކެއުމުން ކަމަށާއި، ނުގުޅޭ ކާ އެއްޗެހި ދެނެގަތުމަށް އެންމެ ފަސޭހަ ވާނީ ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން "އެލިމިނޭޝަން ޑައިޓެއް" ނަގައިގެން ކަމަށެވެ.

"އެންމެ އާންމުކޮށް މީހުންނަށް ޓޮލަރޭޓް ނުކުރެވޭ ކާއެއްޗެހީގެ ތެރޭގައި، ޑެއިރީގެ ބާވަތްތަކާއި ޕީނަޓާއި ސީފުޑުގެ ބައެއް ބާވަތްތަކުގެ އިތުރުން ކޯން ފަދަ އެއްޗެހި ހިމެނޭ،" ޑރ. މުކޭޝް ވިދާޅުވި އެވެ.

މި ހާލަތު ކުރިމަތިވުމުން ސަލާމަތްވުމަށް ކުރެވެން އޮންނަ އެންމެ މުހިންމު ކަމަކީ ނުގުޅޭ ކާއެއްޗެހި ދެނެގަނެ އެފަދަ ކާނާއާ ދުރުހެލި ވުމެވެ.

ހައްލަކީ ކޮބާ؟

ޑރ. މުކޭޝް ވިދާޅުވީ އެ ހުރިހާ ކަންތައްތަކަކީ ވެސް ކުރިމަތިވުމުގެ ކުރިން ރައްކާތެރިވެ ތިބެވޭނެ ކަންކަން ކަމަށެވެ. އެގޮތުން ކުރަންޖެހޭ ކަންތައްތަކަކާއި ކުރުމުން ދުރުހެލި ވާންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށް އޭނާ ވިދަޅުވި އެވެ.

"ހުރިހާ ކަމެއް ވެސް ގުޅިފައި މި އޮންނަނީ މީހާގެ ލައިފް ސްޓައިލާ، ކިތަންމެ ވަރަކަށް ބޭސް ކުރިއަސް އުޅުމަށް ބަދަލު ނުގެންނަ ނަމަ، ދާއިމީ ހައްލެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެގޮތުން ގަވާއިދުން ކުރަންޖެހޭ ކަންތައްތަކުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ:

  • ކެއުމުގައި ވަކި ގަޑިތަކެއް ކަނޑައަޅައި ހަމައެއް ހިފެހެއްޓުން
  • ކާގަޑިތަކުގައި އެއްފަހަރާ މާގިނައިން ނުކެއުން
  • ކެއުމުގެ ކުރިންނާއި ފަހުން ވެސް ގިނައިން ފެން ބޯން އާދަ ކުރުން
  • ލަސްލަހުން ކާން އާދަ ކުރުން
  • ގަވާއިދުން ކަސްރަތު ކުރުން

ދުރުހެލި ވާންޖެހޭ ކަންތައްތަކުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ:

  • ކެފެއިން ހިމެނޭ އެއްޗެހި އެހައި ގިނައިން ބޭނުން ނުކުރުން
  • ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުން
  • ގިނައިން ހަކުރު ހިމެނޭ ކާތަކެއްޗާ ދުރުހެލިވުން
  • ކަމަކާނުލައި ޕެއިން ކިލާ ފަދަ ބޭސްތައް ބޭނުން ކުރުމުން ދުރުހެލިވުން

މި ކަންކަމަކީ ބަނޑަށް ކުރިމަތިވާ އުނދަގޫތަކުގެ އިތުރުން ވެސް ތަފާތު އެކި ބަލިތަކުން ރައްކާތެރި ކޮށްދޭނެ ކަންތައް ތަކެއްކަން ޑރ. މުކޭޝް ފާހަގަ ކުރި އެވެ. ނަމަވެސް އެންމެ އާންމުކޮށް ކުރިމަތިވާ މި އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދުމަށް މިހުރިހާ ކަންތައްތަކެއް ކުރުން ވެސް މުހިންމުކަން ޑރ. މުކޭޝް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox